މަސައްކަތްކުރާ ރިސޯޓާއި ކައިރިން ބޯހިޔާވަހިކަން ދެނީ

ރަށްރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި އެ ރަށަކާއި ކައިރި ރިސޯޓުތަކުގައި މަސައްކަތްކުރާ ޒުވާނުންނަށް ބޯހިޔާފަހިކަން ފަހިކޮށްދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.ރައީސް ވިދާޅުވީ، ޒުވާނުން ބާރުވެރިކުރުވުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި އެ މަޝްރޫއުތަކުން ފްލެޓް ދޫކުރާއިރު ވަކި އިންސައްތައެއް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށާއި، ޒުވާނުންނަށް ޚާއްސަ ކުރާނެއެވެ.އެހެންކަމުން، ރިސޯޓުތަކާ ކައިރި ރަށްރަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ޒުވާނުންނަށް އާއިލާއާ ގާތުގައި ވަޒީފާ އަދާކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ."މިގޮތަށް ބަލާއިރު އެއްކަމަކީ ގެދޮރުވެރިކަން. އެހެންމަ ސަރުކާރުން އެބަ ވަރަށް ބޮޑަށް އިސްކަންދެން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޒުވާނުންނަށް އެބަ ހޯދަދެން. އެ ރިސޯޓެއްގެ ކައިރިން ނުވަތަ ޓޫރިޒަމް ޒޯނުތަކުގެ ކައިރީގަ ހުންނަ ބޮޑެތި އާބާދީތަކުގައި ބޯހިޔާވަހިކަމުގެ ޕްރޮކެޖްޓުތައް ހިންގަން. އޭރުން މައިގަނޑު ގޮތެއްގައި މި ހައްލުވެގެންދަނީ ޒުވާނުންނަށް އެ ޒުވާނެއްގެ އާއިލާއާ ގާތުން ހައުސިންގ ހޯދުމުގެ ފުރުސަތު." ރައީސް ވިދާޅުވި އެވެ.ރައީސް ވިދާޅުވި ގޮތުގައި ޒުވާނުން ބާރުވެރިކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ބޯހިޔާވަހިކަމެވެ. އެހެންކަމުން މި ސަރުކާރުން އެކަމަށް ވެސް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ މިރޭ ޒުވާނުންނަށް ދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ