ގަލޮޅު ސިޓީ ޕާކު ނިންމަން ދިން ތާރީޚަށް ނުނިންމި، އައު ތާރީޚެއް ދީފި

ގަލޮޅު ސިޓީ ޕާކުގެ މަސައްކަތް ނިންމަން އިތުރު ތާރީޚެއް މާލެ ސިޓީ ކައުންސިލުން މިއަދު ދީފިއެވެ. އެ ޕާކު ހެދުމުގެ މަސައްކަތް ފެށީ، މީގެ އަހަރަކަށް ވުރެ ގިނަ ދުވަސް ކުރިން، ޑިސެމްބަރު އަށެއް، 2024ގައެވެ. އޭގެފަހުން، މިދިޔަ ސެޕްޓެމްބަރު އަށެއްގައި ސިޓީ ކައުންސިލުން ބުނީ، މިދިޔަ އޮކްޓޫބަރު މަހުގެ ނިޔަލަށް އެ ޕާކުގެ މަސައްކަތް ނިމޭނެ ކަމަށެވެ. https://sun.mv/210999 މިދިޔަ ބުރާސްފަތި ދުވަހު ސިޓީ ކައުންސިލުން ވަނީ، އެ ޕާކުގެ މަސައްކަތްތައް މޭޔަރު އާދަމް އާޒިމް ބައްލަވައިލައްވާ ވީޑިއޯއެއް ޕޯސްޓުކޮށްފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، ޕާކުގެ ގިނަ މަސައްކަތްތައް މިހާރު ހުރީ ނިމިފައެވެ. ގަޅޮޅު ސިޓީ ޕާކުގައި މޭޔަރު އާދަމް އާޒިމް ---- ފޮޓޯ/ ޝަތުފާ އިތުރު ތަފުސީލުތައް 'ސަން'އާ ހިއްސާކުރައްވައި، މޭޔަރު އާޒިމް ވިދާޅުވީ، ގިނަ މަސައްކަތްތައް ނިމި، މިހާރު އެ ޕާކުގައި ކުރިއަށް ދަނީ ފިނިޝިން މަސައްކަތްތައް ކަމަށެވެ. މަސައްކަތްތައް ނިމޭނެ ތާރީޚަކާ ގުޅޭ ގޮތުން ސުވާލުކުރުމުން މޭޔަރު ވިދާޅުވީ، މި މަހުގެ ތެރޭގައި ޕާކުގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލާނެ ކަމަށެވެ. ނަމަވެސް، ސީދާ ތާރީޚެއް ދޭން ދަތި ކަމަށް އާޒިމް ވިދާޅުވިއެވެ. "މި މަސްތެރޭގައި [ގަލޮޅު ސިޓީ ޕާކު] ހުޅުވާލާފައި ރައްޔިތުންނަށް ބޭނުންކުރެވޭ ވަރު ކުރެވޭނެ،" އާޒިމް ވިދާޅުވިއެވެ. https://x.com/MaleCitymv/status/2007069139907784730 މި ޕާކުގައި ކަސްރަތު ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ބެންޑްމިންޓަން ކޯޓަކާއި ތްރީ އޮން ތްރީ ބާސްކެޓް ކޯޓަކާއި ކުޑަކުދިން ކުޅޭނެ ހުސް ސަރަހައްދެއް ގާއިމުކުރާނެ ކަމަށް މީގެ ކުރިން ސިޓީ ކައުންސިލުން ބުނެފައިވެއެވެ. މީގެ އިތުރުން، އިވެންޓްތައް ބޭއްވުމަށް ޚާއްސަ ކޮށްފައިވާ ސަރަހައްދަކާއި އުމުރުން ދުވަސްމީ މީހުން ހިތްހަމަ ޖައްސާލުމަށް މަޑުކޮށްލައިގެން ތިބުމަށް ތައްޔާރުކޮށްފައިވާ ސަރަހައްދެއް ވެސް ޕާކުގައި ހެދުމަށް ހަމަޖެހިފައިވާ ކަމަށް ކައުންސިލުން ބުނެފައިވެއެވެ. ގަލޮޅު ސިޓީ ފާކު ތަރައްގީކުރުމުގެ މަސައްކަތަކީ، މާލެ ސިޓީއަކީ އަމާން، ހިތްފަސޭހަ، ރައްކާތެރި އަދި އެކަކު އަނެކަކަށް އަޅައިލައި، ހިތް ހެޔޮ އޯގާތެރި ރައްޔިތަކު ދިރިއުޅޭ ސިޓީއަކަށް ހެދެމަށް ކުރަމުންދާ ގިނަ މަސައްކަތުގެ ތެރޭގައި ހިމަނައިގެން ކުރާ މަސައްކަތެއް ކަމަށް ކައުންސިލުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ