ކުޑަކުދިން ފަލަވަމުންދާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ސިއްހަތަށް ނުރަނގަޅު ކާބޯތަކެތި ނުވަތަ "ޖަންކް ފުޑް" ޓީވީ އާއި އޮންލައިން ޕްލެޓްފޯމްތަކުގައި އިޝްތިހާރުކުރުން އިނގިރޭސިވިލާތުގައި މަނާކޮށްފިއެވެ.
މިދިޔަ ހަފުތާގައި އަމަލުކުރަން ފެށި މި ގަވާއިދުގެ ދަށުން، ސަރުބީ، ލޮނު އަދި ހަކުރު ގިނައިން އެކުލެވޭ ކާބޯތަކެއްޗާއި ބުއިންތައް ރޭގަނޑު 9:00 ގެ ކުރިން ޓީވީން ދެއްކުމަކީ މަނާކަމެކެވެ. އަދި އޮންލައިންކޮށް އެފަދަ ތަކެތި އިޝްތިހާރެއް ނުކުރެވޭނެ އެވެ.
މި ބޭންގެ ދަށުން މައިގަނޑު ގޮތެއްގައި ހިމެނެނީ ކުޑަކުދިން ފަލަވުމަށް މަގުފަހިވާ މައިގަނޑު ބާވަތްތަކެވެ. އޭގެ ތެރޭގައި، ހަކުރު ގިނަ ބުއިންތަކާއި ސޮފްޓް ޑްރިންކްސް، ޗޮކްލެޓާއި ފޮނި ކޭންޑީގެ ބާވަތްތައް، ޕިއްޒާ އާއި އައިސްކްރީމް، ބައެއް ބްރެކްފަސްޓް ސީރިއަލް އާއި ހަކުރު ގިނަ ފޯރިޖް އެވެ.
އިޝްތިހާރު ކުރުން މަނާވާނީ ކޮން އުފެއްދުމެއްތޯ ކަނޑައަޅަނީ އެ އެއްޗެއްގައި ހިމެނޭ ނިއުޓްރިއަންޓް ލެވެލްއަށް ބަލައި ހާއްސަ ސްކޯރިންގް ޓޫލްއެއް ބޭނުންކޮށްގެންނެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި މި ގަވާއިދުގެ ސަބަބުން ކުދި ކުންފުނިތަކަށް ވުރެ ބޮޑެތި ކުންފުނިތަކަށް ލިބޭ ގެއްލުން ކުޑަވާނެއެވެ. ސަބަބަކީ ވަކިވަކި އުފެއްދުންތައް އިޝްތިހާރު ނުކުރެވުނު ނަމަވެސް، ކުންފުނީގެ ލޯގޯ ނުވަތަ ބްރޭންޑް ނަން (މިސާލަކަށް: ޕެޕްސީ) އިޝްތިހާރު ކުރުމުގެ ފުރުސަތު އޮތުމެވެ.
އެންއެޗްއެސް ގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، އިނގިރޭސިވިލާތުގެ ސްކޫލް ފަށާ އުމުރުގެ ކޮންމެ 10 ކުދިންގެ ތެރެއިން އެކަކީ (9.2 ޕަސެންޓުގެ ކުދިންނަކީ) ފަލަބަލީގެ ޝިކާރައަކަށް ވެފައިވާ ކުދިންނެވެ. އަދި އުމުރުން 5 އަހަރުވާއިރު ކޮންމެ 5 ކުއްޖަކުން އެކަކީ ދަތް ފަނިކެޔުމުގެ މައްސަލަ ކުރިމަތިވެފައިވާ ކުދިންނެވެ.
މި ބަލިތަކަށް ފަރުވާ ދިނުމަށް ދައުލަތުން އަހަރަކު 11 ބިލިއަން ޕައުންޑަށް ވުރެ ގިނައިން ހަރަދުކުރެއެވެ.
ސަރުކާރުން އަންދާޒާ ކުރާ ގޮތުގައި މި ފިޔަވަޅުގެ ސަބަބުން ކުޑަކުދިން ފަލަވުމުގެ ގާތްގަނޑަކަށް 20،000 ކޭސް މަދުކުރެވޭނެއެވެ.
ހާޓްފޯޑްޝަޔަ ޔުނިވަސިޓީގެ ޕްރޮފެސަރު ކެތަރިން ބްރައުން ވިދާޅުވީ، މިއީ ވަރަށް ކުރިން އަޅަންޖެހިފައި އޮތް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ސިއްހަތަށް ފައިދާހުރި ކާބޯތަކެތި އަގުހެޔޮކޮށް، ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް އޭނާ ސަރުކާރަށް ގޮވާލެއްވިއެވެ.
ފުޑް އެންޑް ޑްރިންކް ފެޑަރޭޝަން އިން ބުނީ، މި ގަވާއިދަށް އެއްބާރުލުން ދޭނެ ކަމަށާއި، މިދިޔަ 10 އަހަރު ތެރޭގައި އެ ފެޑަރޭޝަނުގެ މެންބަރުން އުފައްދާ ތަކެތީގައި ހިމެނޭ ލޮނާއި ހަކުރުގެ މިންވަރު ތިންބައިކުޅަ އެއްބަޔަށް މަދުކޮށްފައިވާ ކަމަށެވެ.
ޖަންކް ފުޑް އިޝްތިހާރުކުރުން އިނގިރޭސިވިލާތުގައި މަނާކޮށްފި ޖަންކް ފުޑް އިޝްތިހާރުކުރުން އިނގިރޭސިވިލާތުގައި މަނާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ