ހުކުމާއި އެކު ގާސިމް ފަރުވާއަށް ބޭރަށް ފޮނުވަން ކޯޓުން އަމުރުކުރި

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ މައްޗަށް ކްރިމިނަލް ކޯޓުން މިރޭ ކުރި ހުކުމާއި އެކު ގާސިމްގެ ބޭސްވަރުވާގެ ކަންކަން ހަމަޖެއްސުމަށާއި ބޭސްފަރުވާއަށް ގާސިމް ބޭރަށް ފޮނުވުމަށް ދައުލަތުގެ މުއައްސަސާ ތަކުގެ މައްޗަށް ކުރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.
ހުކުމުގައި ބުނެފައިވަނީ ގާސިމްގެ މައްޗަށް ސާބިތުވާ ކުށުގެ އަދަބު ތަންފީޒު ކުރަމުންދިޔަ ނަމަވެސް ކުށުގެ އަދަބު ތަންފީޒު ކުރުމަކީ ރާއްޖެއިން ބޭރުން ހެދުމަށް ގާސިމް ބެއްލެވި ޑޮކްޓަރު ލަފާދެއްވާފައިވާ ޓެސްޓުތައް ހެދުމާއި ލިބެންޖެހޭ ފަރުވާ ގާސިމް އިބްރާހީމަށް ލިބުމަށް އޮތް ހުރަހަކަށްވެގެން ނުވާނެ ކަމުގައެވެ.
އަދި ގާސިމްގެ ބޭސްފަރުވާގެ ކަންކަން ހަމަޖައްސާ ދިނުމަށް ކަމާބެހޭ އިދާރާތަކުގެ މައްޗަށް އަމުރުކުރާކަމަށް ހުކުމުގައި ބުނެފައިވެއެވެ.
ގާސިމްގެ މައްޗަށް ހުކުމް ކޮށްފައިވަނީ މިރޭ 11:00 ގައި ތާވަލު ކުރެވުނު ގާސިމްގެ ޝަރީއަތުގެ އަޑު އެހުމުގައި ގާސިމްގެ އަދި ޤާސިމްގެ ވަކީލުންގެ ވެސް ޤައިރު ހާޒިރުގައެވެ. ގާސިމްގެ މައްޗަށް ހުކުމް ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށައެޅުއްވި ކަމުގެ ކުށުގައެވެ.
ގާސިމްގެ މައްޗަށް ކޮށްފައިވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ހުކުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ