ފުލުހަށް ހާޒިރުކުރީ ރައްޔިތުން ބިރުގަންނުވަން

ފުލުސް އޮފީހަށް އޭނާ ހާޒިރުކުރުމުގެ ބޭނުމަކީ އަނިޔާވެރިކަމުގެ މަންޒަރު ދައްކައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.
ފައްޔާޒު ފުލުހަށް އޮފީހަށް މިއަދު ހާޒިރުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ތެރެއިން ހިންގި ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށެވެ.
ފުލުހަށް ހާޒިރުވުމަށް ފަހު ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުސް އޮފީހަށް ހާޒިރުކުރީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ނޫން ކަމަށާއި މައުލޫމާތު ސާފުކުރަން ކަމަށް ފުލުހުން ވިދާޅުވި ކަމަށެވެ. އެ މައުލޫމާތުތަކަކީ އޭނާގެ އޮޑިޓް ރިޕޯޓުތަކުގައި ހާމަކުރެވި، އާންމުވެސް ކުރެވިފައިވާ މައުލޫމާތުތަކެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"މި ތަހުގީގު ހިންގުމުގައި ސަރުކާރުގެ ބޭނުމަކީ އަޅުގަނޑަށް އަނިޔާވެރިވާ މަންޒަރު ދައްކައިގެން އެކަމުން ދިވެހި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުން. ސިޔާސީ ބޭނުމަށް ފުލުހުންގެ އިދާރާ ބޭނުންކުރުމަކީ ފުލުހުންގެ އާންމު ވާޖިބު އަދާކުރުމަށް ހުރަސް އެޅޭނޭ ކަމެއް. އެފަދަ ނޭއްގާނީ ކަންކަން ހުއްޓާލުމަށް އިލްތިމާސްކުރަން،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒަށް ފުލުހުން ފޮނުވި ޗިޓުގައި ބުނެފައިވަނީ އޭނާ ފުލުހަށް ހާޒިރުކުރެވެނީ އާރްޑީސީއަށް ލިބޭ ފައިސާ އެކުންފުނީގެ ވެރިންނާއި އާރްޑީސީއާއި ގުޅުން އޮންނަ ފަރާތްތަކަށާއި ކުންފުނިތަކަށް ދޫކޮށް އާރްޑީސީގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ މައްސަލައިގައި ކަމަށެވެ. އަދި އާރްޑީސީގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ މައްސަލައިގައި އާރްޑީސީއިން ކޮށްފައިވާ މުއާމަލާތްތަކުގެ ތެރެއިން ފައްޔާޒްއަށް މާލީ މަންފާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށްވެސް ޗިޓުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ