ގެއްލިގެން ހޯދާ އެކަކު މާލޭގެ މަގުމަތީގައި!

ތެޔޮ ބޯޓަކުން ގެއްލިގެން ހޯދަމުންދާ ދެ މީހުންގެ ތެރެއިން އެކަކު މާލޭގައި އުޅެނިކޮށް ފޮޓޯއެއް ނަގައި އާންމުކޮށްފި އެެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި ވިލިމާލެ އިން ތެޔޮ ބޯޓެއްގައި މިމަހުގެ 28 ވަނަ ދުވަހުގެ ރޭ ފުރި ފަހުން ގެއްލިފައިވަނީ ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމު (45 އ) އާއި ބަންގްލަދޭޝްގެ މޮހައްމަދު ލިޓަން (35 އ) އެވެ.
މި ދެ މީހުން ދަތުރުކުރި ތެޔޮ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ކައިރިން އޮޔާ ދަނިކޮށް ފެނިފައިވާ ކަމަށް ފުލުހުން އިއްޔެ މައުލޫމާތު ދީފައިވެ އެވެ. ނަމަވެސް ބޯޓުގައި އެއްވެސް މީހަކު ނެތް ކަމަށް ފުލުހުން ބުނެ އެވެ. އަދި ގެއްލުނު މީހުން ހޯދަން މާލެ ތެރެ ބަލަމުންދާ ކަމަށްވެސް ފުލުހުން މިއަދު ބުނެފައިވެ އެވެ. ނަމަވެސް ގެއްލުނު މީހުން ހޯދަން މާލެ ތެރެ ބަލާ ވަކި ސަބަބެއް ނުބުނެ އެވެ.
ތެޔޮ ބޯޓުން ގެއްލުނު ދެ މީހުން ހޯދުމަށް މާލެ ތެރެ ބަލަމުންދާ ކަމަށް ފުލުހުން ހާމަކުރި ފަހުން ގެއްލިގެން ހޯދާ މީހުންގެ ތެރޭގައި ހިމެނޭ މުހައްމަދު ނިޒާމުއާ އެކު ނަގާފައިވާ ސެލްފީއެއް އިބްރާހީމް މުހައްމަދު މިއަދު ވަނީ އާންމުކޮށްފަ އެވެ.
އިބްރާހީމް ވިދާޅުވި ގޮތުގައި އެ ސެލްފީ ނެގީ މިއަދުގެ ވަގުތެއްގައި ޝީޝާ ސާވިސް ސެންޓަރު ކައިރިންނެވެ.
ނިޒާމުއާ ހަވާލާދީ އިބްރާހީމް ވިދާޅުވީ އޭނާ ފުލުހަށް ދިޔައީމާ އޭނާ ހޯދާ ހޯދަމުން ނުދާ ކަމަށް ނިޒާމު ބުނެފައިވާ ކަމަށެވެ.
ހޯދަމުން ދަނިކޮށް ނިޒާމުގެ ފޮޓޯއެއް އާންމުވުމާ ގުޅިގެން ފުލުހުން އަދި މިމައްސަލައިގައި އެއްވެސް އެއްޗެއް ނުބުނެ އެވެ.
ތެޔޮ ބޯޓުން ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް ވ. އަތޮޅު ވެންފަރު ފަޅުގެ ހުޅަނގު އުތުރު ކަނޑުން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު މިއަދު ވަނީ ފެނިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ