އައްޑޫ ސިޓީގެ އެކި ސަރަހައްދުތަކުން މިރޭ ކަރަންޓު ކެނޑެނީ

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދިނުމަށް ބޭނުންކުރާ އިންޖީނެއްގެ ހޮޅިއެއް ފަޅައިގެން ދިއުމާއި ގުޅިގެން މިއަދު މެންދުރުން ފެށިގެން އައްޑޫ ސިޓީގެ އެކި ހިސާބުތަކުން އެކި ގަޑިތަކުގައި ކަރަންޓު ކެނޑެމުން އެބަދެ އެވެ.
ސަދަން ޔޫޓިލީސް ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުﷲ ޒުހައިރު ވިދާޅުވީ ކަރަންޓު ކެނޑެމުން ދަނީ މަރަދޫގައި ހުންނަ ހަ އިންޖީނުގެ ތެރެއިން އެއް އިންޖީނުގެ ހޮޅިއެއް ފަޅައިގެން ގޮސް ތެޔޮ ލީކުވުމުގެ ސަބަބުން އިންޖީނު މަރާމާތު ކުރަން ބައެއް އިންޖީނުތައް ނިވާލަން ޖެހިފައިވާތީ ކަމަށެވެ.
ހޮޅި ފަޅައިގެން ދިޔަ އިންޖީނު މަރާމާތު ކުރެވެން ދެން ދޭތެރެ ދޭތެރެއިން އައްޑޫގެ އެކި ސަރަހައްދު ތަކުން ކަރަންޓް ކަޑަމުންދާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޒުހެއިރު ވިދާޅުވީ އައްޑޫގެ މަރުކަޒީ އިންޖީނުގޭގައި ތިބި އިންޖީނުތަކަށް ފުރިހަމަ ސާވިސް ނުދެވި ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލުނުވާނެ ކަމަށާއި މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ މަރުކަޒީ އިންޖީނު ގޭގެ ހަ އިންޖީނު އެކަށީގެންވާ ވަރަށް މަރާމާތުކޮށްގެން ކަމަށެވެ.
މިއަދު މެންދުރުން ފެށިގެން އައްޑޫގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑެމުންދާތީ ގިނަ ބަޔަކު ތިބީ ހިތްހަމަނުޖެހިފައެވެ. އަދި އެކަމުގެ ޝަކުވާ އާއްމުން ދަނީ ކުރަމުންނެވެ. ކަރަންޓު ކަޑައިގެންދާތީ ގިނަ ގޭގޭގެ އިލެކްޓްރޯނިކް ސާމާނުތައް ހަލާކުވަމުންދާ ކަމުގެ ރިޕޯޓުތައް ދަނީ ލިބެމުންނެވެ. އަދި ވައްކަން އިތުރުވެދާނެ ކަމަށް ބަލާ ފުލުހުން ދަނީ އައްޑޫގެ އެކި މަގުތަކުގައި ހަރަކާތްތެރިވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ