ޗައިނާއަކީ ރާއްޖެއަށް ދަރަނީގެ ބުރަ ޖެއްސި ސަބަބެއްނޫން، ލުއިކޮށްދޭން އެހީވެދޭނެ: ސަފީރު
ޗައިނާއަކީ ރާއްޖެއަށް ދިމާވެފައިވާ ދަރަނީގެ ބުރައިގެ ސަބަބު ނޫން ކަމަށާއި، މަޝްރޫއުތަކުން ނެރެވޭ އާމްދަނީއަކީ ދަރަނިތައް ދައްކަން އެކަށީގެންވާ މިންވަރުގެ ފައިސާކަމަށް, ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ ވިދާޅުވެއްޖެއެވެ. "ސަން"ގެ ޑިޕްލޮމެޓިކް ފޯކަސް ޕްރޮގްރާމްގައި ރާއްޖޭގެ ދަރަނީގެ ހާލަތާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ، ރާއްޖެއާއި، ޗައިނާއާ ދެމެދު މާލީ ގޮތުން އޮތް ގުޅުމަކީ ދެމެހެއްޓެނިވި ގުޅުމެއް ކަމަށެވެ. ފާއިތުވި އަހަރުތަކުގައި ސިނަމާލެ ބްރިޖު ފަދަ މަޝްރޫއުތައް ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ނިމިފައިވާ ކަމަށާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ މަސައްކަތާއި، އެތައް ހާސް ހައުސިން ޔުނިޓުގެ މަސައްކަތް ވެސް ޗައިނާގެ އެހީގައި ނިމިފައިވާ ކަމަށް ސަފީރު ފާހަގަކުރެއްވިއެވެ. ސަފީރު ވިދާޅުވީ ޗައިނާގެ އެހީގައި ހިންގައިފައިވާ އެ މަޝްރޫއުތަކުގެ ތެރެއިން އުފައްދާ ފައިސާއަކީ، އެ މަޝްރޫއުތަކަށް ސަރުކާރުން ނެގި ލޯނުތައް އަނބުރާ ދެއްކޭނެ މިންވަރެއް ކަމަށެވެ. ބްރިޖުގެ މެއިންޓެނެންސް މަސައްކަތް ކުރާ ސީސީސީސީގެ ޓީމެއް-- ފޮޓޯ: މިދުއަމް ސައުދު "އެހެންވެ މި ސަބަބަށް ޓަކައި އަޅުގަނޑު މި ދަންނަވަނީ ޗައިނާއާއި ރާއްޖެއާ ދެމެދު މާލީ ގޮތުން އޮތް އެއްބާރުލުމުގެ ގުޅުމަކީ ދެމެހެއްޓެނިވި ގުޅުމެކޭ،" ސަފީރު ވިދާޅުވިއެވެ. މީގެ އިތުރުން މި ދަނޑިވަޅުގައި ރާއްޖެއަށް ވަގުތީ ގޮތުން މާލީ ދަތިތަކެއް ކުރިމަތިވެފައިވަނީ ކޮވިޑުގެ ސަބަބުން ލިބުނު ޝޮކާއި، ބައެއް މަޝްރޫއުތައް ނުނިމި ލަސްވުމުން އެ މަޝްރޫއުތަކުން އެކަށީގެންވާ ފައިދާ ނުލިބޭތީ ކަމަށް ސަފީރު ދެކެވަޑައިގަންނަވައެވެ. އަދި ޗައިނާއަކީ ރާއްޖެއަށް ދަރަނީގެ ބުރަ އުފުލަން ޖެއްސި ސަބަބު ނޫން ކަމަށް ވެސް ވިދާޅުވިއެވެ. "ޗައިނާއަކީ ރާއްޖޭގެ ދަރަނީގެ ބުރައިގެ ސަބަބު ނޫން ނަމަވެސް ޗައިނާއިން މި އޮތީ އަޅުގަނޑުމެންގެ އެކުވެރިންނަށް [ރާއްޖެއަށް] މި ކަން ހައްލުކޮށްދޭން މަސައްކަތްކުރަން ތައްޔާރަށް،" ސަފީރު ވިދާޅުވިއެވެ. ސަފީރު ވިދާޅުވީ ޗައިނާއަށް ރާއްޖޭން ދައްކަން ހުރި ދަރަނިތައް ދެއްކުމުގައި ލުއިކޮށްދިނުމަށް، ދެ ގައުމުގެ ކަމާ ބެހޭ އިދާރާތައް ގުޅިގެން "ޑެޓް ރީއެރޭންޖްމަންޓް ޕްލޭން" އެއް ނިންމައިފައިވާ ކަމަށެވެ. މިއީ ޗައިނާއިން ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ދޭ އިސްކަމާއި، ސަރުކާރުން އަޅަން ނިންމައިފައިވާ ރިފޯމް ފިޔަވަޅުތަކަށް އެ ގައުމުން ކުރާ އިތުބާރު ވެސް ހާމަކޮށްދޭ ނިންމުމެއް ކަމަށް ސަފީރު ވިދާޅުވިއެވެ. މި ކަންކަމުގެ އިތުރަށް ޗައިނާގެ ހިލޭ އެހީގެ ދަށުން އާ މަޝްރޫއުތައް ހިންގައިދޭން ވެސް ޗައިނާއިން އިއުލާނުކޮށްފައިވާ ކަމަށާއި، މުސްތަގްބަލުގައި ޗައިނާގެ ޑައިރެކްޓް އިންވެސްޓްމަންޓްތައް ރާއްޖެ އައުމަކީ ވެސް ވަރަށް ފުރުސަތު ބޮޑު ކަމެއް ކަމަށް ވިދާޅުވިއެވެ. "އަޅުގަނޑުމެން އެކަމަށް ވެސް މި ދަނީ މަސައްކަތްކުރަމުން. އަޅުގަނޑު އުންމީދުކުރަނީ މުސްތަގްބަލުގައި މި ކަމުގައި ވެސް އިތުރު އުފާވެރި ޚަބަރުތަކެއް ލިބޭނެކަމަށް،" ސަފީރު ވިދާޅުވިއެވެ. https://sun.mv/215839 ރާއްޖޭގެ މާލީ ހާލަތު މި ވަގުތު އޮތް ގޮތާއެކު، މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ޗައިނާއިން ވަނީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ މުހިއްމު މަޝްރޫއުތަކަށް އެހީތެރިވުމުގެ ގޮތުން 600 މިލިއަން ރެންމިންބިން ނުވަތަ 1.3 ބިލިއަން ރުފިޔާގެ ހިލޭ އެހީ ދޭން ނިންމައިފައެވެ. މިއީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން، ހިންގާ ތިން މަޝްރޫއަށް ދޭ ފައިސާއެވެ. މީގެ ތެރޭގައި ވިލިމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް މަޝްރޫއާއި، މާލެ-ވިލިމާލެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫޫއުގެ އިތުރުން 50 ރަށެއްގެ ކައުންސިލް އިމާރާތް ތަރައްގީކުރުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ