ހަމަނުޖެހުން ހިންގުމުގެ ސަބަބުން އެމްޑީއޭ މަނަދޫ ދާއިރާގެ ޕްރައިމަރީގެ ވޯޓުލުން ހުއްޓާލައިފި

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނ.މަނަދޫ ދާއިރާއަށް ކުރިމަލިތާނެ ކެންޑިޑޭޓަކު ހޮވުމަށް މިއަދު ބާއްވަމުންދާ ޕްރައިމަރީގެ ވަކި ހިސާބަކުން ހަމަނުޖެހުން ހިންގުމުގެ ސަބަބުން ވޯޓުލުން ހުއްޓާލައިފި އެވެ.
ޕްރައިމަރީގައި ވޯޓުލަމުންދަނިކޮށް ހަމަނުޖެހުން ހިނގާފައިވަނީ މަނަދޫގައި ބަހައްޓާފައި ހުރި ފޮށި ކައިރީގައި އެވެ.
އެގޮތުން ބަޔަކު ވޯޓުލާ މަރުކަޒަށް ވަދެ ހަމަނުޖެހުން ހިންގުމާއި ގުޅިގެން އެ ދާއިރާގެ ވޯޓުލުން ވަނީ ކެންސަލްކޮށްފައެވެ.
މި ދާއިރާއަށް ކުރިމަތިލެއްވި ތިން މީހުންގެ ތެރެއިން އެކަކު ވަނީ ނަން އަނބުރާ ނަގައިފައެވެ.
އެމްޑީއޭގެ އޮފިޝަލަކު ވިދާޅުވީ ވޯޓުލާ މަރުކަޒަށް ވަދެ ހަމަނުޖެހުން ހިންގީ ނަން އަނބުރާ ގެންދެވި ބޭފުޅާއަށް ތާއީދުކުރާ ބައެއް ކަމަށެވެ.
މަނަދޫގެ އިތުރުން ދެން ވޯޓުލުން ކުރިއަށް ދަނީ ވެލިދޫ ދާއިރާގެ އެވެ. މި ދާއިރާގެ ވޯޓުލުން ވަރަށް އަމާން އޮމާންކަމާއިއެކީގައި ކުރިއަށްދާކަން ފާހަގަކޮށްލެވެ އެވެ.
ޕްރައިމަރީގެ ވޯޓުލުން ފަށާފައި ވަނީ މިއަދު މެންދުރު ޖެހިއިރު އެވެ. އަދި މިރޭ 8:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެ އެވެ. ޕްރައިމަރީގެ ވޯޓުލުން މާލޭގައި ކުރިއަށްދަނީ ހ. ސަންގައި ހުންނަ އެމްޑީއޭގެ ޖަގަހައިގަ އެވެ. އަދި އެ ދެ ދާއިރާގެ ކޮންމެ ރަށެއްގައި ވެސް ވޯޓުލުން ކުރިއަށްދެ އެވެ.
މަނަދޫ ދާއިރާގެ ޕްރައިމަރީގައި ވެސް ވާދަކުރައްވަނީ އުމަރު ހުސައިން އާއި މުހައްމަދު އަބްދުﷲ އެވެ. ވެލިދޫ ދާއިރަގެ ޕްރައިމަރީގައި ވާދަކުރައްވާ ދެ ބޭފުޅުންނަކީ މުހައްމަދު އަލީ އާއި އަލީ ފާރިޝް ޔޫސުފް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ