ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ހުށަހަޅައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
މިހާރު ސްޕްރީމު ކޯޓުގައި ތިބޭ ހަތް ފަނޑިޔާރުންގެ ބަދަލުގައި ފަސް ފަނޑިޔާރުން ބޭތިއްބުމަށް ކޯޓުތަކާއި ބެހޭ ގާނޫނަށް މިއިސްލާހު ހުށަހަޅާފައިވަނީ އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ.
ޝަރީފު ހުށަހެޅުއްވި ބިލްގެ ފުރަތަމަ ކިޔުން މިއަދު މަޖިލީހަށް އިއްވާފައި ވީނަމަވެސް މި ބިލަށް އަދި ބަހުސް ކުރާކަށް ނުފަށައެވެ.
ބިލް ހުށަހަޅުއްވަމުން ޝަރީފު ވިދާޅުވީ ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބެވުމަކީ ރާއްޖެއާ އަޅާބަލާއިރު ގިނަ އަދަދެއް ކަމަށެވެ. .
ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެންނަން ޝަރީފު ހުށަހެޅުއްވިއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން އެމްޑީޕީން ކުރިން ވަނީ އަޑުއުފުލާފައެވެ.
މިހާރު ސުޕްރީމް ކޯޓުގައި ތިއްބަވާ ހަތް ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު އާއި ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަލީ ހަމީދާއި ފަނޑިޔާރު އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަދި ފަނޑިޔާރު އަހްމަދު މުއުތަސިމެވެ.
ސުޕްރީމު ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހެޅި އިސްލާހުގެ އިތުރުން މެންބަރު ޝަރީފު ވަނީ ހައިކޯޓުގެ ދެ ގޮފި ރާއްޖޭގެ އުތުރާއި ދެކުނުގައި ހުޅުވަން ޖެހޭ ގޮތަށް ވެސް އިސްލާހެއް ހުށަހަޅުއްވާފައެވެ.
އިސްލާހުގައި ބުނެފައިވާ ގޮތުން ހައި ކޯޓްގެ ކޮންމެ ގޮތްޕެއްގައި ތިއްބަވާނީ ތިން ފަނޑިޔާރުންނެވެ. އަދި ހައި ކޯޓްގެ ގޮފިތައް ގާއިމުކުރާނެ ރަށަކާއި އެ ގޮފިތަކަށް ފަނޑިޔާރުން ހަމަޖައްސާނީ ސުޕްރީމް ކޯޓުން ކަމަށްވެސް ބިލްގައިވެއެވެ. ހަމައެއާއެކު އުތުރާއި ދެކުނުގައި ގާއިމުކުރާ ހައި ކޯޓްގެ ދެ ގޮފިން ބަލާނީ އެ ސަރަހައްދެއްގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތަކުގެ އިސްތިއުނާފުކުރުން އެކަނި ކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ.
މިއީ މެޖިސްޓްރޭޓް ކޯޓްތަކުން ނިންމާ ނިންމުންތައް ފަސޭހަކަމާ އެކު އިސްތިއުނާފުކުރަން ފުރުސަތު ދިނުމުގެ މަޤްސަދުގައި ހުށަހެޅި ބިލެއް ކަމަށް ވެސް ބިލްގައި ބުނެފައިވެއެވެ.
މިހާރު ހައި ކޯޓުގައި ނުވަ ފަނޑިޔާރުން ތިއްބަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ