ދެވަނަ ބުރުގައި ޔާމީންގެ ފަހަތްޕުޅަށް ވަޑައިގަންނަވާނެ ކަމަށް ގާސިމް ވިދާޅެއް ނުވި

ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ގޮސްފިނަމަ ދެވަނަ ބުރަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވަޑައިނުގެން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން ވަޑައިގެންފިނަމަ ޔާމީންގެ ފަހަތްޕުޅަށް އަރައިވަޑައިގަތުމާއި މެދު ގޮތެއް ނުނިންމަވާ ކަމަށް ގާސިމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ގުޅުމުގެ ފަރާތުން މ.ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ ދެވަނަ ބުރަށް ޖުމްހޫރީ ގުޅުން ނުގޮސްފިނަމަ ދެން ދެވަނަ ބުރަށް ދާނެ ޕާޓީއަކާއި ގުޅެން އޭނާ އަމިއްލައަށް ނުނިންމޭނެ ކަމަށާއި އެ ނިންމުން ނިންމަން ޖެހޭނީ ގައުމީ ހިންގާ ކޮމިޓީން ކަމަށެވެ.
ގާސިމް ވިދާޅުވީ ޖުމްހޫރީ ގުޅުމުން ދެވަނަ ބުރުގައި ތާއީދުކުރާނީ އެމްޑީޕީއަށް ކަމަށް ބުނެ ފަތުރަމުންދާ ހަބަރަކީ ދޮގު ހަބަރެއް ކަމަށާއި ޖުމްހޫރީ ގުޅުމުން އެމްޑީޕީއަށް ތާއީދުކުރާނަމަ މިހާރު ވެސް އެޕާޓީ އާއި އެކު މަސައްކަތްކުރީސް ކަމަށެވެ.
"އެހެންވީމަ އެއީ ދޮގު ވާހަކައެއް، ތާކުން ތާކު ނުޖެހޭ ވާހަކައެއް، ކުރީގައި އޮންނަ ބައެއް އެނގިއްޖެއްޔާ އަދި ފަހަތުގައި އޮންނަނީ ކޮން ބައެއް ކަން އެނގިއްޖެއްޔާ ދެން އެ ހިސާބުން ވާހަކަ ދައްކައިގެން ނިންމޭނީ، އެވަގުތު ނާންނަނީސް މާކުރިން އަޅުގަނޑުމެން ގޮތެއް ނުނިންމަން، އެހެންވެ އެއަށް އަޅުގަނޑުމެން ވަކި އެއްޗެއް ނުދަންނަވަމުން މި ގެންދަވަނީ." ގާސިމް ވިދާޅުވި އެވެ.
ގާސިމް މިހެން ވިދާޅުވި ނަމަވެސް ޔާމީން މީގެކުރިން ވިދާޅުވެފައިވަނީ ޕީޕީއެމުން ދެވަނަ ބުރަށް ނުގޮސް ޖުމްހޫރީ ޕާޓީން ދެވަނަ ބުރަށް ގޮސްފިނަމަ ގާސިމްގެ ފަހަތްޕުޅަށް އަރައިވަޑައިގަންނަވާނެ ކަމަށެވެ.
އެމްޑީޕީއަށް ދާން ފާސްކޮށްފާނެތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ގާސިމް ވިދާޅުވީ އެމްޑީޕީއަށާއި ޕީޕީއެމަށް ދާން ނުވަތަ ނުދާން ގޮތެއް ކަނޑައަޅާނީ އެ ހާލަތުގައި ކަމަށާއި މިހާރު އެކަމާއި މެދު ވަކި އެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ.
ގާސިމް ވިދާޅުވި ގޮތުގައި އަންނަ ހޮނިހިރު ދުވަހުގެ އިންތިހާބުގައި ޖުމްހޫރީ ގުޅުން އޮންނާނީ އެއްވަނައިގައި އެވެ. އަދި ޖުމްހޫރީ ގުޅުމުން ބޭނުންވަނީ އެއް ފަހަރުން އިންތިހާބު ނިންމާލުމަށެވެ. ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރަން ބޭނުންނަމަ ވޯޓުލީ މީހުންގެ 50 ޕަސަންޓުގެ އިތުރަށް އެއް ވޯޓު ބޭނުންވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ