ފަލަސްތީނުގެ ދެ ޒުވާނުން ޝަހީދު ކޮށްލައިފި

އިސްރާއީލުގެ އުދުވާނީ ސިފައިން މިއަދުވެސް ފަލަސްތީނު ދެ ޒުވާނެއްގެ ގަޔަށް ބަޑިޖަހައި ޝަހީދު ކޮށްލައިފިއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، ފަލަސްތީނު ދެމީހުންގެ ގަޔަށް ބަޑިޖެހީ، ހުޅަނގު އައްސޭރީގެ ނާބުލުސްގެ އިރުމަތީ ފަޅީފައި އިސްރާއީލުން ހަދާފައިވާ "އެލީ" ނަމަކަށްކިޔާ ޔަހޫދީ އާބާދީއަށް ވަދެ، އިސްރާއީލު މީހަކަށް ވަޅިން ހަމަލާ ދިނުމުން ކަމަށެވެ.
ފަލަސްތީނު ފުލުހުން ބުނެފައިވަނީ، އިސްރާއީލު ސިފައިން ހަމަލާދީ ޝަހީދު ކޮށްލާފައިވަނީ ލަބީބް އައްޒާމްއާއި، މުހަންމަދު ޒަޤްވާން ނަމަކަށްކިޔާ ދެ ޒުވާނުން ކަމަށާއި، އެމީހުންގެ އުމުރު އުޅޭނީ 18 އަހަރުގައި ކަމަށެވެ. އެދެ ޒުވާނުންނަކީ އިސްރާއީލުން ހަދާފައިވާ ޔަހޫދީ އާބާދީއާ ގާތުގައި އޮންނަ ފަލަސްތީނުގެ ޤަރީޔަތު އަވަށުގެ ދެޒުވާނުން ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
ފަލަސްތީނުގެ ޒުވާނުންނާއި، އިސްރާއީލުގެ އުދުވާނީ ބާރުތަކާ ދެމެދު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ހިނގަމުންދާ ކުރިމަތިލުންތަކުގެ ތެރޭގައި، އެކި އެކި ހުއްޖަތް ދައްކައިގެން އިސްރާއީލުގެ އުދުވާނީ ބާރުތަކުން މިހާތަނަށް ވަނީ ފަލަސްތީނުގެ 180 މީހެއްގެ ގަޔަށް ބަޑިޖަހާ ޝަހީދު ކޮށްލާފައެވެ.
މީގެ ތެރޭގައި ގިނައީ، ވަޅިއެއް ހިފައިގެން ހުރި ކަމަށްބުނެ އިސްރާއީލުން ބަޑިޖަހައި ޝަހީދުކޮށްލާފައިވާ ޒުވާނުންނާއި، ޒުވާން ކުދިންނެވެ. މީގެ އިތުރުން، އިސްރާއީލާ ދެކޮޅަށް މުޒާހަރާ ކުރުމުން އާންމުންގެ ތެރެއަށް ގޮތެއް ފޮތެއް ނުބަލައި ބަޑިޖެހުމުގެ ސަބަބުން ޝަހީދު ވެފައިވާ މީހުންވެސް މީގެ ތެރޭގައި ހިމެނެއެވެ.
މުހައްލިލުން ވިދާޅުވަނީ، ހުޅަނގު އައްސޭރީގެ ހިފާފައިވާ ބިންތަކުގެ އިތުރުން، އިތުރު ބިންތަކަށް އިސްރާއީލުން ވެރިވެވަގަތުމާއި، ޔަހޫދީ އާބާދީތައް ހެދުން އިތުރުކުރަމުން ދިއުމާއި، ސުލްހައިގެ ވާހަކަތައްވެސް ހުއްޓި، ސުލްހައަށްވެސް އެއްވެސް އުންމީދެއް ނެތުމުން ފަލަސްތީނުގެ ޒުވާނުން ވަރަށް ބޮޑަށް ނާއުންމީދުވެފައިވާ ކަމަށެވެ.
އަދި ކަންކަން ހައްލުކުރުމުގައި ފަލަސްތީނުގެ ސަރުކާރު ނުކުޅެދިފައިވުމީވެސް ޒުވާނުން ނާއުންމީދުވެ، މަރާލަފާނެތީ އެއްވެސް ބިރެއްނެތި އިސްރާއީލާ ކުރިމަތިލަމުންދާ ސަބަބު ކަމަށްވެސް މުހައްލިލުން ވިދާޅުވެއެވެ.
އިސްރާއީލުން ބުނަނީ، ފަލަސްތީނުގެ ޒުވާނުންގެ ހަމަލާތައް އިތުރުވެގެން އުޅެނީ ފަލަސްތީނުގެ ވެރިންނާއި، މީޑިއާއިން ހިތްވަރުދޭތީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ