ރަމަޟާންމަހަށް ބޭނުންވާ ކާބޯތަކެތި އަވަހަށް ކްލިއާ ކުރުމަށް ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ރޭވެސް ދެ ބޯޓަކުން ގެނައި ގިނަ އަދަދެއްގެ ކާބޯތަކެތި ކްލިއާކޮށްފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
އެމްޕީއެލުން ބުނީ ރޭ އެކަނިވެސް "ނިއުމަތު 3" އާއި "ބްލޫހާ" އިން ގިނަ އަދަދެއްގެ ކާބޯތަކެތި ބާލާފައިވާކަމަށެވެ. މީގެ ތެރޭގައި މޭވާ އާއި ތަރުކާރީގެ ބާވަތްތައް ހިމެނެއެވެ. އެމްޕީއެލުން ބުނީ މީގެ އިތުރުން، މި ހަފުތާގެ ތެރޭގައި އިތުރު އުޅަނދުފަހަރުން ވެސް ގިނަ އަދަދެއްގެ ކާބޯތަކެތި ބަނދަރަށް ބޭލުމަށް ހަމަޖެހިފައިވާކަމަށެވެ.
ކާބޯތަކެތި ހިފައިގެން އައި "ނިއުމަތު 2" ރޭގެ ވަގުތެއްގައި ބަނދަރަށް ކައިރިކޮށްފައިވާއިރު، "ވައިޑޫރިއަމް" އަދި "އަކިލްޝާން" މިވަގުތު އޮތީ މާލެ ކައިރީގައި ނަގިލި ލައިގެންނެވެ. މީގެ އިތުރުން ކާބޯތަކެތީގެ ބާވަތްތަކާއެކު ދަތުރުކުރާ "ވީބީ ޕްރޮގްރެސް" މިއަދުގެ ވަގުތެއްގައި މާލޭ ވިޔަފާރި ބަނދަރަށް ބަނދަރުކުރާނެ ކަމަށް ބެލެވޭކަމަށް އެމްޕީއެލުން ބުންޏެވެ.
އެމްޕީއެލުން ވަނީ ނިމިގެންދިޔަ ހަފްތާ ބްރާސްފަތި ދުވަހުވެސް ރޯދައަށް ގެނައި ގިނަ އަދަދެއްގެ ކާބޯތަކެތި ކްލިއާކޮށްފައެވެ. މީގެ ތެރޭގައި ފިޔާ އަލުވި ބިސް ފާހަގަކޮށްލެވެއެވެ. އެގޮތުން އެދުވަހު އެކަނިވެސް 3،658 ކޭސް ބިހާއި، 2،165 ބަސްތާ ފިޔާ ވަނީ ކްލިއާކޮށްފައެވެ.
ރޯދަމަހު މާލޭ ވިޔަފާރި ބަނދަރަށް ގެންނަ އަވަހަށް ހަލާކުވާ ޒާތުގެ ތަކެތި ކްލިއާ ކުރުމުގެ ގޮތުން އެމްޕީއެލުން ވަނީ މާލޭ ވިޔަފާރި ބަނދަރުގައި 3،000 އަކަފޫޓުގެ ޝެޑެއް މިކަމަށް ހާއްސަކޮށްފައެވެ. ރޯދައަށް ގެންނަ ތަރުކާރީ އާއި މޭވާފަދަ އަވަހަށް ހަލާކުވާ ޒާތުގެ މުދާ ކްލިއާ ކުރުމަށް އެމްޕީއެލުން ހާއްސަ މަސައްކަތްތަކެއް ވަނީ ފަށާފައެވެ.
ދެ ބޯޓަކުން ރޯދައަށް ގެނައި ގިނަ އަދަދެއްގެ ކާބޯތަކެތި ރޭ ކްލިއާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ