މައުމޫންގެ ކަންތައް މިހާ ހިސާބުން ނިމުނީ - އުމަރު

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ޕްރައިމަރީގެ ވާދަވެރި ކެމްޕެއިން އުމަރު ނަސީރު ވިދާޅުވި ވާހަކަފުޅައި ގުޅިގެން އިތުރަށް ހޫނުވެއްޖެ އެވެ.
މިރޭ ރާއްޖެ މިއަދު ޕްރޮގްރާމުގައި ޕްރެޒެންޓަރުކުރި ސުވާލަކަށް ޖަވާބުދެއްވަމުން އުމަރު ނަސީރު ވިދާޅުވީ ރައީސް މައުމޫންގެ ކަންތައް މިހާ ހިސާބުން ނިމުނީ ކަމަށެވެ.
ޕީޕީއެމް ޕްރައިމަރީގައި ވާދަކުރައްވާނީ އެޕާޓީގެ ޓިކެޓު ލިބިވަޑައިގަންނަވާ ބޭފުޅެއް ނޫންތޯ އާއި ދެން ރައީސް މައުމޫން ވާދަނުކުރައްވާނެ ނޫންތޯ ޕްރެޒެންޓަރު އުމަރު ނަސީރާއި ސުވާލުކުރެއްވުމުން ވިދާޅުވީ "ރައީސް މައުމޫން ދެން ވެރިކަމަށް ކުރިމަތިލެއްވުމަށް ޕީޕީއެމްގެ އަސާސީ ގަވައިދާއި އެއްވެސް އެއްޗެއް ތަނެއް ނުދޭ، ވަރަށް ސާފު ރައީސް މައުމޫން ކަންތައް މިހާހިސާބުން ނިމުނީ" ކަމަށެވެ.
އެމްވީޔޫތަށް މައުލޫމާތުދެއްވަމުން ޕީޕީއެމްގެ ޑެޕިއުޓީ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒް އަލީ ވިދާޅުވީ އުމަރު ނަސީރު ބޭނުންކުރި އިބާރާތަކީ މީގެކުރިން އެމްޑީޕީ މީހުން ބޭނުންކުރަމުންދާ އިބާރާތެއް ކަމަށާއި އެފަދަ އިބާރާތަކުން އެގޮތަށް ވިދާޅުވީމަ އެކަމާއި ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެން މި ކަންބޮޑުވަނީ މީގެކުރިން އެމްޑީޕީ މީހުން ބޭނުންކުރަމުންދާ ފަދަ އިބާރާތެއް ބޭނުންކުރެއްވީމަ، ރައީސް މައުމޫން އެއީ އަމިއްލަ ފަރުދެއް، އިންތިހާބުގައި ބޭނުންވެއްޖެ ހާލަތެއްގައި ވާދަކުރެއްވޭނެ އަމިއްލަ ގޮތުން ވެސް، އެހެންވީމަ އެބަސް ބޭނުންކުރެއްވި ގޮތް ރަނގަޅެއް ނޫން." މުއާޒް ވިދާޅުވި އެވެ.
އުމަރުގެ މިވާހަކަތަކާއި ގުޅިގެން މީގެކުރިން އުމަރަށް ސީދާ ގޮތެއްގައި ރައްދު ދީފައިނުވާ އެޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެމްޕެއިން ޓީމުން މިރޭ ދިޓީވީގައި ވަގުތު ގަނެގެން ފޮނުވި ލައިވް ޕްރޮގްރާމެއްގައި އުމަރަށް ވަނީ ރައްދު ދީފައެވެ.
ދިޓީވީން ފޮނުވި ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ޝަރީފް އުމަރުގެ ވާހަކަތަކާއި މެދު ހިތްހަމަނުޖެހުން ފާޅުކުރައްވާ ވިދާޅުވީ ޕީޕީއެމްގެ ތެރެއިން ރައީސް މައުމޫންގެ ދުވަސް ދުވަހަކު ވެސް ނުދާނެ ކަމަށާއި ދުވަސް ދާނީ އެފަދަ ވާހަކަތައް ދައްކާ މީހުންގެ ކަމަށެވެ.
އެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މުއާޒް ވިދާޅުވީ ޓީވީއެމް ރާއްޖެ މިއަދު ޕްރޮގްރާމުގައި ލިބުނު 30 މިނެޓުގައި 30 އަށް ވުރެން ގިނަ ފަހަރު ޔާމީންގެ ނަން އުމަރު ބޭނުންކުރެއްވި ކަމަށާއި ޔާމީނަށް އުމަރުގެ ނަން ވިދާޅުވާން ވަގުތެއް ނުލިބެނީ ރައްޔިތުންނަށްކޮށްދެއްވާނެ ހިދުމަތްތަކުގެ ވާހަކަދައްކަން ވަގުތު ބޭނުންވާތީ ކަމަށެވެ.
މިރޭ ޓީވީއެމް ރާއްޖެ މިއަދު ޕްރޮގްރާމުގައި ރައްޔިތުންނަށް ޔާމީންގެ ހަގީގަތް އެނގެން ޖެހޭނެ ކަމަށް އުމަރު ވިދާޅުވުމާއި ގުޅިގެން އެއަށް ވެސް ޔަގީން ޓީމުން ރައްދުދީފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ