ކޮވިޑުގެ މިހާލަތުގައި ތައުލީމީ ދާއިރާގެ ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމަށް ނައިބު ރައީސް އެދިވަޑައިގެންފި

ކޮވިޑް 19އާ ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ މި ހާލަތުގައި މަސައްކަތްކުރާއިރު ތައުލީމީ ދާއިރާގެ ހުރިހާ ފަރާތްތަކުން ވެސް އެކަކު އަނެކަކާ ގުޅިގެން މަސައްކަތް ކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމު އެދިވަޑައިގެންފިއެވެ.
ނައިބު ރައީސް މިގޮތަށް އެދިވަޑައިގަތީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އާއި އެޑިއުކޭޝަން ދާއިރާގެ އިސްވެރިންނާ އޮންލައިންކޮށް ބޭއްވި މަޝްވަރާ ބައްދަލުުވުމެއްގައެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ވަނީ މި ހާލަތުގައި މަސައްކަތްކުރާއިރު ތައުލީމީ ދާއިރާގެ ހުރިހާ ފަރާތްތަކުން ވެސް އެކަކު އަނެކަކާ ގުޅިގެން މަސައްކަތްކޮށް ދިމާވާ މައްސަލަތައް ހައްލުކޮށް ކަންކަން ކުރިއަށްދިއުމަށް އެދިވަޑައިގެންފައެވެ. އަދި ސިއްހީ މާހިރުންގެ އިރުޝާދާ އެއްގޮތަށް ކަަންކަން ބައްޓަންކުރައްވައިގެން ކުރިއަށް ގެންދިއުމަށް ވެސް އެދިވަޑައިގަތެވެ.
އޭގެ އިތުުރުން ކޮވިޑްގެ ސަބަބުން ކުރިމަތިވެފައިވާ ދަތި ހާލަތުގައި އެޑިއުކޭޝަން މިނިސްޓްރީން ދެމުންއަންނަ ހިދުމަތްތަކާއި ކިޔަވާކުދިންގެ ކަންކަން ބެލެހެއްޓުމުގައި ކަންކަން އިންތިޒާމުކުރެވިގެން ކުރިއަށްދާ ގޮތުގެ މައުލޫމާތު ނައިބު ރައީސް ވަނީ ހޯއްދަވައިފައެވެ.
އެގޮތުން މި ހާލަތުގައި ސްކޫލު ކުދިންގެ ކިޔެވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ގޮތާއި އިމްތިހާނުތައް ބޭއްވުން ފަދަ ކަންކަމާމެދު އަމަލުކުރާނެ ގޮތްތަކާއި އަދި ދަރިވަރުންގެ ކަންކަން މި ދުވަސްވަރު ބެހެއްޓުމަށް ރޭވިފައިވާ އިންތިޒާމުތަކާ ގުޅޭ ގޮތުން ނައިބު މަޝްވަރާކުރެއްވިއެވެ.
އޭގެ އިތުރުން މިހާލަތުގައި ޓީޗަރުންނާއި ދަރިވަރުންނަށް އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހުރި ދަތިތައް އޮޅުންވިލުއްވައި ޓެލި ކްލާސްތަކާއި އޮންލައިން ކްލާސްތައް ގެންދިއުމުގައި ކަންކަން ރޭވިފައިވާ ގޮތުގެ މައުލޫމާތު ވެސް ހޯއްދެވިއެވެ.
މި ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރާއި އެޑިއުކޭޝަން ދާއިރާގެ އިސްވެރިން ވަނީ ކޮވިޑުގެ ހާލަތަށްފަހު ސްކޫލުތައް ހުޅުވޭއިރު ކަންކަން ކުރިއަށްގެންދާނެ ގޮތުގެ ޕްލޭންތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރައްވައިފައެވެ. އެގޮތުން ސްކޫލުތައް ދެން ހުޅުވޭއިރު އިންތިޒާމުކުރަންޖެހޭ ކަންކަމާއި ރައްކާތެރިކަމުގެ ގޮތުން އަޅަންރޭވިފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ނައިބު ރައީސަށް މައުލޫމާތު ހިއްސާކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ