ހައިވޭގެ ބޭރުން ރޭސިން ޓްރެކެއް ހަދަނީ، އައްޑޫގައި ވެސް ހަދާނެ

ރާއްޖޭގައި ދެ, ރޭސިން ޓްރެކެއް އަޅާނެ ކަމަށާ މާލެ ސަރަހައްދުގައި އަޅާ ރޭސިން ޓްރެކް މާލެ ހުޅުމާލެ ގުޅާލާ ހައިވޭގެ ބޭރުން ހަދަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
"ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް" ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދެ, ރޭސިން ޓްރެކެއް އަޅާނެ ކަމަށެވެ. އެކަމުގެ ދިރާސާތައް ނިމިފައިވާ ކަމަށް ވިދާޅުވި އެވެ. އެގޮތުން މާލެ ސަރަހައްދުގައި އަޅާ ރޭސިން ޓްރެކް މާލެ ހުޅުމާލެ ގުޅާލާ ހައިވޭގެ ބޭރުން ހަދަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
އެ ސަރަހައްދުގައި ރޭސިން ޓްރެކް އަޅަން ނިންމީ އެ ގޮތަށް ޓެކްނިކަލް ލަފާ ލިބުމުން ކަމަށް ވިދާޅުވި އެވެ.
"މާލެ ސަރަހައްދުގައި ރޭސިން ޓްރެކް އަޅަން އަޅުގަނޑުމެން ބަލާފައި އެންމެ ފީސިބަލް ތަނަކަށް މި ނިންމީ މާލޭން ހުޅުމާލެއަށް ދާން މި އޮންނަ ހައިވޭގެ ބޭރުން ރޭސިން ޓްރެކެއް ގާއިމުކުރުން," ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހުޅުމާލޭގައި ރޭސިންއަށް ފުރުސަތު އޮތްއިރު އެކްސިޑެންޓާއި އެ ނޫން ވެސް އުނދަގޫތައް ހުރި ކަމަށެވެ. އަދި މީހުންނަށް އުނދަގޫވެ އެކަމުގެ ޝަކުވާ ކުރި ކަމަށެވެ. އެހެން ކަމުން މި ފަހަރު އެކަންކަމަށް ރިއާޔަތް ކޮށްފައިވާ ކަމަށެވެ.
ދެވަނަ ރޭސިން ޓްރެކް އަޅާނީ ދެކުނުގެ އައްޑޫ ސިޓީގަ އެވެ. އެ މަސައްކަތް އޮތީ ފައިނަލައިޒް ވަމުންދާ މަރުހަލާގައި ކަމަށާ މަސައްކަތް ކުރަނީ ބޭރުގެ ފަންޑަކުން އެ ޕްރޮޖެކްޓް ހިންގަން ކަމަށް ވިދާޅުވި އެވެ.
ރޭސިން އަކީ ބައެއް ޒުވާނުން ވަރަށް ޝައުގުވެރިވާ ކަމެކެވެ. އެކަމަށް ކުރީން ހުއްދަ ދިނަސް ނުރައްކާތެރި އެކްސިޑެންޓްތައް އިތުރުވެ މީހުން މަރުވާ ނިސްބަތް އިތުރުވާން ފެށުމުން އެކަން މަނާކުރީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ