ރައްޔިތުން އަޅުގަނޑު އިޚްތިޔާރުކުރީ އަބްދުﷲ ޔާމީނަށް ވެގެންނެއް ނޫން - ރައީސް ޔާމީން

ރައްޔިތުން ރައީސް އިންތިޚާބުކުރީ އަބްދުﷲ ޔާމީންއަށް ވެގެން ނޫން ކަމަށާއި، ޕީޕިއެމްއިން ފޯރުކޮށްދޭން ހުރީ ކޮން ކަހަލަ ކަންކަމެއްތޯ ބަލައި، އެހެން ބޭފުޅުންގެ މެނިފެސްޓޯއާއި އަޅާކިޔުމަށް ފަހު ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާކަން ލިބިވަޑައިގަތުމަށްފަހު ރާއްޖެތެރެއަށް ކުރައްވާ އެންމެ ފުރަތަމަ ދަތުރުފުޅުގައި ދ.މީދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުން އެމަނިކުފާނު އިންތިޚާބު ކުރީ ޕީޕީއެމުން ވެފައިވާ ވަޢުދުތަކަށް އިތުބާރުކޮށްފައި ކަމަށެވެ.
"ރައްޔިތުން އަޅުގަނޑު އިންތިޚަބުކުރީ އަޅުގަނޑުމެން ޕާޓީއިން ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވަނީ ކޮންކަހަލަ ޚިދުމަތްތަކެއްތޯ ބައްލަޥާފަ. އަޅުގަނޑުމެންގެ މެނިފެސްޓޯގައިހުރި ވާހަކަތަކާއި އެހެން ބޭފުޅުންގެ މެނިފެސްޓޯތައް އަޅާކިޔާފައި ، ރައްޔިތުންނަށް އެންމެ ޤަބޫލުކުރެވޭ ވާހަކައަކީ ޕީޕީއެމްގެ މެނިފެސްޓޯގައި ހުރި ވާހަކަތަކަށް ވީމާ." ރައީސް ޔާމީން ވިދާޅުވިއެވެ.
މި ޖަލްސާގައި ރައީސް ޔާމީން ވަނީ އެމަނިކުފާނަށް ވޯޓު ދެއްވީތީ، ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ. އަދި އެމަނިކުފާނު އިންތިޚާބުކުރުމުގެ ސަބަބުން، ރައްޔިތުންގެ މަސައްކަތް އަދި ފެށުނީކަމަށެވެ.
"އަޅުގަނޑަށް ވޯޓް ދެއްވެވި ހިސާބުން ހަޤީޤަތުގައި ތިޔަބޭފުޅުންގެ މަސައްކަތްޕުޅު ފެއްޓެވީ. ދެން ކުރަންޖެހޭ ކަމަކީ މި ސަރުކާރު ބާރުވެރި ކުރުވުން."
ރައީސް ޔާމީން އިތުރަށް ވިދާޅުވިގޮތުގައި، ސަރުކާރަކީ ޤާނޫނީ ތަރަހައިގެ ތެރެއިން މަސައްކަތް ކުރާ، އިސްލާމީ އަދުލުވެރިކަން ހިނގާ، އަދި ރާއްޖޭގައި ސުލްހަ މަސްލަހަތު ދަމަހައްޓާ، އަދި ޗާޓުން ބޭރުން މަސައްކަތް ކުރާ ރައްޔިތުންނަށް ކަންކަން ކޮށްދޭން ޝައުޤުވެރިވާ ރައީސަކަށް އެމަނިކުފާނު ހައްދަވައިދޭން ޖެހޭނެކަމަށެވެ. އަދި މިކަން ކުރެވޭނީ ސަރުކާރު ބާރުވެރިކޮށްގެން ކަމަށެވެ.
"އެހާ ހިސާބުން ރައްޔިތުން ކުރަންޖެހޭ ކަމަކީ އެ ސަރުކާރު ބާރުވެރިކޮށްދިނުން. އެކަން ނުކޮށްދެވޭކަމަށް ވަންޏާ، ރައީސް ޔާމީނަކަށް ނުވަތަ ޕްރޮގްރެސިވް ކޯލިޝަނަކަށް ރައްޔިތުން އެދޭ ކަންކަން ނުކޮށްދެވޭނެކަން ތިބޭފުޅުން މިރޭވެސް ޤަބޫލުކުރައްވާނެ." ރައީސް އަބްދުﷲ ޔާމީން ވިދާޅުވިއެވެ.
ރައީސް މިހާރު ދާލު އަތޮޅަށާއި މީމު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ޕްރޮގްރެސިވް ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށާއި ލޯކަލް ކައުންސިލްތަކަށް ކުރިމަތިލައްވާފައިވާ އެކިއެކި ކެންޑިޑޭޓުންނަށް ތާޢީދު ހޯއްދަވއި، ކެމްޕޭން ކުރެއްވުމުގެ މަސައްކަތް ވެސް ކުރިޔަށް ގެންދަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ