ކާށިދޫ ބަލިކޮށް އޭދަފުށިން ގޯލްޑަން ފުޓްސަލް ޗެރިޓީ ޝީލްޑް އުފުލާލައިފި ކާށިދޫ ބަލިކޮށް އޭދަފުށިން ގޯލްޑަން ފުޓްސަލް ޗެރިޓީ ޝީލްޑް އުފުލާލައިފި

ޕެނަލްޓީ ޖަހައިގެން ކ. ކާށިދޫ އަތުން 3-1 އިން މޮޅުވެ، ބ. އޭދަފުށިން، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެރިޓީ ޝީލްޑް އުފުލާލައިފި އެވެ.
އޭދަފުށްޓަކީ، ގޯލްޑަން ފުޓްސަލް ޗެރިޓީ ޝީލްޑް ކާމިޔާބުކުރި ތިން ވަނަ ޓީމެވެ.
މިިދިޔަ އަހަރުގެ ގޯލްްޑަން ފުޓްސަލް ޗެރިޓީ ޝީލްޑް މެޗުގައި އޭދަފުށި ވަނީ ލ. ގަން އަތުން 1-0 އިން ބަލިވެފަ އެވެ. ގަމުން ދެ ފަހަރު ޗެރިޓީ ޝީލްޑް ކާމިޔާބުކުރިއިރު، 2024 ވަނަ އަހަރު ވަނީ، ތ. ތިމަރަފުށި ބަލިކޮށް، ފުރަތަަމަ ފަހަރަށް ޝީލްޑް އުފުލާލައިފަ އެވެ. ގޯލްޑަން ފުޓްސަލް އިން ފުރަތަމަ ފަހަރަށް ޝީލްޑް މެޗު ބޭއްވިއިރު، 2023 ވަނަ އަހަރު، ތިމަރަފުށި 3-0 އިން ބަލިކޮށް، ޝީލްޑް އުފުލާލީ ކ. ގާފަރެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު ޝީލްޑް މެޗުގައި، ދެ ޓީމުގެ ފަރާތުން ވެސް ގިނަ ހަމަލާތަކެއް ފެނިގެންދިޔައިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު މެޗު އޮތީ 0-0 އިން އެއްވަރުވެފަ އެވެ. މެޗުގެ ތެރޭގައި، އޭދަފުށީގެ ކުޅުންތެރިން ފޮނުވާލި ހަމަލާތައް ކާށިދޫ ގޯލު ބަލަހައްޓަމުން ދިޔަ، މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކިންގް، މުހައްމަދު ސަލީލް ވަނީ މަތަކޮށްފަ އެވެ. އަދި، އޭދަފުށީގެ ގޯލުގައި ހުރި އެ ޓީމުގެ ކީޕަރު، މުހައްމަދު ނާސިހު ވަނީ ކާށިދޫގެ އެޓޭކްތައް ހުއްޓުވުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މި ފަހަރުގެ ގޯލްޑަން ފުޓްސަލްގައި ވީޑިއޯ ސަޕޯޓްގެ ބޭނުންކުރަން ނިންމާފައިވާއިރު، މިރޭ ޝީލްޑް މެޗުގައި ވެސް ވަނީ ކާށިދޫން އެދިގެން ވީޑިއޯ ސަޕޯޓްގެ ބޭނުންހިފައިފަ އެވެ.
ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހުނުއިރު، މިއީ، ގޯލްޑަން ފުޓްސަލްގެ ޗެރިޓީ ޝީލްޑް މެޗެއް ޕެނަލްޓީ އަށް ދިޔަ ފުރަަތަމަ ފަހަރެވެ. ޕެނަލްޓީގައި އޭދަފުށީގެ ތަރި އަކީ ބަދަލު ކީޕަރު މުހައްމަދު ޝާން އެވެ. އޭނާ ވަނީ ކާށިދޫގެ ތިން ޕެނަލްޓީއެއް މަތަކޮށްފަ އެވެ. އެއީ، ކާށިދޫގެ އަބްދުﷲ ސުޒެއިރު، އިލްވާން މުހައްމަދު (އިއްލެ) އަދި އަހުމަދު މަޖީދުގެ ޕެނަލްޓީތަކެވެ. ކާށިދޫގެ އަޖުލާން އަބްދުލް ހަންނާން ވަނީ ޕެނަލްޓީ ވައްދާލައިފަ އެވެ.
އޭދަފުށިން ޕެނަލްޓީ ނާކާމިޔާބުވީ އަހުމަދު ފާތިން ފޮނުވާލި ޕެނަލްޓީ އެވެ. އެ ޓީމުން ޕެނަލްޓީތައް ކާމިޔާބުކުރީ، އިބްރާހިމް ޝަރީފް، އަލީ ނަސީމް (ދިއްލި) އަދި އުނައިޝް ޒުބެއިރު (އުނޭ) އެވެ.
މިއީ، ގޯލްޑަން ފުޓްސަލްގައި، ކާށިދޫ އަތުން އޭދަފުށިން ޖެހިޖެހިގެން ހޯދި ތިން ވަނަ މޮޅެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ޒޯން ބުރުގެ މެޗުން 7-4 އިން މޮޅުވިއިރު، ޒޯން ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އޭދަފުށި ވަނީ މޮޅުވެފަ އެވެ. ޕެނަލްޓީގައި އެ ޓީމުގެ ތަރިއަކަށްވީ، މުހައްމަދު އަޖުފާން އެވެ. ޕެނަލްޓީގައި އެ މެޗުގައި ވެސް މޮޅުވީ 3-1 އިންނެވެ.
މި ފަހަރުގެ ޗެރިޓީ ޝީލްޑް މެޗުގެ ފައިސާ ވެސް ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރަން ނިންމައިފަ އެވެ. މި އަހަރުގެ ގޯލްޑަން ފުޓްސަލް މުބާރާތުގެ އަތޮޅު ބުރުގެ މެޗުތައް މާދަމާ ހަވީރު ފަށާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ