ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް މިއަދު އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.
އޭނާ އެމްޑީޕީއަށް ސޮއިކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ޗެއާޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކާއި، އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހުގަ އެވެ.
އަބްދުﷲ އަބްދުއްރަހީމް އެމްޑީޕީއަށް ސޮއިކުރެއްވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެންބަރުން އަދަދު ވަނީ 34 އަށް އިތުރުވެފަ އެވެ.
މިހާރު ކުރިއަށްދާ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް އަބްދުﷲ އަބްދުއްރަހީމް އިންތިހާބުވީ ޑީއާރުޕީގެ ޓިކެޓްގައެވެ.
އޭނާ ޑީއާރުޕީން ދޫކޮށް އެމްޑީޕީއަށް މީގެ ކުރިން ސޮއިކުރެއްވުމަށްފަހު އޭގެ ދުވަސްކޮޅެއް ފަހުން އަނެއްކާވެސް ޑީއާރުޕީއާ ގުޅިވަޑައިގެންނެވި އެވެ. އެއަށްފަހު ދެން އޭނާ ގުޅިވަޑައިގެންނެވީ ޖުމްހޫރީ ޕާޓީ އާއި އެވެ.
އަބްދުﷲ އަބްދުއްރަހީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ދެން ދުވަހަކުވެސް އެއްވެސް ޕާޓީއަކަށް ސޮއިނުކުރައްވާނެ ކަމަށާއި ގައުމުގެ ޑިމޮކްރަސީގެ އަސާސް ކަމުގައިވާ ރައްޔިތުންގެ ވޯޓު ހޯދައިދެވޭނީ އެމްޑީޕީއަށް އެކަނި ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ މަޖިލީހުގެ ސާފު އަޣުލަބިއްޔަތާއިއެކު އެމްޑީޕީއަށް ގުޅިވަޑައިގެންފައިވާކަމަށާއި، ޤާނޫނު އަސާސީއާއި ޑިމޮކްރަސީ ނެގެހެއްޓުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ޑީއާރްޕީއާއި އެމްޑީޕީގެ އެންމެހައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ޝުކުރު އަދާކުރައްވާކަމަށެވެ.
އަބްދުﷲ އަބްދުއްރަހީމް އެމްޑީޕީއަށް އަނެއްކާވެސް ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ