ސަރުކާރާއިއެކު ރައްޔިތުން ތިބުމަށް ނާއިބު ރައީސް ގޮވާލައްވައިފި

ރާއްޖޭގެ ހުރިހާ ރައްޔިތުންނަކީ ވެސް ސަރުކާރުން ހިންގާ މަޝްރޫޢުތައް ހިންގުމުގައި އެއްބާރުލުން ދެއްވާ ރައްޔިތުންގެ ގޮތުގައި ތިބުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަބްދުﷲ ޖިހާދު އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ ސަރދަން ޓްރާންސްޕޯޓް ލިންކްގެ ނަމުގައި އައްޑޫ އަދި ފުވައްމުލަކުގެ ބަސް ދަތުރުގެ ހިދުމަތް އިފްތިތާހްކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ‏‎.‎‏
މިރޭ އައްޑޫ ސިޓީ ފޭދޫގައި ބޭއްވުނު މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ އައްޑޫ އަދި ފުވައްމުލަކުގައި އިފްތިތާހްކުރެވިގެން މި ދިޔަ ބަސް ދަތުރުގެ ހިދުމަތުގެ ސަބަބުން ރައްޔިތުންނަށް އެއްގަމު ދަތުރުފަތުރުކުރުމުގައި ބޮޑެތި ލުއި ފަސޭހަ ތަކެއް ލިބޭނެ ކަމުގައާއި، ފަސޭހަކަމާއެކީ އެއްތަނުން އަނެއްތަނަށް ރައްޔިތުންގެ މުދާ އުފުލޭނެ މަގު ތަނަވަސް ވެގެން ދިޔަކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ދެއްކެވި ވާހަކަފުޅުގައި މިރޭ އިފްތިތާހްކުރެވިގެން މިދިޔަ ހިދުމަތުގެ ސަބަބުން އައްޑޫ ސިޓީގެ ދަތުރުފަތުރުކުރުމަށް ރައްޔިތުން ހޭދަކުރާ ފައިސާގެ 90 އިންސައްތަ ކުޑަވެގެން ދާނެކަމުގައި ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުހައްމަދު ސައީދާއި، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީއާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ޖުނައިދު ވާހަކަފުޅު ދެއްކެވިމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ