ބަޖެޓް 2023: 142 ރަށެއްގައި ތައުލީމީ ދާއިރާގެ 195 މަޝްރޫއެއް

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި 142 ރަށެއްގައި ތައުލީމީ ދާއިރާއާ ގުޅުންހުރި މަޝްރޫއުތައް ހިންގުމަށް ބަޖެޓް ކޮށްފިއެވެ.
2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި ފެށުމަށް ތައްޔާރުވެފައިވާއިރު، އަންނަ އަހަރުގެ ބަޖެޓުގައި ރައްޔިތުންނާ ގުޅުންހުރި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ބަޖެޓް ކޮށްފައިވެއެވެ.
އެގޮތުން ތައުލީމާއި މަތީ ތައުލީމުގެ ދާއިރާއަށް މިހާތަނަށް ދެވޭ އެންމެ ބޮޑު ޖާގަ ކަނޑައަޅާފައިވަނީ 2023 ވަނަ އަހަރުގެ ބަޖެޓްގައެވެ.
4.6 ބިލިއަން ރުފިޔާ ތައުލީމީ ދާއިރާއަށް ބަޖެޓް ކޮށްފައިވާއިރު، މީގެ ތެރޭގައި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރުމުގެ ސަބަބުން އިތުރުވި 636.2 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި، ތައުލީމީ ދާއިރާގެ އިމާރާތާއި ވަސީލަތްތައް ޤާއިމުކުރުމަށްޓަކައި 142 ރަށެއްގައި، 195 މަޝްރޫއުއް ހިންގުމަށް ބަޖެޓް ކޮށްފައިވެއެވެ. މީގެ ތެރޭގައި 21 ރަށެއްގެ ސްކޫލުތަކުގެ އިމާރާތާއި ވަސީލަތްތައް ތަރައްޤީކުރުމުގެ އާ މަޝްރޫއުތައް ހިމެނެއެވެ.
މީގެއިތުރުން ހިލޭ ޑިގްރީއަށް ކިޔެވުމަށް އަންނަ އަހަރުގެ ބަޖެޓުގައި 167 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، މަތީ ތައުލީމަށް ދެވޭ އެކިއެކި ލޯނު ސްކީމްތަކަށް 216 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
ތައުލީމީ ދާއިރާއަށް މިސަރުކާރުން ދެމުން އަންނަ އިސްކަން ބަޖެޓުން ހާމަވާއިރު، މިއީ ރައްޖޭގައި ރަނގަޅު ތައުލީމީ ޖީލެއް ބިނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ