ފާރިސަށް ފިޔަވަޅު އެޅުމަކީ އިންސާފެއް ނޫން، އޭނާ އަމަލު ކުރެއްވީ ރަނގަޅަށް: މައުމޫން
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ވިޕްލައިނާ ހިލާފަށް މީގެ ކުރިން ވޯޓު ދެއްވާފައިވާ މެމްބަރުންނާމެދު ފިޔަވަޅު ނާޅުއްވައި، ހަމައެކަނި ވަކި މެމްބަރަކާމެފު ފިޔަވަޅު އަޅަން ސުލޫކީ ކޮމެޓީއަށް ހުށަހެޅުމަކީ "އިންސާފުގެ ހަމަތަކާ ހިލާފަށް" ކުރައްވާފައިވާ ކަމެއް ކަމަށް ޕީޕީއެމްގެ ރައީސް މައުމުން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. މައުމޫން އެހެން ވިދާޅުވީ ފާރިސާމެދު ފިޔަވަޅު އެޅުމަށް ޕާލަމެންޓްރީ ގްރޫޕުން ސުލީކީ ކޮމެޓީއަށް ފޮނުވި ސިޓީ މައުމޫނަށް ލިބިވަޑައިގަތުމުން، އެ ސިޓީއަށް ދެއްވި ޖަވާބުގަ އެވެ. ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކަށް މައުމޫން ފޮނުއްވެވި އެ ސިޓީ "ސަން"އަށް ވަނީ ލިބިފަ އެވެ. މީގެ ކުރިން ތުރީލައިން ވިޕާ ހިލާފުވެގެން މެމްބަރުންނާމެދު ފިޔަވަޅު ނާޅުއްވައި ޕާލަމެންޓްރީ ގްރޫޕުގެ ވަކި މެމްބަރަކު ތުރީލައިން ވިޕާ ހިލާފުވީމާ ފިޔަވަޅު އަޅުއްވަން ސުލޫކީ ކޮމެޓިއަށް ފޮނުވުމަކީ އިންސާފުގެ ހަމަތަކާ އުސޫލުތަކާއި ހިލާފަށް ކުރައްވާފައިވާ ކަމެއްކަމުގައި ދެކެމެވެ، މައުމޫން އަބްދުލް ގައްޔޫމް ނިހާނަށް މިއަދު ފޮނުވި ސިޓީގައި މައުމޫން ވިދާޅުވެފައި ވަނީ ފާރިސް އަމަލުކޮށްފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ޕާޓީގެ ރައީސްގެ އެންގެވި ގޮތަށް ކަމަށްވާތީ ތުރީލައިން ވިޕާ އޭނާ ހިލާފުވވިޔަސް އެއީ މައްސަލައެއް ނޫން ކަމަށެވެ. މައުމޫނަށް ފޮނުވި ސިޓީގައި ނިހާން ވިދާޅުވެފައި ވަނީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ހިންގާ ގަވާއިދާ ފާރިސް ހިލާފުވެފައި ވާތީ، ޕީޕީއެމްގެެ ޕާލަމެންޓްރީ ގްރޫޕުން އޭނާ ވަކިކުރުމަށް ސުލޫކީ ކޮމެޓީއަށް ހުށަހެޅުމަށް އެ ގްރޫޕުގެ މެމްބަރުން ނިންމެވި ކަމަށެވެ. އެގޮތަށް ނިންމާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުގައި ބޭއްވި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި 30 މެމްބަރުންގެ އިއްތިފާގުން ކަމަށެވެ. ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގައި ހިމެނެނީ 43 މެމްބަރުންނެވެ. ނިހާނަށް ރައްދު ދެއްވައި މައުމޫންގެ ސިޓީގައި ވިދާޅުވެފައި ނިހާންގެ ސިޓީގައި ޕާލަމެންޓްރީ ގްރޫޕުގެ ގަވާއިދަށް އިޝާރާތް ކުރައްވާފައިވާއިރު، ޕާޓީގެ ގައުމީ ޖަލްސާއިން ވެސް އަދި ކައުންސިލުން ވެސް އެފަދަ ގަވާއިދެއް ފާސްކޮށްފައި ނެތް ކަމަށެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި ފާރިސާމެދު ފިޔަވަޅު އެޅުމަށް ޕީޕީއެމް ޕީޖީ ގްރޫޕުން ސުލޫކީ ކޮމެޓީއަށް ފޮނުވީ ރައީސް ޔާމީންގެ އެންގެވުމަށެވެ. ޕާޓީގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް މަޖިލީހުން ފާސްކުރަންޖެހޭ ބިލުތައް ފާސްކުރަން ދެކޮޅު ހައްދަވާ މެމްބަރުންނާމެމެދު ޕާޓީން ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ޕީޕީއެމް މަޖިލިސް މެމްބަރުން ހިމެނޭ ވައިބާ ގްރޫޕެއްގައި ވިދާޅުވެފަ އެވެ. ފާރިސްގެ މައްސަލަ ސުލޫކީ ކޮމެޓީއަށް ފޮނުވިއިރު، ޕީޕީއެމްގެ އެއްވެސް ކޮމެޓީއެއް މައުމޫންގެ ހުއްދަ ނެތި ކުރިއަށް ނުގެންދިއުމަށް ވަނީ އަންގާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ