ބަލިމީހަކަށް ޒިޔާރްތްކުރާނަމަ މިބަޔާންކުރާ 7 ކަންތަކަށް ސަމާލުކަން ދޭންވާނެއެވެ. އަހަރެމެން ބަލިވާނީ ކޮން އިރަކު ކަމެއް ނުއެނގޭނެއެވެ. އަހުރެމެން ކޮންމެ މީހަކުވެސް އެހެން މީހުންގެ ކިބައިން ހަމަ މިކަންކަމަށް ބޭނުންވާނެތީއެވެ.
1 ފުރަތަމަ ކަމަކަށް ބަލިމީހާއަށް ކެވޭނެ، އޭނާއަށް މީރު، ފައިދާހުރި ކާއެއްޗެއް ގެންދަން މަސައްކަތްކުރާށެވެ. ބަލިމީހަކަށް ކާން ދިނުމަކީ ޤިޔާމަތްދުވަހު ތިބާއަށް ހަމައެފަދަ އެއްޗެއް ސުވަރުގެއިން ލިބުމަށް އުންމީދުކުރެވެން އޮތް ކަމެކެވެ.
2 ދެވަނައަށް އޭނާއަށް ފައިދާކުރާނެ އެއްޗެއްވެސް ގެންގޮސް ދޭށެވެ. އެގޮތުން ދީނީ ލިޔުން، ޢިބްރަތްތެރި ވާހަކަ ފަދަ އެއްޗެތިވެސް ގެންދެވިދާނެއެވެ. ބަލި އެނދުގައި އޮންނަ މީހަކަށް އޭނާގެ ޙާލަތު ތަންދޭނަމަ އެފަދަ ތަކެތި ކިޔުމުން ވަރަށް ފައިދާކުރާނެއެވެ. އަދި އެއީ އެފަދަ ތަކެތި ކިޔައި ޢިލްމް އިތުރުކުރުމަށް ލިބޭ ފުރުޞަތެއްވެސްމެއެވެ.
މީގެ އިތުރުން ހިތްހަމަޖެހޭނެ ފަދަ ތަކެތިވެސް ގެންގޮސްދެވިދާނެއެވެ. ބަލި އެނދުގައި އޮންނަ މީހަކަށް ހިތް ހަމަޖެހުން ވަރަށް ބޮޑަށް ބޭނުންވާނެއެވެ. އެއީ ބޭހަށްވުރެވެސް މުހިންމު ކަމެކެވެ.
3 ޒިޔާރްތްކުރާ ވަގުތު މަދުކުރާށެވެ. އެހެނީ ގިނައިރުވުމުން ބައެއް މީހުންނަށް އުނދަގޫވާނެއެވެ. ވީމާ އޭނާއަށް އުނދަގޫ ނުވާކަން ކަށަވަރުކުރަންވާނެއެވެ.
4 ބަލި މީހާ އާއި ބައްދަލުކުރަންވާނީ ހިނިތުންވެ ހުރެއެވެ.
5 ބަލިމީހާއަށް އެކަންކަން އެނގުމުން އުނދަގޫވާނެ ޒާތުގެ އެއްވެސް ވާހަކައެއް ނުދައްކާށެވެ. އެފަދަ ކަންކަން އެނގުމުން އެކަންކަމަށް ވިސްނުމަކީ ބަލިފަސޭހަވުމަށް ހުރަސް އެޅޭނެ ކަމެކެވެ.
6 ބަލިމިހާއަށް ހިތްވަރުދޭންވާނެއެވެ. ބައްޔަށް ބަލައި ޑޮކްޓަރުން ކޮންމެ ގޮތަކަށް ބުނި ނަމަވެސް ﷲ ޝިފާ ދެއްވެވުމުން ފަސޭހަ ނުވާނެ ބައްޔެއް ނޯންނާނެކަން ވިސްނައިދޭންވާނެއެވެ.
7 ވީވަރަކުން ޛިކުރުކޮށް ދުޢާކުރުން ގިނަކުރަން ހަނދާންކޮށްލައިދޭންވާނެއެވެ. ނަމަވެސް އެވާހަކަ އެހައި ގިނަ ނުކުރާށެވެ! ހަމައެއާއިއެކު ބަލިމީހާއަށްޓަކައި ހެޔޮދުޢާކުރުމަކީ އެންމެ މުހިންމު ކަންތަކެވެ.
8 ޔަޤީންކަން ނެތި އަލުން ބައްދަލުކުރަން ދެވޭނެ ދުވަހެއް ނުބުނާށެވެ! ބަލިމީހާ އިންތިޒާރުކުރާނެތީއެވެ. މާޔޫސްވާންޖެއްސުވުމަކީ ބަލިމީހުންނަށް ދެވޭނެ އެންމެ ބޮޑު ދެރައެކެވެ. ވިސްނޭނީ އޭނާއާއިމެދު ފަރުވާކުޑަކުރަނީ ޢޭނާގެ ބޭނުމެއް ނެތުމުން ކަމަށެވެ. މިއީ އިތުރަށް ބަލިބޮޑުވާ ކަމެކެވެ.
ބަލިޙާލުގަ އޮތް މީހަކަށް ޒިޔާރަތްކުރާއިރު ސަމާލުކަންދޭންވީ 8 ކަމެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ