ބޮޑު ތިލަދުންމައްޗަށް ގެންނަ ބޮޑު ބަދަލުގެ އެންމެ ކުރީސަފުގައި ކެލާ ހިމެނިގެންދާނެ ކަމަށް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހއ.ކެލައަށް ވަޑައިގެން އެރަށުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކެލައަކީ ބޮޑު އަދި އުންމީދީ ރަށެއް ކަމަށެވެ. އަދި އެއީ ތަރައްގީ ފެނިގެންދާނެ ރަށެއް ކަމަށާއި، އިގްތިސޯދު ކުރިއެރުވޭނެ ރަށެއް ކަމަށް ވިދާޅުވިއެވެ.
މިއަދާއި ހަމައަށް ކެލާ އިގްތިސޯދީ ގޮތުން ކުރިނާރައި އޮތީ، ސަރުކާރަކުން ކުރަން ޖެހޭ ކަންތައްތައް ނުކޮށް އޮތުމުގެ ސަބަބުން ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެރަށް ތަރައްގީ ނުވެ އޮތީ ރަށަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމުނުކޮށްދެވި އޮތުމުގެ ސަބަބުން ކަމަށެވެ.
ކެލާގައި ދަނޑުވެރިކަން ކުރެވޭނެ، ރީތި ބީޗަކާއި މޫދެއް އެބަ އޮތް ، ހިންގުންތެރި ވިސްނުން ގެންގުޅޭ މީހުންވެސް އެބަތިބި. ކެލާއަށް ހަމައެކަނި މަދުވީ، ސަރުކާރުގެ އަޅާލުން"
ރައީސް ވިދާޅުވީ، މުޅި ބޮޑުތިލަދުންމައްޗަށް ބޮޑު ބަދަލެއް ގެނައުމުގެ ވިސްނުން ޕްލޭންގައި އެބަ އޮތް ކަމަށާއި، ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ބޮޑު ތިލަދުންމަތީގައި ފެށިގެންދާނެ ކަމަށެވެ. ރައީސް ވިދާޅުވީ، ބޮޑުތިލަދުންމައްޗަށް ގެންނަ ބޮޑު ބަދަލުގެ އެންމެ ކުރީ ސަފުގައި ކެލާ ހިމެނިގެންދާނެ ކަމަށެވެ. އެގޮތުން ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓާއިއެކުގައި ބޮޑުތިލަދުންމައްޗަށް އަންނަ ހެޔޮ ބޮޑު ބަދަލުގެ އަސަރު އެންމެ ރަނގަޅަށް ކުރާނީ ކެލާއަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމު ފައްކާކުރުމަށް ގާނޫނަށް ބަދަލު ގެންނެވިކަން ފާހަގަކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ، އެކަން ކުރީ އެރަށަކުން ލިބެންހުރި ވަސީލަތްތަކެއްގެ ނަފާ އެރަށެއްގެ ރައްޔިތުންނަށް ހޯދައިދިނުމުގެ މަގްސަދުގައި ކަމަށެވެ. ކެލާގައި ޓޫރިޒަމަށް ބިން ވަކިކޮށް ކުއްޔަށް ދިނުމަށް ކައުންސިލާއި ހަވާލު ކުރެއްވިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިހާރު އެބިން ދޫކޮށް އެބިންތައް ޓޫރިޒަމަށް ފައްކާކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.
ކެލާގެ ތަރައްގީއަށް ކޮންމެހެން ބޭނުންވާނެ ކަންތައްތަކެއް ކުރުމަށް 2018 ވަނަ އަހަރު ވައުދުވިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އޭގެ ގިނަ މަސައްކަތްތައް ފެށި ބައެއް މަސައްކަތްތައް ނިމިފައިވާ ކަމަށެވެ.
ބޮޑުތިލަދުންމައްޗަށް ގެންނަ ބޮޑު ބަދަލުގެ އެންމެ ކުރީސަފުގައި ކެލާ ހިމެނިގެންދާނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ