މަޖިލީހުގައި މަރުތަޅު އެޅުވުމުގެ ޒިންމާ ނަންގަވަން ޖެހޭނީ ރައީސް ސޯލިހު: ގާސިމް

ރައްޔިތުންގެ މަޖިލީހުގައި މަރުތަޅު އެޅުވުމުގެ ޒިންމާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ނަންގަވަން ޖެހޭނެ ކަމަށާއި އެއީ އެމަނިކުފާނުގެ ޕާޓީން ކުރެއްވި ކަމެއްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލުކުރާ މެމްބަރުންގެ އަދަދަށް އައި ބަދަލާ ގުޅިގެން އޮތީ އެ އިދާރާގެ ދާއިމީ ކޮމިޓީތަކަށް ބަދަލު ނުގެނެވި އެވެ. އެ ބަދަލު ނުގެނެވިގެން އުޅެނީ ޕާޓީތަކަށް އެއްބަސްވުމަކަށް ނާދެވިގެންނެވެ. އަދި ސަރުކާރު ހިންގާ މާއި ޕާޓީ އެމްޑީޕީން ތުހުމަތުކުރަނީ އެ މަސައްކަތް ލަސްކުރައްވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. ކޮމިޓީތައް އެކުލަވާލެވިފައިނުވާތީ ނަޝިދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް އޮތީ މަޑުޖެހިފަ އެވެ.  މިއަދު ބޭއްވި ޖުމްހޫރީ ޕާޓޫގެ 158ވަނަ ކައުންސިލް ބައްދަލުވުމުގެ ރިއާސަތުގައި އިންނަވާ ޤާސިމް ވަނީ މަޖިލީހުގައި މަރުތަޅު އެޅުވުމާ ގުޅިގެން ރައީސަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.އެގޮތުން ޤާސިމް ވިދާޅުވީ، ސުޕްރީމް ކޯޓުގައި ތަޅު އެޅުވި މަންޒަރު މީގެ ކުރިން ފެނިފައި ވާކަމަށެވެ. ނަމަވެސް މިއަދު ފެންނަނީ ދައުލަތުގެ ތިން ބާރު ތެރެއިން އެއް ބާރު އެ ވަނީ ތަޅުލާފައި ކަމަށް މަޖިލީހުގެ ޖަލްސާތައް ނުބޭއްވުނު މައްސަލަައިގައި އޭނާ ވިދާޅުވިއެވެ. އަދި ގާނޫނީ ހުސްކަމެއްގެ ތެރެއަށް މިހާރު ނުވަންނަ ތަނެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީގެ ފަރާތުން ވާދަކުރައްވާ ގާސިމް ވިދާޅުވީ މަޖިލީހުގައި މަރުތަޅު އެޅުވީ ރައީސް ސޯލިހު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، އެމްޑީޕީން ކަމަށެވެ. އަދި ނަޝީދާއި އީވާގެ މައްސަލަ އެއްވަގުތެއްގައި ހުށަހެޅި އިރު، އެ ހާލަތަށް މަޖިލީސް ދާނެކަން އެ ޕާޓީއަށް ރަނގަޅަށް ނޭނގެނީތޯ ގާސިމް ސުވާލު އުފެއްދެވި އެވެ.އެކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ މަޖިލީސް ހުއްޓުވުމުގެ ޒިންމާ ރައީސް ނަންގަވަންޖެހޭ ކަމަށެވެ."ރައީސުލްޖުމްހުރިއްޔާ ޖެހޭނެ އެ ޒިންމާ އުފުލަން. ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީން އެކަން ކުރީ. އެހެން ނުކުރެވޭނެ އެކަމެއް. އެކަން ކޮށްގެންނުވާނެ. އެއީ ރަނގަޅު މިސާލެއް ނޫން ދައްކާކަށް،" ގާސިމް ވިދާޅުވި އެވެ.ގާނޫނު އަސާސީއަށް އަމަލުކުރުމަށް ސަރުކާރަށް ގޮވާލައްވަމުން ގާސިމް ރައީސް ސޯލިހަށް ވަރަށް' ބޮޑަށް ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މަޖިލީސް މިހާލަތަށް ގެނައީ، ރައީސް "ބާރުގައި" ހުންނެވުމަށް ކަމަށެވެ. އަދި ރައީސް ގެންދަވަނީ "ގޯސް މައްޗަށް ގޯސް" ހައްދަވަމުން ކަމަށާއި ދެން ދެވަނަ ދައުރެއްގެ ވާހަކަ ރަނގަޅުވާނީ ނުދެއްކެވިއްޔާ ކަމަށް ގާސިމް ވިދާޅުވި އެވެ."ހިތިބޭސް ވެސް ފަރިކުޅުއްވަންޖެހޭ. އެކަމަކު ބާރުގައި ހުންވަންށޭ ކިޔައިގެން އެހެނެއް ކަންތަކެއް ނުކުރެވޭނެ. ކުރެއްވީމާ ރަނގަޅެއް ނުވާނެ،" ގާސިމް ވިދާޅުވި އެވެ.މިއީ ވަރަށް ބޮޑު މައްސަލައެއްކަން ފާހަގަކޮށް ޤާސިމް ވިދާޅުވީ، މި ސަރުކާރުން ދައްކަވަނީ ރަނގަޅު މިސާލެއް ނޫންކަމެއް ކަމަށެވެ.މަޖިލީހުގެ ނައިބު ރައީސް ކަމުން އީވާ ވަކިކުރަން މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ 23 ވަނަ ދުވަހެވެ. އަދި އެއަށް ފަހު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ މި މަހުގެ 7 ވަނަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ