އެންމެ ރަނގަޅަށް ކަންތައްތައް ކޮށްދެވޭނީ ޔާމީނަށާއި ޖަމީލަށް - މައުމޫން

ދުވާފަރުން : މުޝައްރަފް ހަސަން
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ހަތަރު ކެންޑިޑޭޓުންގެ ތެރެއިން ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދެވޭނެ ކަމަށް ގަބޫލުކުރެވެނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީނަށާއި ރަނިންމޭޓު ޑރ.މުހައްމަދު ޖަމީލަށް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރ.ދުވާފަރަށް ޕީޕީއެމް ވަފްދުން މިރޭ ކުރި ދަތުރުގައި އެރަށު ގިނަ އަދަދެއްގެ ބަޔަކާއި އެކު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދެވޭނީ ޔާމީނަށާއި ޖަމީލަށް ކަމަށް ވިދާޅުވީ އެހެން ކެންޑިޑޭޓުންނަށް ކުޑައިމީސް ބަހެއް ވިދާޅުވި ގޮތުން ނޫން ކަމަށާއި އެކެނޑިޑޭޓުންނަށް ޕީޕީއެމްއިން ގަދަރުކުރާ ކަމަށެވެ.
ކުރިއަށް އޮތްތަނުގައި ހިދުމަތް ކުރެވޭނީ ކާކަށްތޯ އާއި އެބޭފުޅުންގެ މައުލޫމާތާއި ތަޖުރިބާ އާއި މީގެކުރިން ކޮށްދެއްވާފައި ހިދުމަތްތަކަށް ބަލަން ޖެހޭ ކަމަށާއި ވޯޓުދޭންވާނީ އެބޭފުޅެއްގެ ގާބިލިއްޔަތު ކަމަށް ބަލާފައި ކަމަށް ވެސް ރައީސް މައުމޫން ރޭ ވިދާޅުވި އެވެ.
"އެބޭފުޅުންނަކީ އަމާނާތްތެރިންތޯ ބަލާފައި، އެބޭފުޅުންނަކީ އެކަމަށް ގާބިލް، އެކަމުގެ މައުލޫމާތު ހުރި ތަޖުރިބާހުރި އަދި އެބޭފުޅުންގެ ފަރާތުން ގައުމަށް އެއްވެސް ކަހަލަ ނުރަނގަޅު ކަމެއް މެދުވެރިނުވާ ކެންޑިޑޭޓުންނަށް ވާންޖެހޭނެ، އަމާނާތްތެރި ބޭފުޅުންނަށް ވާންޖެހޭނެ، އަމާނަތްތެރިކަމަކީ ވެރިންގެ ކިބައިގައި ހުންނަންޖެހޭ އެންމެ ރީތި ސިފަ." ރައީސް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޔާމީނާއި ޖަމީލަކީ މީގެކުރިން ދެންނެވި ފަދަ ސިފަތައް ހުރި ބޭފުޅުން ކަމަށާއި އެބޭފުޅުންގެ ފަރާތުން ގައުމަށް އެއްވެސް ކަހަލަ ގެއްލުމެއް ނުވަތަ ދަތިކަމެއް ކުރިމަތިވެފައިނުވާތީ އެދެބޭފުޅުންނަށް ވޯޓު ދޭން ޖެހޭ ކަމަށެވެ.
ރިޔާސީ ނިޒާމާއި ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ މި ނިޒާމުގައި ވެރިޔަކު އަބަދަކު ވެރިކަމުގައި ނުހުންނަވާނެ ކަމަށާއި މި ނިޒާމުގައި ވެރިޔަކަށް ހުންނަން ޖެހޭނީ ރައްޔިތުން ހޮވާ ވެރިއެއް ކަމަށެވެ. އަދި ޑިމޮކްރަސީއެއްގައި އެންމެ ބާރުގަދަ ހަތިޔާރަކީ ރައްޔިތުންގެ ވޯޓު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެ ހަތިޔާރު ބޭނުންކޮށްގެން ރައްޔިތުން ބޭނުންވާ ކަންކަން ބައްޓަން ކުރާނީ، އެހެންވީމަ ރިޔާސީ އިންތިހާބެއް ބާއްވަން ޖެހެނީ،" ރައީސް މައުމޫން ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖަމީލް ވިދާޅުވީ ޕީޕީއެމްއިން ވެރިކަމަށް އަންނަނީ ރާއްޖޭގެ ރައްޔިތުންގެ ޝަރަފާއި އިއްޒަތް އަލުން އަނބުރާ ގާއިމުކުރުމަށްޓަކައި ކަމަށާއި ޕީޕީއެމް ސަރުކާރު ވެގެންދާނީ ރައީސް މައުމޫން ސަރުކާރުގައި ވެސް އަވައްޓެރި ގައުމުތަކާއި އެކީގައި ބޭއްވި ފަދަ ގުޅުމެއް ބާއްވާ ރާއްޖޭގެ ރައްޔިތުންގެ ޝަރަފާއި އިއްޒަތް ގާއިމުކުރާނެ ސަރުކާރަކަށް ކަމަށެވެ.
އަދި މިކަން ގާއިމުކުރުމާއިއެކީގައި ޕީޕީއެމް ސަރުކާރުވެގެންދާނީ އަލުން ރައްޔިތުންނަށް ތަނަވަސްކަމާއި ފާގަތި ކަން އިއާދަކުރާ ސަރުކާރަކަށް ކަމަށާއި ކުރިއަށް އޮތް އިންތިހާބަށް ވެގެންދާނީ އެހެން އެއްވެސް ބަޔަކަށް ޕީޕީއެމް އާއި ފައިތިލަ ސާބިތުނުކުރެވޭ ވަރަށް ފަސޭހަ ކަމާއިއެކީގައި ކާމިޔާބުކުރާ އިންތިހާބަކަށް ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ