ފޭދޫ ދާއިރާގެ މެމްބަރު ދައްކަވާފައިވަނީ ހުވަޔާ ޚިލާފު ވާހަކަ ތަކެއް: ސަމީރު

ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު ޤާސިމް އިބްރާހީމް އާއި ބެހޭ ގޮތުން ޕީޕީއެމްގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ ދައްކަވާފައިވާ ވާހަކަ ތަަކަކީ މެމްބަރެއްގެ ހުވަޔާ ޚިލާފަށް ދައްކަވާފައިވާ ވާހަކަތަކެއް ކަމަށް ޖުމޫހުރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެ އެވެ.
ސަމީރު މިހެން ވިދާޅުވީ ގާސިމް އިބްރާހިމް 2015 ވަނަ އަހަރުގެ ބަޖެޓަށް ވޯޓުދެއްވީ މާލެ އަތޮޅުން ދެ ފަޅުރަށް ދޭން ވިދާޅުވެގެން ކަމަށް ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ރާއްޖެ ޓީވީ ގައި ވާހަކަ ދައްކަވާފައި ވާތީ އެކަމާއި ބެހޭ ގޮތުން ވީނިއުސްއަށް ދެއްވި އިންޓަރވިއުއެއް ގައެވެ.
ސަމީރު ވިދާޅުވީ އިބްރާހީމް ދީދީ އަކީ ވިލާ ރިސޯޓްތަކުގައި ކުރިން މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި އެހެންކަމުން އޭނާގެ އަމިއްލަ ރެކޯޑްތައް ހުރިގޮތް އިބްރާހީމް ދީދީއަށް ރަނގަޅަށް އެނގިވަޑައި ގަންނަވާނެ ކަމަށެވެ.
ޤާނޫނީ ގޮތުން ކޮށްގެން ހުންނެވި ހުވަޔާ ޚިލާފަށް، ޕާޓީގެ އިސްވެރިންނާއި ސަރުކާރުގެ ވެރިން ހެއްވާލާ އުފާކޮށްދިނުމަށް ދޮގު ވާހަކަތައް ދެއްކެވުމަކީ އެންމެ ޒިންމާދާރު ގޮތް ނޫން ކަމަށް ސަމީރު ވިދާޅުވި އެވެ.
"ޤާސިމް އިބްރާހީމް އަބަދުވެސް ބަޖެޓަށް ވޯޓް ދެއްވަނީ ޤައުމީ މަސްލަހަތުގައި، ރައީސް ނަޝީދު ސަރުކާރާއި ރައީސް ޔާމީނު ސަރުކާރުގައިވެސް ޤާސިމް ވޯޓް ދެއްވާފައިވަނީ ޤައުމީ މަސްލަހަތުގައި، ޤާސިމް އިބްރާހީމަކީ މަޖިލީހުގެ ޤާނޫނީ ޒިންމާތައް އަދާކުރުމުގައި ނަމޫނާ ބޭފުޅެއް، ސަރުކާރުން ލިބޭނެ އެއްޗަކަށް އަދި ދެއްވަފާނެ އެއްޗަކަށް ވިސްނަވައިގެންނެއް ނޫން ޤާސިމް މަޖިލީހުގައި މަސައްކަތް ކުރައްވަނީ، މިކަމަށް މަޖިލީހުގެ އެންމެހާ މެމްބަރުން ހެކިވާނެ" ސަމީރު ވިދާޅުވި އެވެ.
ޤާސިމް އަށް ލިބިފައިވާ ތަނަވަސްކަމާއި މުދާވެރިކަމުގެ ތެރެއަށް ނާޖާއިޒު ގޮތެއްގައި އެއްވެސް އެއްޗެއް އިތުރު ކުރައްވަން މާޒީގައިވެސް އަދި މިއަދުވެސް ޤާސިމް މަސައްކަތް ކުރައްވާފައި ނެތް ކަމަށާއި އޭގެ ބަދަލުގައި ޤާސިމްއަކީ އެމަނިކުފާނުގެ ތަނަވަސް ކަމުގެ ތެރެއިން އެހެން މީހުންނަށް އެހީތެރިވުމުގެ މަތިވެރި ސިފައިގައި ދެމި ހުންނެވި ބޭފުޅެއް ކަމުގައި ސަމީރު ވިދާޅުވި އެވެ.
"ސަރުކާރަށް ނިސްބަތްވާ ބެފުޅުން މިއަދު އެކުރައްވާ ކަމަކީ ޤާނޫނު އަސާސީގެ ހިމާޔަތުގައި ޤާސިމް މަސައްކަތް ފެއްޓެވީމައި ޤާސިމަށް ބިރު ދެއްކުމުގެ މަސައްކަތް، ކިތަންމެ ވަރަކަށް ބިރުދައްކާ ފިއްތުންތައް ކުރިމަތި ކުރިނަމަވެސް ޤާސިމް ކުރައްވާ ޤައުމީ މިމަސައްކަތުގައި ފަހަތަށް ޖެހިވަޑައި ޖުގަންނަވާނެ،" ސަމީރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ