ޕީޕީއެމްއާއި ރައީސް މައުމޫނާ މެދު މުއައްސަސާތަކުން އަމަލުކުރަނީ އެންމެ ރަނގަޅަކަށް ނޫން: ގާސިމް

ޕީޕީއެމްއާއި އެޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި މެދު ދައުލަތުގެ މުއައްސަސާތަކުން އަމަލުކުރަމުންދަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި އެހެންކަމުން ގޯސްކޮށް ހިނގާ ކަންކަމާއި އަބަދުވެސް ދެކޮޅު ހައްދަވާނެ ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހީމް މިހެން ވިދާޅުވީ މ. ކުނޫޒުގައި މިއަދު ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމަކަށްފަހު ދެ ބޭފުޅުން އެކުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި ނޫސްވެރިންނަށް ސުވާލުކުރެއްވުމަށް ފުރުސަތު ދީފައެއް ނުވެ އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ޕީޕީއެމްގެ އާންމު ޖަލްސާއަކުން އެ ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް ޕީޕީއެމްގެ ރައީސަކަށް އިންތިހާބު ކޮށްފައި ހުންނެވީ ރައީސް މައުމޫން ކަމަށް ފުރިހަމައަށް ގަބޫލުކުރައްވާ ކަމަށެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ގާނޫނީ ހުދޫދުން ބޭރުގެ ވެގެން ކުރަމުންދާ ކަންކަމުގައި އަބަދުވެސް ދެކޮޅު ހައްދަވާނެ ކަމަށެވެ. ޕާޓީ ތަކުގެ އަސާސީ ގަވައިދު ތަކުގައި އިސްލާމް ދީނަށާއި ގާނޫނު އަސާސީއާއި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ބުނެފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން ގާނޫނު އަސާސީއާ ގާނޫނުތަކަށް ދައުލަތުގެ މުއައްސަސާތަކުން އިހްތިރާމް ކުރާ ފަދައިން ޕާޓީ ތަކުގެ އަސާސީ ގަވައިދުތަކަށް ދައުލަތުގެ މުއައައްސަސާތަކުން އިހްތިރާމް ކުރުމަކީ މަޖުބޫރު ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
"މިކަން ވަރަށް ސާބިތުމާއެކު ދަންނަވަން އަޅުގަނޑުމެންނަށް އިނގޭ،" މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސް ކަން ވެސް ކުރައްވާފައިވާ ގާސިމް ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ މިއަދުގެ ބައްދަލުވުމަކީ ރައީސް މައުމޫން އެދިވަޑައިގެން ބޭއްވި ބައްދަލުވުމެއް ކަމަށެވެ. މިބައްދަލުވުމުގައި ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް ނިންމާފައި ނުވާ ކަން ފާހަގަކުރައްވާ ގާސިމް އިބްރާހީމް ވިދާޅުވީ ރައީސް މައުމޫންގެ ފަރާތްޕުޅުން ވަރަށް ރަނގަޅު ހުށަހެޅުންތަކެއް ލިބިފައިވާ ކަމަށެެވެ. ނަަމަވެސް އެކަމުގެ ތަފްސީލް ހިއްސާކުރައްވާފައެއް ނުވެ އެވެ.
ރައީސް މައުމޫން މިއަދުގެ ސަރުކާރަށް ކުރަމުން ދިޔަ ތާއީދު އަނބުރާ ގެންދެވި ކަން އިއުލާންކުރައްވާފައިވާތީ ގާސިމް އިބްރާހީމް މިއަދު ވަނީ ރައީސް މައުމޫނަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ވިދާޅުވީ ރައީސް މައުމޫން އެކަން އިއުލާންކުރެއްވުމުގެ ގޮތުން ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު ދެއްކެވި ވާހަކަތަކުގެ ހަގީގަތްތައް ވިސްނާ ފިކުރުކުރާ ކޮންމެ މީހަކަށް ވެސް އެނގޭނެ ކަމަށެވެ.
ގާަސިމް އިބްރާހީމް ވިދާޅުވީ ޕީޕީއެމް އިން ހުށަހެޅި ގޮތަށް އެހެން ޕާޓީއަކުން ހުށަހެޅި ނަމަވެސް އެޕާޓީއަކާއި ބައްދަލުކޮށް މަޝްވަރާކުރާނެ ކަމަށެވެ. އަދި ގައުމަށްޓަކައި ކުރެވޭ ކޮންމެ ރަނގަޅު ކަމެއްގައި ޖުމްހޫރީ ޕާޓީން ބައިވެރިވާނެ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މާތްﷲ އިރާދަކުރެއްވިއްޔާ ތެދުވެރިކަމާއެކީ މަސައްކަތް ކުރާނީ މިގައުމުގެ ކުރިއެރުމަށާއި އަދި ރައްޔިތުންގެ ހައްގުތަކަށާއި ރައްޔިތުންގެ މިނިވަންކަން އެބައިމީހުންނަށް ހޯދައިދިނުމަށާއި އަޅުގަނޑުމެންގެ ހާރިޖީ އަދި ދާހިލީ ސިޔާސަތު ހަމަހަމަ ގޮތުގައި ބާއްވައިގެން މީހުންގެ ހައްގުތައް މީހުންނަށް ލިބިދެވޭނެ ގޮތެއްގެ މައްޗަށް،" މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ކަން ވެސް ކުރައްވަމުން ގެންދަވާ ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
ގައުމުގައި މިއަދު ހިނގަމުންދާ ކަންކަމާއި ގުޅިގެން ގާސިމް އިބްރާހީމް ވަނީ މީޑިއާތަކަށް ވެސް އިލްތިމާސްއެއް ކުރައްވާފަ އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ގައުމުގެ މަސްލަހަތު ހިފެހެއްޓޭ ގޮތަށް އިންސާފުވެރިކަމާއި ތެދުވެރިކަމާއެކު ހަބަރުތައް ގެނެސްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ