ވެޓްރަންސް ކަޕް މާދަމާ ހަވީރު ފަށަނީ

ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކޮންމެ ރޯދަ މަހަކު ބާއްވާ ވެޓްރަންސް ކަޕް ފުޓްބޯޅަ މުބާރާތް މާދަމާ ހަވީރު ފަށަން ނިންމައިފި އެވެ.
މިމުބާރާތުގައި މިފަހަރު ހަތް ޓީމެއް ވަކުރާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ހަތް ޓީމު ދެ ގްރޫޕަށް ބަހާލުމަށް ފަހުއެވެ. އެގޮތުން މިމުބާރާޓުގެ ގްރޫޕް އޭގައި ހަތަރު ޓީމް ހިމެނޭއިރު ގްރޫޕް ބީގައި ހިމެނެނީ ތިން ޓީމެވެ.
މިމުބާރާތުގެ ފުރަތަމަ މެޗުގައި މާދަމަ ހަވީރު ބައްދަލުކުރާ ދެޓީމަކީ ވެލެންސިއާ އާއި ވިކްޓަރީ އެވެ. މިމުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ މާފަންނު ވިލީފުލުސް ކުރިމަތީގައި އޮންނަ ދަނޑުގައެވެ.
މިމުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ފަހު ދެ ވަނަ ބުރުގެ ސީދާ ޖާގައެއް ލިބޭނީ ގްރޫޕް އޭގެ ތިން ޓީމާއި ގްރޫޕް ބީގެ ދެ ޓީމަށެވެ. ދެ ވަނަ ބުރުގެ ފަހު ޖާގަ ލިބޭނީ ގްރޫޕް އޭގެ ހަތަރު ވަނަ އާއި ގްރޫޕް ބީގެ ތިން ވަނަ ޓީމު ބައްދަލުކުރާ ޕްލޭ އޮފް މެޗުން މޮޅުވާ ޓީމަކަށެވެ.
މިމުބާރާތުގެ ދެ ވަނަ ބުރު ކުޅުމަށް ހަމަޖެހިފައި ވަނީ ވެސް ދެ ގްރޫޕަކަށް ބަހާލައިގެން ކަމަށް ވީއިރު، ދެ ވަނަ ބުރުގައި ގްރޫޕް އޭގައި ހިމެނެނީ ފުރަތަމަ ބުރުން ގްރޫޕް އޭގެ އެއް ވަނަ ޓީމާއި ތިން ވަނަ ޓީމުގެ އިތުރުން ގްރޫޕް ބީގެ ދެ ވަނަ ޓީމެވެ. އަނެއް ގްރޫޕްގައި ހިމެނެނީ ފުރަތަމަ ބުރުގެ ގްރޫޕް ބީގެ އެއް ވަނަ ޓީމާއި ގްރޫޕް އޭގެ ދެ ވަނަ ޓީމުގެ އިތުރުން ޕްލޭ އޮފް މެޗުން މޮޅުވާ ޓީމެކެވެ.
މުބާރާތުގެ ދެ ވަނަ ބުރުގެ ކޮންމެ ގްރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެއް ސެމީއަށް ދަތުރުކުރާނެވެ.
މުބާރާތުގައި މިފަހަރު ވާދަކުރާ ޓީމް ތަކަކީ ވިކްޓަރީ، ވެލެންސިއާ، ބީޖީ ސްޕޯޓްސް، ނިއު، މާޒިޔާ، ޔުނައިޓެޑް ވިކްޓަރީ އަދި ދިވެހި ސިފައިންގެ ކްލަބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ