ހީނާމާގެ އާރްސީސީއާ ހަވާލުކުރިކަމުގެ އެއްބަސްވުމެއް ނެތް ފެންނާކަށް: އާދަމް އާޒިމް ހީނާމާގެ އާރްސީސީއާ ހަވާލުކުރިކަމުގެ އެއްބަސްވުމެއް ނެތް ފެންނާކަށް: އާދަމް އާޒިމް

ހީނާމާގެ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) އާ ހަވާލުކުރިކަމުގެ އެއްބަސްވުމެއް ފެންނަން ނެތް ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
އަދަދު ނޫހުން ގެނެސްދޭ އެތެރެފުށް ޕްރޮގްރާމުގައި އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ދޫކޮށްފައިވާ ބިންތަކުގެ ލިސްޓުގައި ހީނާމާގެ އާރްސީސީއަށް ދިން ކަމަށް ނެތީ އެ ކުންފުންޏަށް ބިން ދިން ކަމުގެ އެއްބަސްވުމެއް ފެންނަން ނެތުމުން ކަމަށެވެ.
މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގެ 8،000 އަކަފޫޓުގެ ހީނާމާގެ ދިގު މުއްދަތަކަށް އާރުސީސީއަށް ދީފައި ވަނީ ޕާކިން ބިލްޑިންއެއް ހެދުމަށާއި، ވިޔަފާރީގެ އެހެން ބޭނުންތަކަށް ބޭނުން ކުރެވޭ ގޮތަށެވެ.
"ކައުންސިލްގައި އެ ނެތް ފެންނާކަށް އެނގޭތޯ [ހީނާމާގެ އާރްސީސީއާ ހަވާލުކުރިކަމުގެ އެއްބަސްވުމެއް]. އަޅުގަނޑުމެން އެ އޮތީ ޕަބްލިޝް ކޮށްފައި ކައުންސިލްގައި ހުރި ހުރިހާ އެއްޗެއް،" މޭޔަރު ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ހީނާމާގެ އާރްސީސީއަށް ދީފައި އޮތް ކަމަށް ބުނެ މިހާތަނަށް ކައުންސިލަށް އެ ކުންފުނިން ނުވެސް އަންނަ ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ދޫކޮށްފައިވާ ބިމުގެ ކަންތައް ކޮޅެއް ޖެއްސުމަށް ކުރިއަށް އޮތް ތަނުގައި ސިޓީ ކައުންސިލުގައި ނެތް އެއްބަސްވުމެއް ހިފައިގެން އައިސްފިނަމަ، އެ އެއްބަސްވުން ބަލައި ނުގަންނަން ކައުންސިލުން މިހާރު ފާސްކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.
"ނާދޭ [އާރްސީސީން އެގްރީމަންޓްގެ ކަންތަކާ]. ދެން އަނެއްކާ މިހާރު އަޅުގަނޑު އިންނާނެ މިދިޔަ ކައުންސިލް ބައްދަލުވުމުގައި ކޯރަމް ގެއްލުވާލުމުގެ ކުރިއަށް އެއްޗެއް ފާސްކޮށްފައި. އޭތި ލީވެސް އެހެންވެގެން ކޯރަމް ގެއްލިދާނެތީ، ކުރިއަށް ލާފައި އޮންނާނީ. ދެން އަންނަ އެއްވެސް ކޮންޓްރެކްޓެއް އަޅުގަނޑުމެން އޮނާ ނުކުރާނެ ކަމަށް އެތާ ތެރެއަށް. ކޮންމެވެސް ހިސާބަކުން ބިމުގެ ކަންތައް ނިމެންޖެހޭ،" މޭޔަރު ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ކައުންސިލްގައި ނެތް އެއްބަސްވުމެއް ހިފައިގެން އެއްވެސް ބަޔަކު އައިސްފިނަމަ، މީގެ ފަހުން އެ އެއްބަސްވުމެއް ކަށަވަރުކުރަން ޖެހޭނީ ކޯޓު މެދުވެރިކޮށް ކަމަށެވެ. ކޯޓުން ގޮތެއް ނުނިންމަނީސް އެ އެއްބަސްވުމެއް ކައުންސިލުން ބަލައިނުގަންނާނެ ކަމަށް މޭޔަރު ތަކުރާރުކުރެއްވި އެވެ.
"އެހެންވީމަ މިހާރަކު ދެން މިތަނަށް ކޮންޓްރެކްޓްތައް ހިފައިގެން އަންނަ މީހުން އެމީހުން ކޯޓުތަކަށް ގޮސްގެން ކޮންޓްރެކްޓްތައް ހޯދަން ޖެހޭނީ ދެން ހޯދާ އެއްޗެއް. މިތަނަށް [ކައުންސިލަށް] ގެނެސްގެން އަޅުގަނޑުމެން އެ އެއްޗެހި ގަބޫލެއް ނުކުރާނަން،" އާޒިމް ވިދާޅުވި އެވެ.
އާރްސީސީގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ އާޒިމް ވިދާޅުވީ 70 އަހަރުގެ އެ ކުންފުންނަކީ އޭނާގެ ބައްޕަގެ ބުރަ މަސައްކަތް ކަމަށެވެ. އެ ކުންފުނި މިހާ ހިސާބަށް އައިސްފައިވަނީ އޭނާގެ އިތުރުން އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމްއަށް ސަރުކާރުގެ މަގާމެއް ލިބިގެން ނޫން ކަމަށެވެ.
އާޒިމް ވަނީ އޭނާގެ މައިންބަފައިންގެ ބުރަ މަސައްކަތުގެ އަގު ސިޔާސީ ބޭނުމަށް ވައްޓާލަން މަސައްކަތް ކުރުމަކީ ވަރަށް ވިޔާނުދާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
މި ސަރުކާރާއި ގާތް ގުޅުމެއް އޮންނަ ކުންފުންޏެއް ގޮތަށް ފާހަގަކުރެވޭ އާރްސީސީން ދަނީ ސަރުކާރުގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. އޭގެ ތެރޭގައި ބިޑަކާ ނުލައި 55 ރަށެއްގައި ކައުންސިލް އިމާރާތް އެޅުމަށް 631 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއު ހިމެނެ އެވެ. އެ މައްސަލަ އޭސީސީން ދަނީ ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ