މަޖިލިސް މެމްބަރަކު ތަމްސީލު ކުރާ ދާއިރާއެއްގެ ރައްޔިތުންގެ ވޯޓުން މެންބަރު މަގާމުން ވަކިކުރެވޭ ގޮތަށް ހުށައެޅި އިސްލާހު އަނބުރާ ގެންގޮސްފިއެވެ.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ރ ގެ ފަހަތަށް އަކުރެއް އިތުރުކޮށް ޑިމޮކްރެޓްސް ގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށައެޅުއްވި މި އިސްލާހުގެ ފުރަތަމަ ކިޔުން ވަނީ މިދިޔަ އޭޕްރީލް 23 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި އިއްވާފައެވެ.
ނަމަވެސް މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އެ މެންބަރު މި ބިލު އަނބުރާ ގެންގޮސްފައިވާކަން އިއުލާނު ކުރައްވާފައެވެ.
ހަސަން ލަތީފް ހުށައެޅުއްވި މި އިސްލާހުގައި ބުނާ ގޮތުން ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ މެންބަރެއް އަމިއްލައަށް ޕާޓީން ވަކިވުމުން ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވުމުން މެންބަރުކަމުން ވަކިވާނެއެވެ. އަދި އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު ވިޔަސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމުން މެންބަރުކަމުން ވަކިވާނެ ކަމަށް އެ އިސްލާހުގައި ވަނީ ބުނެފައެވެ.
ހަމައެއާއިއެކު، ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ހައިސިއްޔަތުން މަޖިލީހަށް އިންތިހާބުވެފައިވާނަމަ، ޕާޓީގެ ނިންމުމާ ހިލާފަށް މަޖިލީހުގައި ނުވަތަ މަޖިލީހުގެ ކޮމިޓީގައި ވޯޓު ދިނުމުގެ ސަބަބުން ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް އިންތިހާބުވި ދައުރުގެ ތެރޭގައި އެ މެންބަރަކު ޕާޓީން ވަކިކުރެވޭނެ ކަމަށެވެ. އެ ނޫން އެހެން ސަބަބަކަށްޓަކައި ޕާޓީގެ މެމްބަރުކަމުން ވަކި ކުރާ ހާލަތުގައި އޭނާ އިންތިހާބުވީ ދާއިރާގެ ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ އަޣުލަބިއްޔަތުން އޭނާ އެ މަޤާމުން ވަކިކުރުމަށް ނިންމުމުންވެސް މެންބަރުކަމުން ވަކިވާނެ ވެސް އެ އިސްލާހުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުންވެސް، ހަސަން ލަތީފް ހުށައެޅުއްވި މި އިސްލާހުގައި މެންބަރަކު މަގާމުން ވަކިކުރުމަށް، އެ މެންބަރަކު އިންތިހާބުވެފައިވާ ދާއިރާއަކަށް ވޯޓުލުމުގެ ހައްޤު ލިބިފައިވާ ޖުމްލަ އާބާދީގެ ވަކި އިންސައްތައެއްގެ ރައްޔިތުން ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަނެއް، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއިން ދިރާސާކޮށް، އެ މެންބަރަކު މަގާމުން ވަކިކުރުމަށް އެ ދާއިރާގެ ވޯޓު ލުމުގެ ހައްޤު ލިބިފައިވާ އާބާދީގެ މެދުގައި އާންމު ވޯޓެއް ނެގުމަށް ނިންމައި، އެ ވޯޓުލާ މީހުންގެ އަޣުލަބިއްޔަތުން އެ މެންބަރަކު މަގާމުން ވަކިކުރުމަށް ނިންމޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
މި އިސްލާހުގެ އިތުރުންވެސް މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހަޅުއްވާފައިވާ އިސްލާހާއި އިލެކްޝަންސް ކޮމިޝަނަށް މެންބަރުން ހޯދުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބޭ ގޮތަށް ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ ހުށަހަޅުއްވާފައިވާ އިސްލާހު ވެސް އަނބުރާ ގެންގޮސްފައިވާ ކަމަށް މަޖިލީހުގެ ރިޔާސަތުން ވަނީ މިއަދު އިއުލާން ކުރައްވާފައެވެ.
ދާއިރާގެ ރައްޔިތުންގެ ވޯޓުން މެމްބަރު ވަކި ކުރެވޭ އިސްލާހު އަނބުރާ ގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ