ހަނދުމަކޮށްދިނުމެއް!: ޤުރްއާނުގެ މުޢްޖިޒާތްތަކުގެ ތެރެއިން މާމުއި އުފައްދަން މާމުއި ކުޅަދުރު އަދާކުރާ ދައުރު-

ﷲ ތަޢާލާގެ ކުލަދުންވަންތަކަމުގެ ހެކިތައް ފެންނާނީ އެކަންކަމާއިމެދު ވިސްނައި ފިކުރުކުރާ މީހަކަށެވެ. ތިރީގައިވާ ލިޔުމަށް ވިސްނައިލިނަމަވެސް ޢަޖައިބުން ފުރިގެންވާ އެތައް ބައިވަރު ކަންތައްތަކެއް ފެނިގެންދާނެއެވެ. އިން ޝާ ﷲ  
އަންހެން މާމުއި ކުޅަނދުރު 
 -ދެން އަޅުގަނޑުމެން ބަލާލާނީ އެއެއްޗަކުން ގުނާ ޢަދަދު ނުކުރެވޭހާ ގިނަ ބަލިތަކަށް ޝިފާ ލެއްވެވިފައިވާ މާމުޔަށް.
ކެންސަރާއި، ހިތުގެ ބަލިތަކާއި، ފުއްޕާމޭގައި އުފެދޭ ޖަރާސީމާއި، ދަރިން ލިބުމުގައި ހުރި އުނދަގޫތަކާއި، ޒަޚަމްތަކަށް ފަރުވާ ހޯދުމަށް އަޅުގަނޑުމެން މިއަދު ބޭނުންމިކުރާ މާމުޔާމެދު ސައިންސް ވެރިންވަނީ އާދަޔާޚިލާފު ޙައިރާން ކުރުވާފަދަ މަޢުލޫމާތު ތަކެއް ޙިއްސާކުރައްވާފަ. ބުއްދިއެއްނުވާ މި ކުޑަކުޑަ މަޚުލޫޤު މާމުއި އުފެއްދުމުގެ މަރުޙަލާތައް ފުރިހަމަކުރަނީ ނުހަނު ފުރިހަމަ ނިޒާމެއްގެ ދަށުން. މާމުއި ކުޅަނދުރުގެ ތެރެއިން މާމުއި އުފެއްދުމުގެ ހުރިހާ ބުރައެއް އުފުލަނީ އަންހެން ކުޅަނދުރު.
މާބަގީޗާތަކުގައި މާފޮޅޭ މޫސުމުގައި އަންހެން މާމުއި ކުޅަނދުރުތައް ވަރަށް އަވަދިނެތި މަސައްކަތް ކުރަން ޖެހޭ. ކުޅަނދުރު ހަތައިން ކުޅަނދުރު ނުކުމެގެން މާމަލުގެ ފޮނި އެއްކުރުމަށް ކުރަންޖެހޭ ދަތުރަކީ ބޮޑު، ދިގު ދަތުރެއް. ކޮންމެ ދަތުރެއްގައި ގާތްގަނޑަކަށް 7 ކިލޯމީޓަރުގެ ސަރަޙައްދެއް ހޯދާބަލާ. 1500 އަށްވުރެ ގިނަ މަލުން ކޮންމެ ދަތުރެއްގައި ފޮނިބޮއި. އަދި ދަތުރެއް ނިންމާލާފައި އެނބުރި ހަތައަށް އަންނަ އިރު ކުޅަނދުރުގެ ބަރުދަނަށް ފޮނި އޭގެ ހަށިގަނޑުގައި އުފުއްލާ. ކިތަންމެ ދުރަށް، ކިތަންމެ ގިނަ މަގުތަކަކުން ދަތުރުކުރިއަސް މި ކުޑަކުޑަ މާމުއި ކުޅަނދުރަށް އެނބުރި އޭގެ ހަތައަށް އަންނަން އިނގޭ. އަދި ފޮނިބޮއިފައިވާ މާތައް ފާހަގަކޮށް، ދެވަނަ ފަހަރަށް އެ މާތަކަށް ދާންވެސް އިނގޭ.  
މިފަދަ ބޮޑު ނިޒާމެއްގެ ދަށުން މަސައްކަތްކޮށް، ހުދާ، ކަޅާ، ރީނދޫ އަދި ރަތްކުލައިގެ މާމުއި އުފެއްދުމަށް މި ކުޅަނދުރަށް ދަސްކޮށްދެއްވާ އަމުރު ކުރެއްވީ ކޮންފަރާތެއްތޯ! އާދެ، ހުރިހާ މަޚުލޫޤެއްގެ ވެރި ﷲ ތަބާރަކަވަތަޢާލާ. ކީރިތި ޤުރުއާނުގައި ކުޅަނދުރުގެ ނަމުން ނަންދެވުނު ސޫރަތުއް ނަޙުލުގެ 68 ވަނަ އާޔަތާ، 69 ވަނަ އާޔަތުގައި އެ އިލާހު އަންހެން ކުޅަނދުރާ މުޚާތަބު ކުރައްވާ ބަސް ވަޙީ ކުރައްވަނީ މިފަދައިން. وَأَوْحَى رَبُّكَ إِلَى النَّحْلِ  اتَّخِذِى مِنَ الْجِبَالِ بُيُوتًا وَمِنَ الشَّجَرِ وَمِمَّا يَعْرِشُونَ (سورة النحل 68) , ثُمّ كُلِى مِن كُلِّ الثَّمَرِاتِ فَاسْلُكِى سُبُلَ رَبِّكِ ذُلُلاً  يَخْرُجُ مِنْ بُطُوْنِهَا شَرَابٌ مُخْتَلِفٌ أَلْوَا نُهُ, فِيْهِ شِفَآءٌلِّلنَّاسِ, إِنَّ فِى ذَالِكَ لَأَيَةً لِقَوْمٍ يَتَفَكَّرُوْنَ (سورة النحل 69) 
މި އާޔަތުގައި ކުޅަނދުރާ މުޚާތަބު ކުރެވިފައިވަނީ، ޢަރަބި ބަހުގައި އަންހެން ޖިންސާ މުޚާތަބުކުރެވޭގޮތަށް. ކުލީ، ރައްބުކި، މިފަދަ ބަސްތަކުން. މާމުއި އުފެއްދުމުގެ ހުރިހާ ބުރައެއް އުފުއްލަންޖެހެނީ އަންހެން ކުޅަނދުރަށްކަން މީގެ 1400 އަހަރު ކުރިން ޤުރުއާނުގައި ބަޔާންވެފައި ވާއިރު، އަޅުގަނޑުމެން ކީރިތި ޤުރުއާނާ މެދުގައި ފިކުރު ކުރަން ނުވޭތޯ! އެހެނީ ރަސޫލާ ﷺ  ގެ މައްޗަށް ބާއްވާލެއްވުނު އެއްމެބޮޑު މުޢުޖިޒާތަކީ މި ކީރިތި ޤުރުއާން. އަދި އަދާ ޖެހެންދެންވެސް ޖިންނީންނާ އިންސާނުންނަށް އެއާ އެއްފަދަވެގެންވާ އެއްވެސް އެއްޗެއް ގެނައުން، ކީއްކުރަންތޯ! އެއާ އެއްފަދަވެގެންވާ އެއްމެ އާޔަތެއްގެ މިންވަރު ގެނައުމަށްވެސް މީސްތަކުން ނުކުޅެދިފައިވޭ. ފަޞޯޙާތްތެރިކަމާއި ބަލާޣާތްތެރިކަމުގައި އެއްމެ ކުރިއަރާފައިވީ އޭރުގެ ޢަރަބިންނަށްވެސް މި ޤުރުއާނާ އެއްފަދަވެގެންވާ އެއްޗެއް ގެނެވިފައެއް ނުވޭ. އެހެނީ މި ޤުރުއާނުގައި ކުރީގެ އުއްމަތްތަކުގެ ޚަބަރުތަކާ އިންސާނެއްގެ ޙަޔާތަށް ބޭނުންވާނެ ޙުކުމްތަކާއި ޣައިބުގެ ޚަބަރުތަކާ، ކުރިއަށް އޮތް ޒަމާންތަކުގައި ހިނގާނޭ ކަންކަމާ، ސައިންސާ ޢިލްމީ ޙަޤީޤަތްތައް މި ފޮތުގައި ބަޔާންކުރައްވާފައިވޭ. މިފޮތް ކިޔަވާ، އެ ދަސްކޮށް، އެއަށް ފިކުރު ހިންގާ މުޖުތަމަޢުއަކަށް ވުރެން ވަކިން ބޮޑު ހެޔޮ، ޢިލްމީ މުޖުތަމަޢުއެއް އޮންނާނެތޯ! 7 އުޑުގެ މަތިން ބާއްވާލައްވާފައިވާ މި ފޮތާމެދު ވިސްނާލުމަށް ވަގުތުކޮޅެއް ދެއްވަމާތޯ.
أَفَلاَ يَتَدَبَّرُونَ الْقُرْآنَ,  وَلَو كَانَ مِنعِنْدِ غَيْرِ اللهِ لَوَجَدُوا فِيْهِ اخْتِلاَفًا كَثِيْرًا (سورة النساء 82)
 
- ނަޞޭޙަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ