ކުއްޔަށް އުޅޭ މީހުންގެ ނަމަށް ފެނާއި ކަރަންޓު ބިލް ކުރެވޭ އިސްލާހު ތަސްދީގުކޮށްފި

ކުއްޔަށް ދޫކުރާ ތަންތަނުގެ ފެނާއި ކަރަންޓު ބިލް އިމާރާތުގެ ވެރިފަރާތަށް ބިލްކުރުމުގެ ބަދަލުގައި، އެ ޚިދުމަތް ބޭނުންކުރާ މީހުނަށް ބިލު ކުރެވޭގޮތަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް ގެނައި އިސްލާހު މިއަދު ރައީސް ތަސްދީގުކުރައްވައިފިއެވެ. އެ އިސްލާހުގައި ވާގޮތުން، ފެނާއި ކަރަންޓުގެ ޚިދުމަތް ބޭނުންކުރަނީ މީޓަރު ރަޖިސްޓްރީކޮށްފައިވާ މީހާ ނޫން އެހެން މީހެއްނަމަ، އެ ޚިދުމަތް ބޭނުންކުރާ މީހާގެ ނަންމައްޗަށް މީޓަރުގެ ޚިދުމަތް ރަޖިސްޓްރީ ކުރެވޭނެއެވެ. ރައީސް ތަސްދީގުކުރެއްވުމާއެކު މިއަދުން ފެށިގެން އެ ގާނޫނަށް އަމަލު ކުރެވޭނެއެވެ. ގާނޫނުގައި މިހާރު ބުނާގޮތުން ޚިދުމަތް ރަޖިސްޓްރީކޮށްފި ނަމަ، އެ ޚިދުމަތް ރަޖިސްޓްރީކުރި މުއްދަތަކަށް އެ ޚިދުމަތުން ނަގާ ޚަރަދުގެ ޒިންމާ ނަގަން ޖެހޭނީ ޚިދުމަތް ހޯދާ މީހާއެވެ. އަލަށް އިތުރުކުރި މާއްދާގައި ވާގޮތުން ޢާންމު ބޭނުންތަކުގެ ޚިދުމަތްތައް ފޯރުކޮށްދޭ އިދާރާތަކުން ޚިދުމަތް ހޯދާ މީހުނަށް ޚިދުމަތްތަކާ ގުޅޭގޮތުން ބިލުކުރުމުގައި ޢަމަލުކުރަންވީ މައިގަނޑު އުސޫލުތައް ބަޔާންކުރާ ގަވާއިދެއް އެކުލަވާލަން ޖެހޭނެއެވެ. އަދި، ބިލު ނުދެއްކުމުގެ ސަބަބުން ހިނގާ ޖޫރިމަނާ ކަނޑައެޅުމުގެ އުސޫލުތަކާއި، ބިލު ނުދެއްކުމުގެ ސަބަބުން ޚިދުމަތް މެދުކަނޑާލަން ޖެހޭ ޙާލަތްތަކަކީ ކޮބައިކަން ކަނޑައެޅުމާއި، އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ އެ ޙާލަތުތަކުގައި ކޮންމެހެން ޢަމަލުކުރަންޖެހޭ އިޖުރާއަތުތައް ކަނޑައެޅުން މީގެ ތެރޭގައި ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ