އޭރުވެސް މިހާރުވެސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވީ އެމްޑީޕީން: ސިޔާޒު

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ޝަރީއަތަށް ނުފޫޒު ކުރިންވެސް ފޯރުވީ އެމްޑީޕީން ކަމަށާއި އަދި މިހާރުވެސް އެކަން ކުރަނީ އެ ޕާޓީން ކަމަށް ކަމަށް އެ މަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުالله ސިޔާޒް ވިދާޅު ވެއްޖެ އެވެ.
ރައީސް ޔާމީންގެ ޝަރީއަތް ލަސްވާތީ ސަރުކާރަށް ފާޑުކިޔައި އެ މައްސަލަ ބަލަން ޖުޑިޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށް އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވުދާލުވެފައިވާ މި ދަނޑިވަޅުގައި ސިޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2018 ވަނަ އަހަރު އެމްޑީޕީން ރާއްޖޭގެ ވެރިކަމާ ހަވާލުވުމަށް ފަހު ނިޒާމީ ގޮތެއްގައި ރާވައިގެން ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރުންގެ އޮފިޝަލުންގެ މައްޗަށް ހަގީގަތެއް ނެތް އިންޓެލިޖެންސް ރިޕޯޓްތައް ހަދައިގެން ދޮގު ތުހުމަތުތައް އުފުލާފައިވާ ކަމަށެވެ.
އޭގެ ހެއްކަކީ ރައީސް ޔާމީނާއި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ރައީސް ޔާމީން ނުހައްގުން ޖަލަށްލީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށާއި ޕީޕީއެމް / ޕީއެންސީ ބަލިކަށި ކޮށްލުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލް ކުރަނީ އޭރުވެސް އަދި މިހާރު ވެސް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮވެގެން ޝަރީއަތަށް ނުފޫޒު ފޯރުވަނީ ކުރިން ވެސް އެކަން ކުރި ފަރާތްތައް އިސްވެ ތިބެއެވެ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެފަރާތްތަކުން މިހާރު ވެސް ކުރާ ކަމަކީ، ރައީސް ޔާމީންގެ މައްޗަށް އިތުރު ތުހުމަތެއްކޮށް، އަބުރު ކަތިލައި އޭގެ ސިޔާސީ ފައިދާ ނެގުމެވެ." ސިޔާޒް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ