ލޮލުގެ ފެނުން ގެއްލި އާމްދަނީ ނުލިބި ހުރި ޚިދުމަތްތެރި ޝައިޚަށް، އިސްލާމިކް މިނިސްޓްރީން ވަޒީފާއެއް

އަހަރުތަކެއް ވަންދެން ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ޝައިޚް މުޙައްމަދު އިބްރާހީމް (ނައިފަރީ)އަށް އާމްދަނީ ނުލިބި ހުއްޓައި، އިސްލާމިކް މިނިސްޓްރީން ވަޒީފާއެއް ހަމަޖައްސައިދީފިއެވެ. ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި މިނިސްޓްރީން ބުނީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ޝައިޚް ނައިފަރީއާ މިއަދު ބައްދަލުކުރެއްވި ކަމަށެވެ. އަދި އެ ވުޒާރާގެ 'ދައުވާ އެންޑް ގައިޑެންސް ސެކްޝަން'ގެ ވާއިޡު މުޝްރިކްގެ މަގާމަށް ޝައިޚް އައްޔަންކުރި ކަމަށް އެ މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީން ބުނީ މިއީ ޕަބްލިކް ސާވިސް ރޭންކު ހަތެއްގެ ވަޒީފާއެއް ކަމަށެވެ. އަދި އެއީ 14،225 ރުފިޔާގެ މުސާރަ ލިބޭ ވަޒީފާއެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި ޝައިޚް އިއްޔެއާ ހަމައަށް ހުންނެވީ ޅ. އަތޮޅު މަދްރަސަތުލް އިފްތިތާހުގެ އިސްލާމް ޓީޗަރުގެ މަގާމުގައެވެ. އެހެން ނަމަވެސް ލޮލުގެ ފެނުން ގެއްލުމާ ގުޅިގެން ޝައިޚް، ނޯ ޕޭ ލީވްގައި ހުންނަވާތާ ހަތަރު އަހަރުވެއްޖެއެވެ. https://x.com/MVIaffairs/status/2006346630187159652 ޝައިޚަކީ ޓީޗަރަކަށް ހުންނެވިއިރު ވެސް އިސްލާމިކް މިނިސްޓްރީއާ ގުޅިގެން އަދި އަމިއްލަ ގޮތުން ވެސް ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރައްވާ ޚިދުމަތްތެރި އިލްމުވެރިއެއްކަން މިނިސްޓްރީން ފާހަގަކުރިއެވެ. އެހެންވެ ޝައިޚަށް އެއްވެސް އާމްދަނީއެއް ނުލިބި އެހާ ގިނަ ދުވަހު ހުންނާތީ، އިސްލާމިކް މިނިސްޓްރީން އިސްނަގައިގެން ޝައިޚްގެ ވަޒީފާ ބަދަލުކުރުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގައި އެދުނީ ކަމަށް އެ މިނިސްޓްރީއިން މައުލޫމާތުދިނެވެ. އަދި މިނިސްޓްރީން މިގޮތަށް އެދިފައިވާތީ ސީއެސްސީއަށް ގާނޫނާ ގަވައިދުން ލިބިދޭ އިޚްތިޔާރުގެ ދަށުން ޝައިޚްގެ ވަޒީފާ ބަދަލުކުރި ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. "ލޮލުގެ ފެނުން ދިޔަފަހުން ވެސް އެބޭފުޅާ ގެންދަވަނީ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު މަސައްކަތްތަކެއް ކުރައްވަމުން. އެހެންވެ މިނިސްޓްރީން ބޭނުންނުވީ އެފަދަ ޚިދުމަތްތެރި ބޭފުޅެއްގެ ބޭނުން ނުހިފާ އެގޮތަށް ބަހައްޓަން،" މިނިސްޓްރީން ހިއްސާކުރި މެސެޖެއްގައި ބުންޏެވެ. މި މަގާމުގައި ހުންނަވައިގެން ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މިނިސްޓްރީން ކުރިއަށްގެންދާ އެކިއެކި ޕްރޮގްރާމްތަކުގައި ޝައިޚް ނައިފަރީ މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ޝައިޚް މުޙައްމަދު އިބްރާހީމް (ނައިފަރީ) --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ މަދަރުސަތުލް އިފްތިތާޙުގެ އިސްލާމް މުދައްރިސެއްގެ ވަޒީފާ އަދާކުރައްވަމުން، ޝައިޚް ވަނީ ދީނީ އެކި މައުޟޫތަކަށް ފޮތް ލިޔުއްވައި، ދަރުސްތައް ދެއްވައި، ދީނީ އެކި ކަންކަމުގައި އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ މަސައްކަތް ކުރައްވައިފައެވެ. ދަރުސް ދެއްވުމުގެ އިތުރުން ޙިސްނުލް މުސްލިމް، ކިތާބުއްޞިޔާމު، ކިތާބުއްޞަލާތު ފަދަ މުހިންމު ފޮތްތަކެއް ޝައިޚް ތަރުޖަމާ ކުރައްވާފައި ވެސް ވެއެވެ. ފާހަގަކުރެވޭ ގޮތުގައި ޝައިޚްގެ ލޮލުގެ ފެނުމަށް މައްސަލަ ދިމާވެ، 2019ވަނަ އަހަރާއި 2021ވަނަ އަހަރު ލޮލުގެ އޮޕަރޭޝަނެއް ކުރެއްވިއެވެ. އަދި 2023 ވަނަ އަހަރު ޝައިޚްގެ ހާލު ގޯސްވުމުގެ ސަބަބުން އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދިނެވެ. އަދި އޭގެ ފަހުން ޝައިޚްގެ ސިކުނޑީގައި ޓިޔުމަރެއް ހުރިކަން އެނގި އެ ޓިޔުމަރު ނެގުމަށް އޮޕަރޭޝަން ކުރަންޖެހޭތީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށް އެ އޮޕަރޭޝަން ވެސް ކުރިއެވެ. https://sun.mv/215372 އޮޕަރޭޝަން ކާމިޔާބުވި ނަމަވެސް، ލޮލުގެ ފެނުން ގެއްލި، ދިމާވި ސިއްހީ މައްސަލަތަކާހުރެ، 17 އަހަރެއްހައި ދުވަހު ޝައިޚް އަދާކުރެއްވި ވަޒީފާ ގެއްލުނެވެ. ދެހާސްތޭވީސް ވަނަ އަހަރު ސިކުނޑީގެ ޓިޔުމަރު ނަގަން ކުރި އޮޕަރޭޝަނުގައި ޓިޔުމަރުގެ 75 ޕަސެންޓު ނެގި އިރު، އަނެއް 25 ޕަސެންޓުގެ ހާލަތު ވަނީ ބަލަންޖެހިފައެވެ. އަދި ދޭތެރެއަކުން ކިޑްނީގެ މައްސަލަ ވެސް ކުރިމަތިވެއެވެ. ޝައިޚްގެ ލޮލުގެ ފެނުން ރަނގަޅުކޮށް، ސިއްހީ ޓެސްޓުތައް ހެދުމަށްޓަކައި އެހީ ޖަމިއްޔާއިން ވަނީ ފަންޑު ހޯދަން ފަށައިފައެވެ. 'އެހީ' ޖަމިއްޔާގެ 'އެދިހަ' ޕްލެޓްފޯމުން ދައްކާ ގޮތުގައި، ޝައިޚްގެ ލޮލުގެ އޮޕަރޭޝަންކޮށް، ސިއްހީ ޓެސްޓުތަކެއް ހެދުމަށް ހަތަރު ލައްކައެއްހާ ރުފިޔާ ބޭނުންވެއެވެ. އަދި 24 ގަޑިއިރުތެރޭ އެހީގެ ގޮތުގައި ވަނީ 407،949 ރުފިޔާ ލިބިފައެވެ. އެއީ 26،455.83 ޑޮލަރެވެ. ޝައިޚަށް މިހާތަނަށް 1،399 ފަރާތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް، 'އެދިހަ' ޕްލެޓްފޯމުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ