ވެލެންސިއާ ކައިރިން ވިކްޓަރީ އަށް ލިބުނީ ޕޮއިންޓެއް ވެލެންސިއާ ކައިރިން ވިކްޓަރީ އަށް ލިބުނީ ޕޮއިންޓެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން ކްލަބް ވެލެންސިއާއާ 1-1 އިން އެއްވަރުވެ، ވިކްޓަރީ ސްޕޯޓްސް ކްލަބުން ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.
ވިކްޓަރީން ވަނީ ލީގުގެ ދެ ވަނަ ބުރުގައި ފުރަތަމަ ކުޅުނު ތިން މެޗުން ވެސް މޮޅުވެފަ އެވެ. އެއީ، ކްލަބް އީގަލްސް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަދި ކްލަބް ގްރީން ސްޓްރީޓްސް އަތުންނެވެ. އެކަމަކު، ވެލެންސިއާއާ ކުޅެގެން ވިކްޓަރީ ބަލިނުވެ ސަލާމަތްވީ ކިރިޔާ އެވެ. މި ޕޮއިންޓާ އެކު، ލީގުގެ ފުލުގައި އޮތް ވެލެންސިއާ ވަނީ ނުވަ ވަނަ އަށް ޖެހިލައިފަ އެވެ. އެއީ، 13 މެޗުން އަށް ޕޮއިންޓާ އެކު އެވެ. އަދި، ވިކްޓަރީ ފަސް ވަނައިގައި އޮތީ 13 މެޗުން 20 ޕޮއިންޓް ހޯދައިގެންނެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގެ 57 ވަނަ މިނިޓްގައި ވެލެންސިއާ އިން ލީޑުނެގީ އެ ޓީމުގެ ފްރާންސް ފޯވާޑް، ސްޓެފަން ބްލޯންކް ޖެހި ގޯލުންނެވެ. މިއީ، އެ ޓީމުގެ އުުރުގުއޭ މިޑްފީލްޑަރު މަޓިއަސް އަޕެލްޓް ޖެހި ޝޮޓެއް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ބްލޯންކް ޖެހި ގޯލެކެވެ.
ވިކްޓަރީން ނަތީޖާ ހަމަހަމަކުރި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
ވެލެންސިއާ އިން ލީޑުނެގިތާ ދެ މިނިޓް ފަހުން، ދަނޑުގެ ލައިޓް މައްސަލަ ޖެހިގެން މެޗުގެ ކުޅުން ވިއްސަށް ވުރެން ގިނަ މިިނިޓަށް މެދުކަނޑާލަން ޖެހުނެވެ.
އަލުން ކުުޅުން ފަށައިގެން މެޗުގެ 95 ވަނަ މިނިޓްގައި ވިކްޓަރީ އަށް އެއްވަރުކޮށްދިން ލަނޑު ޖެހީ ތަޖުރިބާކާރު ފޯވާޑް، އިބްރާހިމް ޝަފްރާޒް (ޝަފްލޭ) އެވެ. ވިކްޓަރީގެ އުޒްބެކިސްތާން ޑިފެންޑަރު، ޖަވޯކިރް އަޒަމޯވް ނަގައިިދިން ހުރަހަށް ޝަފްލޭ އަރައި ބޮލުން ގޯލުގެ ތެރެއަށް ވަނީ ބޯޅަ ފޮނުވާލައިފަ އެވެ.
މި މެޗުގައި ވިކްޓަރީގެ ސްލޮވާކިއާ ފޯވާޑް، މިލޯސް ލެޗްނީ ލަނޑު ޖެހޭތޯ ފޮނުވާލި ބޯޅަތައް ވެލެންސިއާގެ ކީޕަރު މޮލްޑޯވާގެ ވިއޮރެލް ބޮއިއާން ވަނީ މަތަކޮށްފަ އެވެ.
މި ނަތީޖާއާ އެކު، މި ފަހަރުގެ ލީގުގައި ވިކްޓަރީން މި ނިންމާލަން ޖެހުނީ ވެލެންސިއާ އަތުން މޮޅެއް ނުލިބި އެވެ. ލީގުގެ ފުރަތަމަ ބުރުގައި މި ދެ ޓީމު ކުޅުނު މެޗުން ވެލެންސިއާ މޮޅުވީ 1-0 އިންނެވެ.
ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ކްލަބް އީގަލްސް އިން ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ