ނިދާއިރުވެސް އަދި އެނޫން ވަޤުތުތަކުގަވެސް ތިމާއަށް ޙިމާޔަތާ ރައްކާތެރިކަން ލިބޭނީ ﷲ ފޮނުއްވަވާ މަލާއިކަތުންގެ ޙިމާޔަތް ހޯދާ މީހަކަށް!

ގިނަ ބައެއްގެ ދިރިއުލުމުގެ ފެންވަރު މަތިވެއްޖެއެވެ. އެހެންކަމުން ގިނަ ބައަކަށް ވަނީ ބައެއް ކަންކަން އޮޅިފައެވެ. ނަތީޖާއެއްގެ ގޮތުން ގިނަ ބައަކަށް ކަންކަމުގައި ހިފެނީ ދުނިޔަވީ ސަބަބުތަކުގައެވެ. ރޫޙާނީ ސަބަބުތައް މަތިން ހަނދާންނައްތައިލެވެއެވެ. އެހެންވެ ސުވާލެއް ކޮށްލާނަމެވެ. 
ދިރިއުޅޭ ގޭގެ ވަށައިގެން ހަތިޔާރުއެޅި ފާރަވެރިން ބެއިތިއްބިއްޔާ ޝައިޠޯނުންގެ ކިބައިން ތިމާއަށް ރައްކައުތެރިކަން ލިބޭނެ ހެއްޔެވެ؟ ދެން މިކިޔައިދެނީ ކަމުގެ ޙަޤީޤަތެވެ. 
ނިދަންވުމުން ގޭގެ ދޮރުތައް ތަޅުލަމުއެވެ. ތަންޑުތައް އަޅުވަމުއެވެ. ތަޅުލައި އަދި ތަންޑުތައް އެޅުވުނުކަން ކަށަވަރުކުރަމުއެވެ. ތަނަވަސްކަން ލިބިގެންވާ މީހުން ގެ ޙިމާޔަތްކުރާނެ ސެކިޔުރިޓީ ގާޑުން ބައިތިއްބައެވެ. ސިޔާސީ މީހުން ސިފައިން ބައިތިއްބައެވެ. 
ޙަޤީޤަތަކީ މިއިން އެއްވެސް ކަމަކުން އެމީހާއަށް ނިދާފައި އޮންނައިރު ބޭނުންވާ ރައްކައުތެރިކަން ފޯރުކޮށްނުދެވޭނެކަމެވެ. އެހެނީ މިއިން އެއްވެސް ކަމަކުން ޝައިޠޯނާގެ ކިބައިން ރައްކައުތެރިކަމެއް ނުލިބެއެވެ. އޭތި ވަދެ ބޭނުންކަމެއް ކުރާނެއެވެ. އެލާމް ސިސްޓަމް ކިތަންމެ ވަރުގަދަކުރިނަމަވެސް އެސިސްޓަމަކަށްވެސް ޝައިޠޯނާ ވަންނަކަމެއް ނުއެނގޭނެއެވެ. 
މީސްތަކުންނޭވެ! މިބުނަނީ ދޮރުތައް ތަޅުލައި ތަންޑުނުއަޅާކަށް ނޫނެވެ. އަދި ތަނަވަސްކަން ހުރިނަމަ ސެކިޔުރިޓީން ނުބައިތިއްބާކަށްވެސް ނޫނެވެ. ސެކިޔުރިޓީ ސިސްޓަމް ވަރުގަދަނުކުރާކަށް ނުކުރާކަށް ނޫނެވެ. އެއީ ހިފަންހުރި ސަބަބުތަކެވެ، މިބުނަނީ ސަބަބުތަކުގައި ހިފިނަމަވެސް އެކަންކަމުން ސަލާމަތް ކުރެވޭނީ ހަމައެކަނި ގެއެވެ. ތިބާއަށް ރައްކައުތެރިކަމެއް ނެތެވެ. ތިބާއަށް ބޭނުންވާ ރައްކައުތެރިކަން ފޯރުކޮށެއް ނުދެވޭނެއެވެ. 
ތިބާއަށް ބޭނުންވާ ރައްކަތެރިކަން ލިބޭނީ ތިބާ ހިމާޔަތްކުރައްވަވާނެ މަލާއިކަތަކު ﷲ ތަޢާލާ ފޮނުއްވެވުމުންނެވެ. އެކަން ޙާޞިލުކުރަން ތަނަވަސްކަމަށް ބޭނުމެއް ނުވެއެވެ. ސެކިޔުރިޓީންވެސް ބޭނުމެއް ނުވެއެވެ. ހަމައެކަނި ކުރަން އޮތް ކަމަކީ ނިދަން އޮށޯވެފައި އާޔަތުލްކުރުސިކިޔައިލުމެވެ. އިތުރަށް ފުރިހަމަކޮށްލަން ބަޤަރާ ސޫރަތުގެ ފަހު ދެއާޔަތްވެސް ކިޔަވައިލާށެވެ. 
އާޔަތުލްކުރުސި ކިޔަވައިގެން ނިދީމާ އެމީހަކު ނިދީން ހޭލެވެންދެން އެމީހާ ޙިމާޔަތްކޮށްދެއްވަވާނެ މަލާއިކަތަކު ﷲ ތަޢާލާ ފޮނުއްވަވައި ދެއްވަވާނެތެވެ. ވީމާ އެންމެ މުހިންމު ކަމަކީ ތިމާއަށް ބޭނުންވާ ޙިމާޔަތްކަން ހޯދައިގެން ނިދުން ނޫންހެއްޔެވެ؟ އެހެނަސް އަހަރެމެންގެ ތެރެއިން ގިނަ ބައަކަށް މިއުޅެނީ މިހައި ފަސޭހައިން ހޯދެން އޮތް ﷲ ތަޢާލާގެ ޙިމާޔަތާއި ރައްކައުތެރިކަން ނުހޯދިގެންނެވެ. ވީމާ މިދެއްކި ވާހަކަކޮޅުން ތިއަބައިމީހުންނަށް އެއްޗެއް ވިސްނި ފައިދާ ޙާޞިލުކުރުމަށް ހިތްވަރު ލިބިގެންދާނެކަމަށް އުންމީދުކުރަމެވެ. 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ