ވިލިމާލޭގައި ދިރިއުޅޭ ވިލުފުށީ ދާއިރާގެ ރައްޔިތުންނާއި އަފީފް ބައްދަލު ކުރައްވައިފި

އެމްޑީޕީގެ ޓިކެޓުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ތ.ވިލުފުށީ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް، ހަސަން އަފީފް، ވިލިމާލޭގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރައްވައިފިއެވެ.
މިއަދު ހެނދުނު 11:30 ހާއިރުން ފެށިގެން އަފީފް އޭނާގެ ކެމްޕޭން ޓީމާއި އެކު ވިލިމާލޭގައި ދިރިއުޅޭ ވިލުފުށީ ދާއިރާގެ ތިން ރަށްކަމަށްވާ ބުރުނި، ވިލިފުށި އަދި މަޑިފުށީގެ ރައްޔިތުން ދިރިއުޅުއްވާ ގޭގެއަށް ޒިޔާރަތްކޮށް، އެ ފަރާތްތަކާއި ވަނީ ބައްދަލު ކުރައްވާފައެވެ. 
ވިލިމާލޭގައި އަފީފްގެ ކެމްޕޭން ޓީމުން ކުރިއަށް ގެންދިޔަ ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތް ނިންމާލައިފައިވަނީ މިއަދު ހަވީރު 16:30 ހާއިރުއެވެ.
އަފީފްގެ ކެމްޕޭން ޓީމުން "ޖަޒީރާ"އަށް މައުލޫމާތު ދިން ގޮތުގައި ވިލިމާލޭގައި ދިރިއުޅޭ ވިލުފުށީ ދާއިރާގެ 99 އިންސައްތަ މީހުންނާއި ކެމްޕޭން ޓީމުން ވަނީ ބައްދަލު ކޮށްފައެވެ.
ދޮރުން ދޮރުން ހިނގުމުގެ މި ހަރަކާތުގައި އަފީފް ވަނީ ވިލިމާލޭގައި ދިރިއުޅޭ ވިލުފުށީ ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުން އަޑުއައްސަވާ މަޖިލީހުގެ ގޮނޑި ލިބިއްޖެ ނަމަ ސަރުކާރުގެ ތެރެއިން އެ ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ދާއިރާގެ ތަރައްޤީއަށް އިހްލާސްތެރި ކަމާއި އެކުގައި މަސައްކަތް ކުރައްވާނެ ކަމަށް އަފީފް ވިދާޅުވެއެެވެ.
ވިލިމާލޭގައި ދިރިއުޅޭ ވިލުފުށީ ދާއިރާގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ފަހު އަފީފްގެ ކެމްޕޭން ޓީމުން ބުނީ ވިލިމާލޭގައި ދިރިއުޅޭ ވިލުފުށީ ދާއިރާގެ ގިނަ ރައްޔިތުން ތިބީ އަފީފް އާއި އެކުގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ