ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާތީ ޕީޕީއެމްގެ ގިނަ ބަޔަކު އެޕާޓީ ދޫކޮށް އެމްޑީޕީ އާއި ގުޅެމުންދާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ރ.މަޑުއްވަރީގައި "އެއްބުރުން" މިނަމުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިއަދު ރައީސް މައުމޫން ރިޔާސީ އިންތިހާބަށް ކުރިމަތިނުލައްވާތީ ރާއްޖޭގެ ގިނަ ރައްޔިތުން އެހެން ގޮތެއް ހޯދުމަށް ތައްޔާރަށް ތިބި ކަމަށެވެ. އަދި އެ ރައްޔިތުންނަށް މިހާރު ފެންނަން އޮތީ އެމްޑީޕީ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އަލިފުށިން ފެނުނު ކުއްޖާ، ވާދޫން ފެނުނު ކައުންސިލަރު، ރަސްގަތީމުން ފެނުނު ކައުންސިލަރު، އަޅުގަނޑުމެންނަށް ރާއްޖޭގެ ކޮންމެ ރަށަކުން ފެންނަ ކައުންސިލަރު މި ބުނަނީ އެއް ވާހަކައެއް، ބައްޕަ ބުންޏޭ ދެން މައުމޫނަށް ތާއީދު ނުކުރިޔަސް ހެވޭ، މައުމޫން ކުރިމައްޗެއް ނުލައްވައޭ، ބައްޕަ އެބަ ބުނުއްވައޭ ދެން ދަރިންނޭ ތިކުދިން ބޭނުން ގޮތަކަށް މިކަން ކުރާށޭ." ނަޝީދު ވިދާޅުވި އެވެ.
"އެކުދިން ބޭނުން ގޮތް އެކުދިންނަށް އޮތީ ފެންނަން ވަރަށް ކުރީއްސުރެ، އެއީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ވެރިކަން، އަޅުގަނޑުމެން ތިބޭފުޅުންނަށް ޔަގީންކަން އަރުވަނީ އިރާދަކުރެއްވިއްޔާ އެއް ބުރުން އަޅުގަނޑުމެން މި އިންތިހާބު ކާމިޔާބުކުރާނެ، ތިބޭފުޅުންނަށް ހެޔޮ ވެރިކަމެއްކޮށްދިނުމަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެނބުރި އަންނާނެ." ރައީސް ނަޝީދު އިތުރަށް ވިދާޅުވި އެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ 2008 ވަނަ އަހަރު ރާއްޖޭގެ ވެރިކަމާ އެމްޑީޕީ ހަވާލުވި އިރު ރާއްޖޭގެ އާބާދީގެ 1/3 ރައްޔިތުންނަކީ އދ. ބުނާ ހައިހޫނު ކަމުގެ މިންގަނޑުން ތިރީގައި ތިބި ރައްޔިތުން ކަމަށާއި އެހެންކަމާއެކު އެމްޑީޕީގެ އަމާޒަކަށްވީ 2008 ވަނަ އަހަރުގެ މެނިފެސްޓޯ މެދުވެރިކޮށް ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދާދިނުން ކަމަށެވެ.
އަދި އިޖްތިމާޢީ ރައްކާތެރި ކަމުގެ އަގުވެސް 2009 ވަނަ އަހަރުވެސް ދޮޅު ބިލިއަން ރުފިޔާއަށް އަރާކަމަށާއި އެމްޑީޕީ 2008 ވަނަ އަހަރު ވެރިކަމާ ހަވާލުވި އިރު ދިވެހި ސަރުކާރުގެ އާމްދަނީ އަކީވެސް 7 ބިލިއަން ހަމަނުވާ ޢަދަދެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ ތެރޭގައި ސަރުކާރުގެ މުއައްޒަފުންގެ މުސާރައާއި ކަންކަމަށް 4 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ވާކަމަށާއި އެހެންކަމުން ހިންގުމުގެ ޚަރަދާއި ހުރިހާ ކަމަކަށް ކެނޑީމާ ރާއްޖޭގެ ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރި ކަމަށާއި ތަރައްޤީގެ މަސައްކަތް ހިންގުމަށް ފައިސާ ނުހުންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި އެމްޑީޕީގެ އަމާޒަކަށްވީ އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށް ދިނުމަށްޓަކައި ޓެކްސްގެ ނިޒާމް ޤާއިމް ކުރުން ކަމަށާއ އަދި ރައީސްލްޖުމްހޫރިއްޔާއަށް ހިނގާ ޚަރަދު ކުޑަކުރުން ކަމަށް ވިދާޅުވިއެވެ. އެމްޑީޕީ ވެރިކަމާއި ހަވާލުވުމުގެ ކުރީގައި ރައީސުލްޖުމްހޫރިއްޔާގެ ޚަރަދަށް އެކަނިވެސް 700 މިލިއަން ރުފިޔާ ޚަރަދު ކުރަމުން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.
އަދި އެމްޑީޕީ ސަރުކާރުން ކުރި މަސައްކަތުން 700 މިލިއަން ރުފިޔާއިން ކުރި ޚަރަދު 30 މިލިއަން ރުފިޔާއަށް ދަށްކުރެވުނު ކަމަށް ވިދާޅުވިއެވެ. އަދި 2009 ވަނަ އަހަރު ޓެކްސްގެ ނިޒާމް ޤާއިމް ނުކުރެވުނު އިރުވެސް ދޮށީ އުމުރުގެ މީހުންނަށް ޕެންޝަނެއް ދެވެން ފެށުނީ ރައީސްލްޖުމްހޫރިއްޔާއަށް ކުރިން ޚަރަދު ކުރަމުން އައި 700 މިލިއަން ރުފިޔާ ޚަރަދު 30 މިލިއަން ރުފިޔާއަށް ދަށްކުރެވުނީތީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ސަރުކާރުން ތަޢާރަފްކުރި ޓެކްސްގެ ނިޒާމްގެ ސަބަނުން މިއަދު ދިވެހި ސަރުކާރުގެ އާމްދަނީ އަކީ 12 ބިލިއަން ރުފިޔާ ކަމަށާއި އެމްޑީޕީގެ ސަރުކާރުގައި ދިވެހި ސަރުކާރުގެ އާމްދަނީ ދެގުނަ ކުރެވުނު ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރީގައި ރައްޔިތުންނަށް ލިބެމުންދިޔަ އެހީތެރިކަމާއި އެމްޑީޕީ ވެރިކަމުގައި ރައްޔިތުންނަށް ލިބެމުންދިޔަ އެހީތެރިކަން މިހާރު ރާއްޖޭގެ ރައްޔިތުންނަށް ސާފުވާނޭ ކަމަށެވެ.
މައުމޫން ވާދަނުކުރައްވާތީ ގިނަ ބަޔަކު އެމްޑީޕީއާ އެބަގުޅޭ - ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ