ގިނަ އެއާޕޯޓް ނާޅާ އެއާ ސްޓްރިޕް އެޅުމާއި ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މިރޭ އޮތް "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް" ހަރަކާތުގައި ބައިވެރިވި ޒުވާނުން ވަނީ ގިނަ އެއާޕޯޓްތަކެއް އެޅުމުން އެކަމުން ދައުލަތަށް ވަރަށް ބޮޑު މާލީ ބުރައެއް އޮތްކަން ފާހަގަ ކުރައްވާފަ އެވެ. އެކަންބޮޑުވުންތައް ބަލައިގަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
ޒުވާނުން ފާހަގަކުރީ އެއާޕޯޓް އެޅުމުގެ ބަދަލުގައި ސީޕްލޭން އޮޕަރޭޝަން ފުޅާކުރުމަށެވެ. ނަމަވެސް ރައީސް ވިދާޅުވީ ސީޕްލޭން އޮޕަރޭޝަން ރޭގަނޑު ކުރިއަށް ނުގެންދެވޭ ކަމަށެވެ. އެހެން ކަމުން ދެން ކުރެވޭނެ ކަމަކާމެދު ވާހަކަ ދައްކާ މަޝްވަރާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
އެގޮތުން ބޮޑެތި ރަށްރަށާއި ބިން އޮތް ރަށްރަށުގައި އެއާ ސްޓްރިޕް އެޅުމާއި ގުޅޭގޮތުން ވާހަކަ ދެކެވިފައިވާ ކަމަށެވެ. އެގޮތުން ރަށްރަށުގައި 600 މީޓަރުގެ އެއާ ސްޓްރިޕެއް އަޅައިގެން ދަތުރުކުރެވޭނެ ކަމަށެވެ.
"އޭރުން ނުޖެހޭ އެއާޕޯޓް ހަދާކަށް. އޭރުން ވަރަށް ގިނަ ރަށްތަކުގައި މަތީން ގޮސް ޖައްސަންވީ," ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު 20 އެއާޕޯޓް ދަނީ އޮޕަރޭޓް ކުރަމުންނެވެ. މުޅީން އަލަށް ހަތަރު ފަސް އެއާޕޯޓެއް އެޅުމުގެ މަސައްކަތް ވަނީ ހަވާލުކޮށްފަ އެވެ. އިތުރު އެއާޕޯޓްތައް އެޅުމަށްވެސް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.
އެއާޕޯޓް ނާޅާ އެއާ ސްޓްރިޕް އެޅުމާއި ގުޅޭގޮތުން މަޝްވަރާ ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ