އަންނަ ހޮނިހިރުދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގެ ވޯޓު ފަސްކުރަން ސުޕްރީމް ކޯޓުން އަމުރު ނެރުނު ނަމަވެސް އެ އަމުރު ގަބޫލުނުކުރައްވާ ކަމަށް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކާއި އެކު ރަނިންމޭޓެއްގެ ގޮތުގައި ނުކުމެވަޑައިގެން ނާކާމިޔާބީއާއި ކުރިމަތި ލައްވަން ޖެހިވަޑައިގެންނެވި އަދި މިހާރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ތަސްމީން އެހެން ވިދާޅުވީ ރޭ އޭނާ ކުރެއްވި ޓުވީޓެއްގައި އެވެ.
ކެންދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ތަސްމީން ވިދާޅުވީ އިންތިހާބުގެ ނިންމުން ނިންމާނީ ކޯޓުން ނޫން ކަމަށާއި އެއީ ރައްޔިތުންގެ ނިންމުމެއް ކަމަށެވެ.
"އިލެކްޝަން ބޭއްވުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރު ގަބޫލެއް ނުކުރާނަން، އިންތިހާބުގެ ނިންމުން ނިންމާނީ ކޯޓުން ނޫން. އެއީ ރައްޔިތުން ނިންމާ ނިންމުމެއް." ތަސްމީން ވިދާޅުވެފައިވެ އެވެ.
އިންތިހާބު ފަސް ކުރަން އަމުރުކުރީ ސުޕްރީމް ކޯޓުގެ 4 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
އެ އަމުރުގައި ވަނީ އެ ކޯޓުން ބަލަމުން ދާ މައްސަލަ ވަކި ގޮތަކަށް ނިމެންދެން، ގާނޫނު އަސާސީގެ 144 ވަނަ މާއްދާގެ ށ. ގެ ދަށުން، އިންތިޚާބު ފަސްކުރަން އިލެކްޝަންސް ކޮމިޝަނަށާއި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަމުރުކުރާ ކަމަށެވެ.
ސުޕްރީމް ކޯޓުން އެ އިޝާރާތްކުރީ ފުރަތަމަ ބުރުގެ ވޯޓު އޮޅުވާލި ކަމަށް ބުނެ ޖުމްހޫރީ ޕާޓީން އެކޯޓަށް ހުށަހެޅި މައްސަލައިގެ ވާހަކައެވެ. އަދި ޖުމްހޫރީ ޕާޓީން ވެސް ވަނީ އަންނަ ހޮނިހިރު ދުވަހު ބާއްވަން އިއުލާން ކޮށްފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ނުބޭއްވުމަށް އަމުރެއް ނެރެދިނުމަށް ކޯޓުގައި އެދިފައެވެ.
ސުޕްރީމް ކޯޓުގެ އަމުރު ތަސްމީން ގަބޫލެއް ނުކުރެއްވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ