އޭލެވެލްގެ ރަންވަނައަށް ފަހު، މި އެއްމާބަނޑު ދެބެންވީ ހާފިޒުންނަށް

އެ މީހުން މާކުރިއްސުރެ ވަނީ ގުރުއާނަށް އަހުލުވެރިވެފަ އެވެ. އެކަމަކު އެ މީހުންނަށް ބޮޑުބޭބެ ކިޔާ، އުމުރުން 11 އަހަރުގެ ކޮއްކޮ ގުރުއާން ހިތުދަސްކޮށް، ހާފިޒުކަމުގެ ސަނަދު ހޯދުމާ އެކު އެއީ ކުރެވިދާނެ ކަމެއްކަން އެނގުނެވެ. އެއާ އެކު، އުމުރުން 35 އަހަރުގެ އެއްމާބަނޑު ދެބެން ކަމަށްވާ ހުސެން ޝިފާން އާއި ހަސަން ސިނާން ގުރުއާން ހިތުދަސްކޮށް، މަދު ދުވަސްކޮޅެއްގެ ތެރޭގައި ވަނީ ހާފިޒުކަމުގެ ސަނަދު ހޯދާފަ އެވެ.
ގ. ހީނާހިޔާއަށް އުފަން މި ދެބެން، އޭގެ ކުރިން ފާހަގަކޮށްލެވެނީ ކިޔެވުމަށް މޮޅު، ހިތްއަލި ދަރިވަރުންތަކެއްގެ ގޮތުގަ އެވެ. ސީއެޗްއެސްއީގައި މަތީ ސާނަވީއަށް ކިޔެވި އިރު، އޭލެވެލްއިން މުޅި ރާއްޖެއިން ހުސެން އެއްވަނަ ހޯދި އެވެ. ހަސަންއަށް ލިބުނީ ދެވަނަ އެވެ. އެއާ އެކު މަދީނާ ޔުނިވަސިޓީއިން ލިބުނު ސްކޮލަޝިޕްގައި އެ ދެ ދަރިވަރުން މަތީ ތައުލީމް ހާސިލް ކުރަން ދިޔައީ މަދީނާއަށެވެ.
"ވަރަށް ކުޑައިރުއްސުރެ އަޅުގަނޑުމެން ސްކޫލުގެ ގުރުއާން މުބާރާތްތަކުގެ ހިތުދަސްކުރާ ބައިގައި ބައިވެރިވަން. އެހެންވެ، ސްކޫލު ނިމުނު އިރު، 17 ފޮތް އޮތީ ހިތުދަސްވެފައި،" ހުސެން ކިޔައިދިނެވެ.
"އެކަމަކު ގުރުއާން އެއްކޮށް ހިތުދަސް ކުރީ މަދީނާގައި އުޅުނު އިރުގައި."
މަދީނާގައި އެ ދެބެން ކިޔެވީ ހަދީސްގެ އިލްމެވެ. އެކަމަކު ބައްޕަ ކުއްލިއަކަށް ބަލިވުމާ ގުޅިގެން އެ މީހުންނަށް ޖެހުނީ، ކޯހުގެ ބާކީ އަހަރެއްހާ ދުވަސް އޮއްވާ ކިޔެވުން ފުރިހަމަނުކޮށް 2016 ވަނަ އަހަރު މާލެ އަންނާށެވެ. އެކި ސަބަބުތަކާ ހުރެ އެނބުރި ދެވޭ ގޮތެއް ނުވި އެވެ.
ދެން އެ މީހުން މަޝްއޫލުވީ އާއިލީ ވިޔަފާރީގެ ތެރޭގަ އެވެ. ދިރިއުޅުމުގެ އެކި ކަންކަމާ މާބުރަކޮށް އުޅެވި، ގަވައިދުން މުރާޖައާ ނުކުރެވުމުގެ ސަބަބުން ހިތުދަސްކޮށްފައިވާ ގުރުއާން އެ މީހުންގެ ހިތުން ދިޔައީ ފޮހެވެމުންނެވެ. ހާފިޒުކަމުގެ ސަނަދު ހޯދުމަކީ އޭރު އެ މީހުން ވިސްނާފައި އޮތް ކަމެއް ވެސް ނޫނެވެ. އެކަމަކު އެ ހުރިހާ ކަމެއް ބަދަލުވީ، ހަމަ އެ ގޭތެރެއިން ކުޑަކުޑަ ހާފިޒެއް އުފަންވުމާ އެކު އެވެ.
ހުސެން އާއި ހަސަންއަށް ބޮޑުބޭބެ ކިޔާ، އުމުރުން 15 އަހަރުގެ ބިލާލް ބިން އަހުމަދު ގުރުއާން ހިތުދަސްކުރީ، 2024 ވަނަ އަހަރުގެ ތެރޭގަ އެވެ. މުރާޖައާ ކުރުމުގައި އޭނާއަށް ދެ ބޮޑުބޭބެއިން އެހީވި އެވެ. ކޮންމެ ދުވަހަކު ވެސް އޭނާ ޓެސްޓަށް ދަނީ އެ މީހުންނަށް ފިލާވަޅު ކިޔައިދީފަ އެވެ.
ގުރުއާނަށް ކޮއްކޮ ދިން ސަމާލުކަމާއި ލޯބި ފެނި އަނެއްކާ ވެސް އެއްމާބަނޑު ދެބެންގެ ހިތުގައި، ހިތުދަސްކުރުމުގެ ޝައުގުވެރިކަން އުފެދުނެވެ. ހިތުގައި ފަނޑުވިފައިވާ ގުރުއާނުގެ އާޔަތްތައް އާވާންފެށި އެވެ. އެހެންވެ، އަނެއްކާވެސް އެ ދެބެން، އިސްލާމިކް ޔުނިވަސިޓީގެ މުރާޖައާ ކްލާހަކާ ގުޅި، ގުރުއާން ފަރިތަކުރަން ފެށި އެވެ.
އެއް ވިސްނުމަކާއި އެެއް ފިކުރެއް ހިއްސާކުރާ ދެބެން، އެކުގައި އެ ފަދަ ދަތުރެއް އެކުގައި ފަށައިގަތުމަކީ ދެ މީހުންނަށް ވެސް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. އެ ދަތުރުގައި އެ މީހުންގެ އެންމެ ބޮޑު ބައިވެރިއަކީ ވެސް އެކަކު އަނެކަކެވެ. މުރާޖައާކޮށްފައި އެކަކު އަނެކަކަށް ކިޔައިދެ އެވެ. ފިލާވަޅު ނެގުމުގައި އެހީވެ އެވެ. އެކުގައި ވާދަ ޖަހަ އެވެ.
އެހެންވެ، އެންމެ ތިން މަސްދުވަހުގެ ތެރޭގައި އެ މީހުން ވަނީ މުރާޖައާ ކްލާސް ނިންމައި ގުރުއާން ހިތުދަސްކޮށްފަ އެވެ.
އެ ދެބެން ހާފިޒަކަށް ވުމަކީ އެ މީހުންގެ ބައްޕަގެ ވަރަށް ބޮޑު ހުވަފެނެކެވެ. އެންމެ އުފާވަނީ އެ ހުވަފެން ކާމިޔާބުކުރެވުމުން ކަމަށް ބުންޏެވެ.
ގުރުއާން ހިތުދަސްކުރުމުގެ އެ ދަތުރުގައި އެ މީހުންނަށް ދަސްވީ، ކަމެއް ފަށާފައި އެކަމެއް ދޫކޮށްނުލުމެވެ. ހިތުދަސްކުރާ ފުރަތަމަކޮޅު މާ ގިނައިން ކުށްޖެހޭތީ، ދެން ނުވާނެ ކަމަށް ގަބޫލުކޮށް ބައެއް މީހުން އެކަން ހުއްޓާލާ ކަމަށް ބުންޏެވެ. އެކަމަކު ހިތްވަރު އެލުވާނުލައި ގުރުއާނުގައިވާ އެއްގޮތް އާޔަތްތަކަށް އިތުރު ސަމާލުކަމެއް ދީގެން އެކަން ފުރިހަމަ ކުރުމަށް އެ މީހުން ނަސޭހަތްތެރިވި އެވެ.
މި ފަދަ ބޮޑު ކާމިޔާބީއެއް ހާސިލްވުމުން، އެ މީހުންގެ ހިތް އޮތީ ޝުކުރުން ފުރިފަ އެވެ. އާއިލާގެ އިތުރުން އެންމެ ކުޑައިރުއްސުރެ ގުރުއާން ކިޔަވައިދިން ގުރުއާން ކްލާސްތަކާއި ސްކޫލުތަކާއި ޓީޗަރުންނަށް ވަކިވަކިން އެ މީހުން ޝުކުރު އަދާކުރި އެވެ. އެ މީހުންގެ މަސައްކަތާ ނުލައި އެ ފަދަ ކަމެއް ކާމިޔާބު ނުވާނެ ކަމަށް އެ މީހުން ގަބޫލު ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ