ޖުންޖުލާ 21

"ދިރިއުޅުމުގެ އުފާވެރި ދުވަސްތަކުގައިވެސް އަބަދުވެސް ﷲ ތައަލާއަށް ޒިކުރުކޮށް ޝުކުރުކުރާށެވެ." *** ކާރަށް އެރިއިރު ކާކުގެ ކާރެއްކަމެއް ނޭގޭ.." ޖެނީފާ ގަދަޔަށް ދުފަމުން ވާހަކަދެއްކިއެވެ." އިގޯ ބޮޑު ފިރިހެނެއް ހުވާ.......ފުރުގާންއަށް ބުނަން އެނގުނީ ކީއްވެހެއްޔޯ އޭނަގެ ހުރި އެންމެ ފިރިހެންދަރިއާއި ވަކިކުރަން އުޅެނީ....ތިމަންނަގެ ދަރިފުޅަށޭ ހުރިހާ ހިތާމައެއް އަނިޔާއެއް ލިބެނީ...އަހަރެން ބުނިން އޭނަގެ މަންމަމެންނަށް ބްލޭމްކުރާށޭ. އެމީހުންގެ ޕެރްޝަރާއިހެދިއޭ ފުރުގާން މަށަށް ރުޅިބޭލީ..މަވެސް ގޯސް ހަދަން މަޖުބޫރުކުރުވީ އޭނަ...އާނ އަހަރެންވެސް ކުށްނުކުރަމޭ ނުބުނާނަން..އިންސާނުން ވީމަ ފާފަކުރާނެ...." ޖެނީފާގެ ފަހު ޖުމްލައިން އާރިކްގެ ސަމާލުކަން އަތުލިއެވެ. "ހޫމް..ދެން އެވާހަކަ އަހަން އުޅޭނެކަމެއްނެތް..ސިއްރުވެފައިވާ ކަންތައް ކޮންނަން ވެއްޖެއްޔާ ސިކުނޑިއަށް ޒަލްޒަލާއެއް އައިސް އެފުށްމިފުށަށް ޖެހޭނީ..." "ހޫމް..."އާރިކް ގަސްތުކުރީ މަންމައަށް ވަގުތު ދިނުމަށެވެ. ގޭތެރެއަށް ވަންއިރު ހުރިހާ ދިމާލަކުން ފެނުނީ ސާފުތާހިރުކަމާއި އަމާންކަމެވެ. ހިމޭންކަމެވެ. ހިތްގައިމު ލުއިވަހެކެވެ. ދުމާއި މަސްތުވާ އެއްޗެހި އަދި ސިގްރެޓްވަހުން ސަލާމަތްވެފައިވާ ތަފާތު ތަނެކެވެ. ޖެނީފާއަށް އިހުސާސްކުރެވުނީ ބަޔާންނުކުރެެވޭފަދަ ޖަޒުބާތުތަކެވެ. ކުޑައިރުގެ ހަނދާންތައް ގުޅިފައިވަނީ މިފަދަ އުފާވެރި މާހައުލަކާއެވެ. ރޫހާނީ ހިތްހަމަޖެހުމުގެ ޒައްރެއްގެ މިންވަރުވެސް ހާސިލުވާނީ މިފަދަ ތަނަކުންކަމަށް ވެދާނެއެވެ. މަސްތުވާ އެއްޗެހިން ސިކުނޑިއަށް ވަގުތީ ހަމަޖެހުމެއް ގެނެޔަސް އޭގެ އަނދިރިކަމާއި ނުބައިކަމުގެ ތެރެއަށް އުމުރުގެ ދުވަސްތައް ޣަރަގުވެ ދެދުނިޔެއިން ގެއްލިގެންދަނީއެވެ. އޭނައަށް މިހުޅުވުނީ އެހެން މަގެކެވެ. ނޫރާނީ މަގެކެވެ. ގަމަރިއްޔާ ކޮޓަރިން ނުކުމެގެން އައީ އެއްގޮތަކަށްވެސް ލިވިންރޫމުން އިތުރު މީހަކު ފެންނާނެކަމުގެ އުއްމީދުގައެއްނޫނެވެ. ހަރުގަނޑުގައި އަތުރާފައި ހުރި ފޮތްތައް ބަލަން ހުރި އަންހެންކުއްޖާ ފެނުމާއެކު ހިތުގެ ތެޅުން އަވަސްވިއެވެ. ޖެނީފާވެސް އޭނަގެ މަންމަގެމޫނަށް ނަޒަރު ހުއްޓައިލުމާއެކު އެތައް އިހުސާސްތަކުން ހިތް ގެނބުނެވެ. "ޖަންނަތު....." "ލައްބަ.....އާރިކް ބުނެގެން މިއައީ." "އަލްހަމްދުލިﷲ.....އާރިކްއަކީ ރަގަޅު ކުއްޖެއް..." "ބާބިލް ބުނި މިގެއަށް ބަދަލުވާށޭ...އެކަމަކު..." "މިގޭގެ އުސޫލްތައް ގަބޫލުކޮށް ފަސްނަމާދުކުރަންޏާ ހުރެވޭނެ..."ގަމަރިއްޔާ ގެ ހިނގުމުގައި ލަސްކަމެއް ހުއްޓެވެ. ނަމަވެސް އެމޫނުމަތީގައި އެހާ ރުލެއްނެތެވެ. އަލި މޫނެކެވެ. ހިނިތުންވުމަށް އަބަދު އާދަވެފައިވާފަދައެވެ. އޯގާތެރިކަމުގެ ދެވަނައެއްނެތް ލޮލެކެވެ."ކޮބާ އާރިކް؟ އޭނައާއެކު އައީ؟" "ފޯނެއް އައިސްގެން ކޮޓަރިއަށް ކަން ނޭގޭ ދިޔައީ..." "ސައިބޯން ހިނގާ..." މަންމަގެ އެ ޖުމްލައާއެކު އޭނަގެ ލޮލަށް ކަރުން ޖަމާވާން އުޅުނެވެ. މަންމަ އޭނައަށް މާފުކުރީހެއްޔެވެ؟ މަންމަ ވާހަކަދައްކަނީ އަލަށް ފެނިގެން ވާހަކަދައްކާ އުސޫލަކުންނޫނެވެ. އަބަދު ފެންނަ އެކީގައި އުޅޭ ހެންނެވެ. ޖެނީފާ މަންމަގެ ފަހަތުން ހިނގައިގަންނަމުން ލޯ ފޮހެލިއެވެ. "ޖަންނަތު ފަރުވާ ނިމުނީތަ؟" "ގާތްގަނޑަކަށް ނިމިފައި..." " ބައެއްމީހުން ފަރުވާ ނިންމާފައި އަނެއްކާ ހަމަ އެކަމުގެ ތެރެއަށް ވަދެގަނޭ..އާއިލާނެތި މަގުމަތިވެފައި ނޫނީ މާޔޫސްވެ ނޫނީ ބުނެދޭނެ މީހަކު ނެތިގެން އުޅޭ ނުވިސްނޭ ކުއްޖެއްނަމަ އުޒުރެއް ދެއްކިދާނެ..އެވެސް އިންސާނުންގެ ކުރިމަތީގައި..އެކަމަކު ދަރިން ބޮޑެތިވެ މާމައިންގެ އުމުރަށްދާއިރު ދެން ވިސްނައިލަންވެސް ވާނެ..." ބަދިގެއާއި ހަމަޔަށް ގޮސް ގަމަރިއްޔާ ތަށިތައް ނަގަން އުޅެގަތެވެ. ޖެނީފާ މެހުމާނެއްފަދައިން ގޮނޑިއެއްގައި އިށީދެ އޭނަގެ މަންމަގެ ހަރަކާތްތަކަށް ބަލަން އިނެވެ. ފެނުމާއެކު މަންމަ ދަރުސްދޭންފެށިއެވެ. އެކަމަކު މިއަދު އެ ލަފުޒުތަކުން ހިތަށް އެހެން ކަހަލަ އަސަރެއްކުރުވިއެވެ. "މިހާރު ދެން ޖެހެނީ ހެއްދެވި ފަރާތުގެ ހަޟުރަތަށް ދާން ދަތުރުފަށަން..އެ ކުރު ދަތުރަކަށްވެސް ވެދާނެ. ދިގު ދަތުރަކަށްވެސް ހަމަވެދާނެ އެހެެން މިބުނީ މަރުވާނެ އިރެއް ނޭގޭތީ...އެމީހެއްގެ އަޖަލުގެ ވަގުތު ޖެހުމާއެކު ލަހެއްފަހެއްވެސް ނުވާނެ..ހުސްއަތާ އެނބުރި ދިޔުމަކީ ކޮންކަހަލަކަމެއްކަން ވިސްނަންވާނެ ދޯ..." ގަމަރިއްޔާ ތަށިތައް މޭޒުމަތީގައި ބެހެއްޓިއެވެ. އެކިކުލައިގެ މަގުތަކެވެ. ހަތަރު މަގެވެ. ކުޑައިރެކޭ އެއްފަދައިން މަންމަ މިހިރީ އޭނަގެ ޚިދުމަތުގައި އަތުކުރި އޮޅާލައިގެންނެވެ. ބަސްނޭހިޔަސް ދަރިންވާނީ ދަރިންނަށް ނޫންހެއްޔެވެ؟ އޭނަ ތަފާތެވެ. ބަސްއަހާ ދަރިންނަކީ ނިއުމަތެކެވެ. އޭނަ އެދަރިންކޮޅު އެއްލައިލީއެވެ. ކޮންމެފަދަ ހާލެއްގައިވެސް ﷲއަށް ވަކީލުކޮށްގެން މަންމައާއެކު ދިރިއުޅެވުނުނަމައެވެ. މަންމަގެ އިހުސާންތެރިކަމުގެ ބަދަލު އޭނަ ދިނީ ނުބައި މަގެއް ޚިޔާރުކޮށްގެންނެވެ. "ހުރިހާވެސް ނުބަޔަކީ ޒުވާންއިރު ފިރިހެނުންގެ ދަޅައިގަ ޖެހިގެން މަގުއޮޅޭކަން. ވަކި އުމުރަކަށް ދެވުނީމަ މިވިސްނެނީ އެ ހިތި ހަބަރުފަދަ ހަގީގަތް..ފިރިހެނުން ލިބިދާނެ..ނުލިބޭނީ މަންމައެއް...ބައެއްފަހަރު އެމީހުންނާއިހެދި މުޅި ހަޔާތް ބަރުބާދުވެގެން ހިނގައިދޭ..އަހަންނަށްވެސް ވީ އެހެން..ރީތި މީހުން ފެނުނީމަ ފަހަތުން ދުވެވުނީ..ޒުވާންކަމުގެ ޖޯޝުގައި ނަފުސް އޮޔާލާދިޔައީ..މަންމަ އެބުނީ ތެދެއް..މިވަރުން ލޯ ހުޅުވެންވެއްޖެ..."ޖެނިފާގެ ސިކުނޑީގައި އެކި ޚިޔާލުތައް އެނބުރިގަތްއިރު އޭނަގެ މަންމަ އަވަނުން ގެނައި ޕިއްޒާއެއް ތަށްޓަކަށް ލާފައި ވަޅިން ފޮތިޖަހަންފެށިއެވެ. "ބާބިލް ޕިއްޒާ ހެދީ..އާރިކްއަށް މި ވައްތަރު މީރުކަން އެނގުނީމަ..އެކުއްޖާ އަޅާ ކޭކުގެ ރަހަބެލިންތަ؟ އެވަރުކަމެއް ނުފެންނާނެ.." "ހޮސްޕިޓަލަށް ކޭކު ގެނެސްދޭ.." "ރަގަޅެއްނު...."ގަމަރިއްޔާ ފޯނުން ކޮންމެެވެސް މީހަކަށް ގުޅިއެވެ. އަވަހަށް އަންނަން އެދުނެވެ. މާގިނަ އިރެއްނުވެ އާރިކްއާއި ބާބިލްވެސް ސަޔާއި ބައިވެރިވިއެވެ. އެކަކުވެސް ޖެނީފާއާއިމެދު މެހުމާނެއްގެ ގޮތުގައި ނުދެކެ ހަމަ ވާހަކަދައްކަމުން ދިޔައީ އަބަދު އެކީ އުޅޭހެންނެވެ. ބީރައްޓެހިކަން އިހުސާސްވިޔަ ނުދެއެވެ. އެކަމުން ޖެނީފާއަށް ވަކިން އުދަގޫވިއެވެ. އޭނަ ބޭނުންވަނީ އެންމެން އޭނައާއި ދިމާލަށް އެއްޗެކި ކިޔުމަށެވެ. ޝަކުވާކުރުމަށެވެ. ބީރަައްޓެއްސެއްކަމުގައި ދެކުމަށެވެ. އޭރުން އަދިވެސް އޭނައަށް މިނިވަންކޮށް އުޅެވޭނެ ނޫންހެއްޔެވެ؟ނަމަވެސް ހިތުގެ ކަނަކުން މިއީ އޭނަގެ ކުޑަ ކުޑަ އާއިލާކަމުގައި ހިތް ބުނަން ފެށިއެވެ. އޭނަގެ މަންމައާއި ދަރިންނެވެ. މިއަށްވުރެ ދެން ގާތް ބަޔަކު ވަކި އުޅޭނެހެއްޔެވެ؟ އޭނަ އެބަޔަކު ދިރިއުޅުމުން ނަގާ އެއްލައިލިކަމުގައިވިޔަސް އެންމެން މިތިބީ ހެޔޮހިތުން އޭނަ ބަލައިގަނެގެންނެނެވެ. ޚާއްސަކޮށް މަންމަގެ ފަރާތުން މިސިފަ ފެނުމުން ހިތަށް ކުރަންފެށީ އެހެން ކަހަލަ އަސަރެކެވެ. މަޣުރިބަށް ބަންގި ގޮވިއެވެ. ގަމަރިއްޔާ އެދުނީ ޖެނީފާވެސް ނަމާދުކުރަން އައުމަށެވެ. އޭނަ ކުޑައިރުފަދައިން ބަސް އަހައިގެންގޮސް ނަމާދުކުރަންވެގެން ވުޟޫކޮށްގެން އައެވެ. އިސްވެ ނަމާދުކުރީ މަންމައެވެ. އޭނައާއި ބާބިލް ފަހަތުގައި ތިބެގެން ނަމާދުކުރިއިރު އެހެން ދުވަހު އިހުސާސްނުކުރެވޭފަދަ ފިނިކަމެއް ހިތަށް ލިބުނެވެ. ނަމާދުކޮށް ނިމިގެން ގޭތެރޭގައި ޖަހާފައި ހުރީ ބަގަރާ ސޫރަތެވެ. "އާރިކް ދިޔައީތަ؟" އޭނަ މަންމަ ގާތުން އެހިއެވެ. "މިސްކިތަށް ގޮސް އަންނާނީ އިޝާކޮށްގެން....ﷲތައާލާއަށް ހަމްދުހުރި...އެކުއްޖާފުޅު ކަސިޔާރުވިޔަނުދީ ތެދުމަގުގައި ހިފެހެއްޓުނީ އަމިއްލަ މަސައްކަތަކުންނޫން..ކުޑައިރުއްސުރެ ނަމާދުކުރުވަން ދަސްކޮށް ރަގަޅު އަޚުލާގު އުނގަންނައިދިނިން..ގުރުއާނަށް އަހުލުވެރިކުރުވިން. ނަސޭހަތް އަޑުއަހައިގެން ބަސްއެހުމުން މިއަދު އެކުއްޖާ އަމިއްލަ ފައިމައްޗަށް ތެދުވެވުނީ......." *** ޖެނީފާ ރީހެބަށް ގޮސްފައި އެނދުގައި އޮށޯވެ ރަޖާގަނޑުތެރޭ ފޮރުވިގަތަސް އެރޭ ނިދުން ބޭކާރުވިއެވެ. އޭނައަށް ވިސްނެމުން ދިޔައީ މަންމައާއިމެދުގައެވެ. އޭނަގެ މަންމަ ކިހާ އޯގާތެރިވެފައި އަޅުވެރިހެއްޔެވެ؟ އަންހެނުންނަށް ހުރި ނަމޫނާއެކެވެ. އެހާވަރުން ތަރުބިއްޔަތުކުރި އަންހެންދަރި މިއޮތީ މަސްތުވާ އެއްޗެހީގެ ވަބާގައި ޖެހި ދުނިޔެ ބަރުބާދުވެފައެވެ. ރީހެބެއްގައެވެ. އަންހެނުންނަށް ހުރި ހުތުރެއް ނޫންހެއްޔެވެ؟ އޭނަ ބޭނުންވަނީ މަންމަގެ ގާތުގައި ހުރުމަށެވެ. މަންމައަށް ޚިދުމަތްކޮށްދިނުމަށެވެ. ހަވީރު މަންމަގެ ގާތުގައި ވަގުތު ހޭދަކުރެވުމުން މާޒީގެ ހަނދާންތަކުން ހިތަށް އެލިބުނީ ޑްރަގުންވެސް ދުވަހަކު ނުލިބޭވަރުގެ ހަމަޖެހުމެކެވެ. ފަތިހު ތެދުވެ ނަމާދުކޮށްލީވެސް މަންމަގެ ވާހަކަތައް ހަނދާންވުމުންނެވެ. މަންމަ ބުނެދިނީ ފަރުޟު ފަސްނަމާދުގެ މުހިއްމުކަމެވެ. ނަމާދު ގާއިމުކުރަން ޖެހޭނެކަމުގައެވެ. އޭނަފަދަ ފާފަވެރިންނަށް އެއްވެސް އުއްމީދެއް އޮންނާހެެއްޔެވެ؟ ގުރުއާނުގެ ސަފުހާއެއް ހުޅުވައިލުމާއެކު ފެނުނު އާޔަތުން ހީވީ އޭނައާއި މުޛާތަބުކުރެވުނުހެންނެވެ. ސައިބޮއިި ނިމުނުތަނާހެން ނުދަންނަ އަންހެންކުއްޖަކު ކޮޓަރިއަށް ވަނެވެ. ރަގަޅަށް ވިސްނަައިލުމާއެކު އަނގަމަތީގައި އަތް އެޅުނެވެ. "ނުވެސް އެނގުނު....." ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ