މިފްކޯއިން މަސް ކިރަން އިތުރު 3 ބޯޓު ގަނެފި

މަސްގަތުމުގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން މަސް ކިރަން މިފްކޯއިން އިތުރު 3 ބޯޓު ގަނެފިއެވެ.
މިފްކޯއިން ދަނީ އެކުންފުނީގެ ކެޕޭސިޓީ އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރު ގަނެފައިވާ މަސް ބޯޓުތަކަކީވެސް މި މަސައްކަތުގެ ދަށުން ގަނެފައިވާ ބޯޓުތަކެކެވެ.
މިފްކޯއިން ބުނީ މިހާރު ކުރިއަށްދަނީ މި ބޯޓުތަކުގެ ރަޖިސްޓްރޭޝަން ބަދަލުކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މި ބޯޓުތައް ރާއްޖެއަށް ގެނެވޭނެ ދުވަހަކާއި ބޯޓުތަކާއި ގުޅޭ އިތުރު ތަފްސީލް ފަހުން އާއްމުކުރާނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ.
މިފްކޯގެ ފްލީޓުގައި މިހާރުވެސް ދެ ބޯޓު އޮވެއެވެ. އެއީ ޖަޒީރާ 102 އާއި މަހާ ކަލަމިންޖާއެވެ. ޖަޒީރާ 102 އަކީ 100 ޓަނުގެ މަސް ރައްކާކުރުމުގެ ޤާބިލްކަން ހުރި ބޯޓެކެވެ. އަދި މަހާ ކަލަމިންޖާއަކީ 90 ޓަނާއި ހަމައަށް މަސް ގަތުމުގެ ގާބިލްކަން ހުރި ބޯޓެކެވެ.
ރާއްޖެއަށް މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު، މަސް ކިރުވުމުގައި ދަތިތަކާއި ދިމާވުމަކީ މަސްވެރިން އަބަދުވެސް ކުރަމުން އަންނަ ޝަކުވާއެކެވެ. މިކަމަށް ދާއިމީ ހައްލެއް ހޯދާދިނުމަށް ސަރުކާރުން ވަނީ މިފްކޯގެ މަސްގަންނަ ސެންޓަރުތައް އަޕްގްރޭޑުކުރުމަށްވެސް ބޮޑެތި މަޝްރޫޢުތަކެއް ފަށާފައެވެ.
އެގޮތުން ފެލިވަރުގައި ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން ފެލިވަރުގައި 4000 ޓަނުގެ މަސް ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖަކާއި، ދުވާލަކު 200 ޓަނުގެ މަސް ގަނޑު ކުރެވޭނެ ބްރައިން ފްރީޒިންގ ފެސިލިޓީއެއް ޤާއިމްކުރާނެއެވެ. އަދި ރެފްރިޖަރޭޓަޑް ސީ ވޯޓަރ ފެސިލިޓީއާއި، މި ކަންކަމާ ގުޅޭ އެހެނިހެން ވަޞީލަތްތައްވެސް ޤާއިމުކުރާނެއެވެ.
މި މަޝްރޫޢުގެ ދަށުން ގއ.ގެމަނަފުށީގައިވެސް 50 ޓަނުގެ އައިސް ޕްލާންޓަކާއި 100 ޓަނުގެ އައިސް ސްޓޯރޭޖެއް ޤާއިމުކުރާނެކަމަށް އިކޮނޮމިކް މިނިސްޓްރީން މީގެކުރިން ވިދާޅުވެެފައިވެއެވެ. މި މަޝްރޫޢުގެ ސަބަބުން މިފްކޯގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ މިހާރަށްވުރެ %48 އިތުރުވެގެން ދާނެއެވެ. އަދި ފްރީޒިންގ ކެޕޭސިޓީ %37 އިތުރުވެގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ