ވާދަވެރި ކެމްޕެއިނަކަށްފަހު މެލޭޝިޔާގެ ރައްޔިތުން މާދަމާ ވޯޓުލާން ތައްޔާރުވެއްޖެ

މެލޭޝިޔާގެ އާންމު އިންތިޚާބުގައި އެގައުމުގެ ރައްޔިތުން މާދަމާ ވޯޓުލާނެއެވެ.
33.1 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މެލޭޝިޔާގެ ރައްޔިތުން މާދަމާ ވޯޓުލާން މި ނުކުންނަނީ، އެގައުމުގެ މައި ޕާލަމެންޓް، ދީވަން ރަކްޔަތުގައި ހިމެނޭ 222 ގޮނޑިއަށް މެމްބަރުން އިންތިޚާބު ކުރުމަށެވެ.
މެލޭޝިޔާގެ ރައްޔިތުން މާދަމާ ވޯޓުލާން ނުކުންނައިރު، ޕޯސްޓަލް ވޯޓު އެއްކުރުމުގެ މަސައްކަތް މިއަދުވަނީ ފަށާފައެވެ.
އިންތިޚާބުގެ ކެމްޕެއިން ކުރިއަށް ގޮސްފައިވަނީ ވަރަށް ވާދަވެރިކޮށެވެ.
މެލޭޝިޔާގެ ވެރިކަމުގައި މިހާރުއޮތް ބަރިސަން ނޭޝަނަލް ޕާޓީއާއި، ބޮޑުވަޒީރު އިސްމާއިލް ސަބްރީ ޔައުގޫބު ވެރިކަމުން ދުރުކުރަން އިދިކޮޅު ޕާޓީތައް ހިމެނޭ ހައެއްކަ ކޯލިޝަން ނުކުމެފައި ވެއެވެ. އޭގެތެރޭގައި، ދެ ފަހަރެއްގެމިން 20 އަހަރަށްވުރެ ގިނަ ދުވަހު މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ޑރ. މަހާތީރު މުހަންމަދުގެ ކޯލިޝަންވެސް ހިމެނެއެވެ.
އުމުރުފުޅުން މިހާރު 97 އަހަރު ވެފައިވާ ޑރ. މަހާތީރު މުހަންމަދު މިމަހުގެ ކުރީކޮޅު ވިދާޅުވެފައިވަނީ، މިއީ، އިންތިޚާބެއްގައި އޭނާ ވާދަކުރައްވާނެ އެންމެފަހު ފަހަރު ކަމަށާއި، މިފަހަރުގެ އިންތިޚާބަށް އޭނާ ނުކުމެވަޑައި ގެންނެވީ މެލޭޝިޔާގައި މިހާރުއޮތް "މުޖުރިމުންގެ" ސަރުކާރު ބޭރުކުރަން ކަމަށެވެ.
މިހާރު ވެރިކަމުގައިއޮތީ، ބަރިސަން ނޭޝަނަލްއާއި، އުމްނޯ ހިމެނޭ ކޯލިޝަނެކެވެ.
އުމްނޯ ޕާޓީގެ އެތައް ވެރިންނަކާ ދެކޮޅަށް ޚިޔާނާތުގެ ދައުވާތައް އުފުލި ޝަރީއަތްވެސް ހިނގަމުންދާއިރު، އޭގެ ތެރޭގައި ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުވެސް ހިމެނިވަޑައި ގަންނަވައެވެ. ނަޖީބުގެ މައްޗަށް މިހާރުވެސް ވަނީ 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.
މެލޭޝިޔާގެ އަޢުލަބިއްޔަތު އޮންނަ މުސްލިމް މެލޭ ދަރިކޮޅަށް ނިސްބަތްވާ ގިނަ ކޯލިޝަންތައް އިންތިޚާބުގައި ވާދަކުރާތީ، ވޯޓުތައް ބެހިގެންދާނީ ހަމަހަމަކޮށް ކަމަށް ބެލެވިފައި ވެއެވެ. ޗައިނާ ދަރިކޮޅާއި، އިންޑިއާ ދަރިކޮޅުގެ މީހުންވެސް ވޯޓުގައި މުހިންމެވެ.
ޚިޔާލު ހޯދުންތަކުން ދައްކާގޮތުގައި، އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް ނުވަތަ ކޯލިޝަނަށް ޕާލަމެންޓުގެ އަޣުލަބިއްޔަތެއް ނުނެގޭނެއެވެ.
އެކަމަކު، މިފަހަރުގެ ވޯޓުގެ ނަތީޖާއިން، މެލޭޝިޔާގެ ސިޔާސީ މައިދާނަށް ހަމަޖެހުން އަންނާނެ ކަމަށް ގިނަބަޔަކު އުންމީދުކުރެއެވެ.
ވޭތުވެދިޔަ 3 އަހަރު މެލޭޝިޔާ ތަޖުރިބާ ކޮށްފައިވަނީ ހަލަނބޮލި ސަރުކާރުތަކެވެ.
މިފަހަރުގެ އިންތިޚާބަކީ، ވޯޓުލެވޭ އުމުރު ބަދަލުކުރިފަހުން މެލޭޝިޔާގައި ބާއްވާ ފުރަތަމަ އާންމު އިންތިޚާބުކަމުން، ގިނަ ޒުވާނުންނަށް ފުރަތަމަ ފަހަރަށް ވޯޓުލުމުގައި ބައިވެރިވެވޭނެއެވެ.
މެލޭޝިޔާގައި ކުރިން ވޯޓުލެވެނީ އުމުރުން 21 އަހަރުން މަތީގެ މީހުންނަށެވެ. ނަމަވެސް، ގާނޫނަށް އިސްލާހްގެނެސް، އުމުރުން 18 އަހަރުންމަތީގެ ޒުވާނުންނަށް ވޯޓުލެވޭގޮތް މިދިޔަ އަހަރު ވަނީ ހަދާފައެވެ.
އެހެންކަމުން، މިފަހަރުގެ އިންތިޚާބުގައި 21.1 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު، އޭގެތެރެއިން 1.4 މިލިއަނަކީ ވޯޓުލުމުގެ ހައްގު އަލަށް ލިބުނު ޒުވާނުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ