ފަސޭހަކަމާއި އެކު އަލް އިއްތިހާދު ބަލިކޮށް އަލް ހިލާލުން ޗެންޕިއަންކަން ހޯދައިފި

ސައުދީ ސުޕަކަޕް ފައިނަލްގައި އަލް ހިލާލް އާއި އަލް އިއްތިހާދު ވާދަކުރި މެޗު ފަސޭހަކަމާއި 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އަލް ހިލާލުން މުބާރާތްގެ ޗެންޕިއަންކަން ހޯދައިފި އެވެ.
އަލް ހިލާލް ފައިނަލުން ޖާގަ ހޯދައިފި ސެމީ ފައިނަލުގައި 2-1 ގެ ނަތީޖާއަކުން އަލް ނަސްރު ބަލިކުރުމަށްފަހު އެވެ. އަދި އަލް އިއްތިހާދު ފައިނަލުގެ ޖާގައެއް ހޯދީ ސެމީ ފައިނަލުގައި އަލް ވެހްދާ 2-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. 
މިދެޓީމު އެންމެ ފަހުން ކުޅުނު 22 މެޗުގެ ތެރެއިިން 18 މެޗުން އަލް ހިލާލް މޮޅުވެފައިވާއިރު އަނެއް ހަތަރު މެޗު ނިމިފައިވަނީ ދެޓީމް އެއްވަރުވެގެންނެވެ. އަދި އެންމެ ފަހުން އަލް ހިލާލް އަތުން އަލް އިއްތިހާދު މޮޅުވެފައި ވަނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.
Advertisement
މެޗޫގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އަލް ހިލާލުން ނެވެ. މިލަނޑު މެޗު ފެށިގެން ފަސްވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް މަލްކޮމް އެވެ. މިއީ އެޓީމުގެ ސާލިހު އަލް ޝެހްރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
އަލް އިއްތިހާދުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މޮރޮކޯ ފޯވާޑް އަބްދުއްރައްޒާކް ހަމްދުﷲ އެވެ. މިއީ އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި އޭނާ ފޮނުވާލި ބޯޅަ އަލް ހިލާލްގެ ކީޕަރު ބޯނޯ އަތުގައި ޖެހިފައި ނުކުތް ވަގުތު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
އަލް ހިލާލުން ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދި ލަނޑު ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ސަލީމް އަލް ދައުސަރީ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އަލް ހިލާލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި އަލް ހިލާލުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގައިި އެޓީމުން ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި އެޓީމުގެ ކަމިޔާބުކުރި ތިންވަނަ ލަނޑު ދެވަނަ ހާފުގެ 89 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް މަލްކޮމް އެވެ. މިއީ އެޓީމުގެ ސާބިއާ މިޑްފިލްޑަރު ސާޖް މިލިންކޮވިޗް-ސަވިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިއީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި އޭނާ ކާމިޔާބުކުރި 6 ވަނަ ލަނޑެވެ.
މިމެޗުގައި އަލް ހިލާލުން ކަމިޔާބުކުރި ހަތަރުވަނަ ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ސަލީމް އަލް ދައުސަރީ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން އަލް ހިލާލް ކުރީގައި އޮވެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ