ދުޢާކުރަން ފަސްނުޖެހޭށެވެ! ކިބުރުވެރިއަކަށްވެ ނަރަކައަށް ވަންނަން ޖެހިދާނެކަން ކީރިތި ޤުރްއާނުން!

ބައެއް މީހުން ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކުރަނީ ދެން އެހެން ގޮތެއް ނެތުމުންނެވެ. ދުޢާކުރަން އޮތް ގޮތަކީ އެއީއެއް ނޫނެވެ. ކޮންމެ ކަމެއް ކުރިމަތިވިޔަސް އޮތީ ފުރަތަމަ ކަމަކަށްވެސް ދުޢާކުރުމެވެ.
އަބަދުވެސް ހަނދާންކޮށްދޭ ކަމެއް މިރޭވެސް ހަނދުމަކޮށްދޭނަމެވެ. ދުޢާކުރަންވީ ބޭސްތައް ކައިކައިވެސް ޝިފާ ނުލިބުމަކުން ނޫނެވެ. ބަލިވުމުންނެވެ. ޑޮކްޓަރަށް ދިއުމުގެވެސް ކުރިންނެވެ. ޑޮކްޓަރަށްދާންވީ ތިމާއަށް ޝިފާއެއް ޑޮކްޓަރަށް އަންގަވައިދެއްވެވުން އެދިގެންވެސް ދުޢާކުރުމަށްފަހުގައެވެ.
ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ އެމީހަކަށް ތަނަވަސްކަން ލިބި އެމީހާގެ ބޭނުންތައް ފުދިފައިވާނަމަ ދުޢާ ކުރުމަކީ މާމުހިންމު ކަމެއް ނޫން ކަމަށެވެ. އެއްވެސް މީހެއްގެ ދުނިޔަވީ ހުރިހައި ބޭނުންތަކެއް ﷲ ތަޢާލާ ފުއްދަވައި ދެއްވަވާފައިވީނަމަވެސް އެންމެ ބޮޑު ބޭނުން އޮތީއެވެ. އެއީ އެމީހާގެ ފާފަތައް ފުއްސަވައި ދެއްވެވުމެވެ. ނަރަކައިން ސަލާމަތްކޮށް ދެއްވެވުމާއި ސުވަރުގެ ދެއްވެވުމެވެ.
މިއިން އެއްވެސް ކަމަކީ ދިރިހުއްޓައި ހަމަ އެއްވެސް މީހަކަށް ޔަޤީން ކުރެވޭނެ ކަންކަމެއް ނޫނެވެ.
ބައެއް މީހުން ބުނެއެވެ. "އަހަރެން އެއްވެސް ފާފައެއް ނުކުރަމެވެ. އަހަރެން ދާނީ ސުވަރުގެއަށެވެ." މިފަދައިން ޤަބޫލުކުރެވޭނަމަ އެއީ ވަރަށް ބޮޑު ކުށްހީ އެކެވެ. ފާފައެއް ނުކުރެވޭ އެއްވެސް މީހަކު ނުހުންނާނެއެވެ! އަދި އެމީހެއްގެ ހިސާބު ބައްލަވާއިރު ފާސްވާނެކަން ޔަޤީންކުރެވޭނެ މީހަކުވެސް ނުހުންނާނެއެވެ. އެކަންކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.
ވީމާ އަޅުކަންކުރުމާއި ދުޢާކުރުން ގިނަކުރާށެވެ! "ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (ދުޢާ ކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ ޙާލު، އެއުރެން ނަރަކައަށް ވަންނާނެތެވެ." އޮތް ބަސްފުޅަށް ބިރުވެތިވާށެވެ!
އަހަރެމެންގެ ތެރެއިން ﷲ ތަޢާލާއަށް އަޅުކަންކޮށް އުޅޭ ބައެއް މީހުން ވެސް ދުޢާކުރަން ފަސްޖެހެއެވެ. އިހްމާލްވެއެވެ. އެއީ ވަރަށް ނުރައްކާތެރިކަމެކެވެ. އެކަމުގެ ސަބަބުން ﷲ ތަޢާލާގެ ކޯފާ އާއިވެސް ކުރިމަތިލާން ޖެހިދާނެ ކަމެކެވެ.
މިއާޔަތާއިމެދު ފުންކޮށް ވިސްއިލުމުން މިބުނި ބަހުގެ ޙަޤީޤަތް ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ.
"އަދި ތިއަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީ ކުރެއްވެވިއެވެ. ތިއަބައިމީހުން ތިމަން ރަސްކަލާނގެއަށް ދުޢާ ކުރާށެވެ! ތިމަން ރަސްކަލާނގެ ތިއަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (ދުޢާ ކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ ޙާލު، އެއުރެން ނަރަކައަށް ވަންނާނެތެވެ." (ޣާފިރް: 60)
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ