ރާއްޖޭގައި ދީން ދެމިއޮންނަން ބޭނުންނަމަ ޕީޕީއެމްއާ ގުޅުމަށް މައުމޫން ގޮވާލައްވައިފި

ރާއްޖެއަކީ މުސްލިމު ގައުމެއްގެ ގޮތުގައި ދެމިއޮންނަން ބޭނުންވާ ކޮންމެ ރައްޔިތަކު ޕީޕީއެމްއާ ގުޅުމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ.
ފުވައްމުލަކުގައި ރޭ ބޭއްވި ޕީޕީއެމްގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ބައެއް ޕާޓީތަކުން ކޯލިޝަން ހަދާ ވާހަކަތަކާއި އެކި ފަރާތްފަރާތާ ގުޅެމުންދާ ވާހަކަ އަޑު އައްސަވާ ކަމަށެވެ. އޭނާ ވިދާޅުވީ އެގޮތަށް ގުޅެމުންދާ ފަރާތްތަކުގެ ތެރެއިން ރާއްޖޭގައި ފުރިހަމަ ޑިމޮކްރެސީއެއް އޮންނަން ބޭނުންވާ ފަރާތް ތަކުންނާއި، އަދި ރާއްޖޭގެ ސިޔާދަތު ދެމި އޮންނަން ބޭނުންންވާ ކޮންމެ ފަރާތަކުން ވެސް ޕީޕީއެމްއާ ގުޅުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އެދިލެއްވުމެއް ކަމަށެވެ.
"ބައެއް ބޭފުޅުން ވާހަކަފުޅު ދައްކަވާއިރު އެބަ ވިދާޅުވޭ ބައެއް ޕާޓީ ތަކުން ކޯލިޝަން ހަދާ ވާހަކަ އާ، އެކި ފަރާތް ފަރާތާއި ގުޅެމުންދާ ވާހަކަ. އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ އެއްވެސް ބޭފުޅަކު ބޭނުންފުޅު ވަނީ ފުރިހަމަ ޑިމޮކްރެސީއެއް ކަމަށް ވާނަމަ، އެއްވެސް ބޭފުޅަކު ބޭނުން ވަނީ ރާއްޖޭގައި، އިސްލާމް ދީން ދެމި އޮތުން ކަމަށް ވާނަމަ، އެއްވެސް ބޭފުޅަކު ބޭނުންފުޅު ވަނީ ދިވެހި ރާއްޖޭގެ ސިޔާދަތު ފުރިހަމައަށް ރައްކާތެރިވެފައި އޮންނަން ކަމަށް ވާނަމަ، އަޅުގަނޑު ދަންނަ ވާނީ އެ ބޭފުޅަކު އަވަހަށް ޕީޕީއެމްއާ ގުޅިވަޑައިގަންވާށޭ،" އޭނާ ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ރާއްޖޭގައި އޮތް އަމަން އަމާން ކަމާއި ސުލްހަ މަސަލަސްކަން ނެތެމުން ދާއިރު އެކަން ގާއިމް ވެފައި އޮންނަން ބޭނުންވާ ފަރާތް ތަކުންނާއި، އަދި ރައްޔިތުންގެ ހައްގުތައް ރައްކާތެރި ވެފައި އޮންނަން ބޭނުންވާ ކޮންމެ މީހަކު ވެސް ޕީޕީއެމް އާއި އަވަހަށް ގުޅުމަކީ އެ މަނިކުފާނުގެ ވަރަށް ބޮޑު އެދި ލެއްވުމެއް ކަމަށެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްގެ ސަރުކާރެއްގައި ރައްޔިތުންގެ ލާބަ އާއި މަންފާއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށާއި އެހެން ކަމުން އެފަދަ ސަރުކާރެއް ރާއްޖޭގައި ގާއިމް ވެފައި އޮންނަން ބޭނުންވާ ފަރާތް ތަކަށް ވެސް ޕީޕީއެމްގެ ދޮރުތައް ހުރީ ހުޅުވާލާފައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ