މަޖިލީހަށް ހޮވައިދިނީ މަހުޖަނުންނަށް ވާކަށް ނޫން: ރައީސް މައުމޫނު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެ މަޤާމަށް ރައްޔިތުން ހޮވައިދީފައިވަނީ މަޤާމުގެ ބޭނުންކޮށް މުއްސަނދި މަހުޖަނުންނަށް ވާން ނޫންކަމަށާއި ރައްޔިތުންނަށް ހިދުމަތް ކުރުމަށްކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން ރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ބޮޑެތި މުއްސަނދިންނަށް ވެފައިވާ ކަމުގައެވެ.
އަދި އެ މެމްބަރުންނަކީ މަޖިލީހަށް ހޮވުނު އިރު މާބޮޑު ތަނަވަސްކަމެއް ލިބިފައި ނުވާ މެމްބަރުން ނަމަވެސް މަޖިލީހަށް ހޮވުމަށްފަހު އެ މެމްބަރުން މަޤާމުގެ ބޭނުންކޮށް މުއްސަނދިންނަށް ބަދަލުވެގެން ގޮސްފައިވާކަމަށާއި ނަމަވެސް ރައްޔިތުން އެ މެމްބަރުންހޮވީ ރައްޔިތުންނަށް އިހްލާސްތެރި ހިދުމަތް ކުރުމަށް ކަމުގައެވެ.
ރައީސް މައުމޫނު ވިދާޅުވީ ބައެއް މެމްބަރުން ނުކުރައްވާ ވިޔަފާރި އެއް މިހާރު ނެތްކަމަށާއި އެންމެ އަގުބޮޑު ފްލެޓްތައް ބައްލަވައިގެންފައިވާ ކަމުގައެވެ. އަދި އަގުބޮޑު ކާރާއި އެތައްހާސް ރުފިޔާއެއްގެ އަގުބޮޑު އަތުކުރި ގަޑި ބައެއް މެމްބަރުން އަޅުއްވާކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
މީގެ އިތުރުން މިއަދު މުއްސަނދިކޮށް އުޅުއްވާ މެމްބަރުންނަކީ އިރު އިރުކޮޅާ ޗުއްޓީއަށް ރާއްޖެއިން ބޭރަށް ވަޑައިގެން އުޅުއްވާ މެމްބަރުން ކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
ނަމަވެސް އެ މެމްބަރުންނަކީ މަޖިލީހަށް ހޮވި ވަޑައިގެންނެވި އިރު އެފަދަ މުއްސަނދިކަމެއް ލިބިފައިވާ މެމްބަރުން ނޫންކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ. މަޖިލީހަށް ހޮވިވަޑައިގެންނެވުމަށްފަހު ބައެއް މެމްބަރުން މުއްސަނދިވެފައިވާކަމަށް ވިދާޅުވި ނަމަވެސް އެ މެމްބަރުންނަކީ ކޮން މެމްބަރުންނެއް ކަމެއް ރައީސް މައުމޫނު ވިދާޅެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ