ދުބާއީ ފްލައިޓްތައް ކެންސަލްވެގެން 300 އަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖޭގައި ތާށިވެފައި

ޗުއްޓީ ހޭދަކުރުމަށް ފަހު، ފްލައިޓްތައް ކެންސަލްވެގެން އަނބުރާ ގައުމަށް ނުދެވި ގިނަ އަދަދެއްގެ ފަތުރުވެރިން ރާާއްޖޭގައި ތާށިވެއްޖެއެވެ.
އެ ފަތުރުވެރިންނަކީ ޔޫއޭއީގެ ދުބާއި ގައި ޓްރާންސިޓް ކުރުމަށް ފަހު ދަތުކުރަން ހަމަޖެހިފައިވާ ފަތުރުވެރިންނެވެ.
ފާއިތުވި 75 އަހަރުގެ ތެރޭގައި ވާރޭ ނުވެހޭ ވަރަށް ދުބާއީ އަށް ވާރޭވެހި ފެެންބޮޑުވެފައިވާއިރު، މި ދެ ދުވަހު 250 މިލިމީޓަރަށް ވުރެ ގިނަ ވާރޭ ވެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ފެންބޮޑުވުމުގެ ސަބަބުން އެކަކު މަރުވެ، ގެތަކާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ކަމާއިބެހޭ ފަރާތްތަކުން ގެންދަނީ ފެން ހިންދުމުގެ މަސައްކަތްތައް ކުރަމުންނެވެ. ފެންބޮޑުވުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބިޒީ އެއާޕޯޓް، ދުބާއީ އެއާޕޯޓުގެ ދަތުރުފަތުރަށް ބުރޫ އަރައި 100 އަށް ވުރެ ގިނަ ފްލައިޓް ވަނީ ޑައިވާޓްކޮށްފައެވެ. ފުރަން ދިޔަ އެތައް ބަޔަކު އެއާޕޯޓުގައި ތާށިވެފައިވެސް އެބަތިބިއެވެ.
"ޔޫއޭއީއަށް މޫސުން ގޯސްވުމުގެ ސަބަބުން ދުބާއީ އިންޓަނޭޝަނަލް (ޑީއެކްސްބީ) އަށް ދަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުން. ފުރާ ގެސްޓުންނަށް އެއާޕޯޓަށް ދިއުމާއި އެރައިވަލް ގެސްޓުން ޓާމިނަލުން ނިކުތުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް، އެއީ މަގުތައް ބަންދުވެ ދަތުރުފަތުރުތައް މެދުކެނޑިފައިވާތީ'' ޑީއެކްސީބީ ނެރުނު ބަޔާނެއްގައި ބުންޏެވެ.
ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ގެންނަ އިނަ މޯލްޑްވިސްގެ ވެރިޔާ އިބްރާހިމް ފިރާގް ''ދެން'' އަށް މިރޭ ވިދާޅުވީ މިއަދު ހެނދުނާ ހަމަޔަށް 'ފްލައި ދުބާއި' އާއި 'އެމިރޭޓްސް' އިން ދުބާއީއަށް ދާން ތިބި 700 އަށްވުރެ ގިނަ މީހަކު ރާއްޖޭގައި ތާށިވެފައިވާ ކަަމަށެވެ. އޭގެ ތެރެއިން 400 ވަރަކަށް ފަތުރުވެރިން ދުބާއީ ނޫން ރޫޓްތަކުގެ ފްލައިޓުތަކުގައި މިއަދު ވަނީ ފުރާފައެވެ.
'' އަޅުގަނޑުމެން ގާތު ޓްރެވެލް އެޖެންޓުން އެދިފައި އޮތީ އެހެން އެއާލައިންތަކުންވެސް ޓިކެޓް އިޝޫކޮށްދޭން'' ފިރާގު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ވަގުތު ނުފުރި 300 އަށްވުރެ ގިނަ ފަތުރުވެރިން އެބަތިބި ކަމަށެވެ. ބައެއް ފަތުރުވެރިން ރިސޯޓުގައި މަޑުކޮށްފައިވާއިރު އަނެއް ބަޔަކު ތިބީ މާލޭގެ ހޮޓާތަކުގައެވެ.
Passengers arriving in Dubai and already in transit will continue to be processed for their flights. Customers should expect delays with departures and arrivals, and are advised to check the latest flight schedules on https://t.co/yehFUeWs0S (4/7) pic.twitter.com/Fds8TsykpG
— Emirates Support (@EmiratesSupport) April 17, 2024
މިރޭގެ ވަގުތެއްގައި ދުބާއީ އެއާޕޯޓް އަލުން އޮޕަރޭޝަނަށް ގެނެސްފައިވާއިރު އެ މީހުންނަށް މާދަމާ ފުރޭނެ ކަމަށް ބެލެވޭ ކަމަށް ފިރާގު ވިދާޅުވިއެވެ.
''މާދަމާ އެމިރޭޓްސް އާއި ފްލައި ދުބާއީގެ ފްލައިޓެއް އަންނާނެ އެ ފްލައިޓުގައި އެ މީހުން ފުރާނީ'' ފިރާގް ވިދާޅުވިއެވެ.
މި ހަބަރު ލިޔުމާއި ހަމަޔަށް ޑީއެކްސީބީ އެއާޕޯޓުގެ ޓާމިނަލް-1 ވަނީ ފުރާ މީހުންނަށް ހުޅުވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ